ވަގުތީ ހިޔާތަކަށް ގެންދާ މީހުންގެ މުސްތަގުބަލަށް ރަނގަޅު ޕްރޮގްރާމްތަކެއް!

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ --- -- ފޮޓޯ/ އެންއީއޯސީ

ވަންނާނެ ބޯހިޔާވަހިކަމެއް ނެތި މާލެ ސިޓީގެ މަތުމަތީގައި ދިރިއުޅެމުން އަންނަ މީހުން ކ. ގުޅީފަޅުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ގެންގޮސް އެތަނުގައި ހޭދަކުރާ މުއްދަތުގައި އެމީހުންނަށް ބޭނުންވާ ފަރުވާގެ އިތުރުން ދާއިމީ ހިޔާވެއްސެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތާއި ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކާއި ގުޅިގެން "އިމާޖިން ސޯޝަލް އިޝޫ"އެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލެ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އެގޮތުން އެ މައްސަލައަށް ހައްލެއް ހޯދައި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ ހިދުމަތްތަކާއި ވަގުތީ ރައްކާތެރިކަން ކަށަވަރުކޮށްދީ ބޭނުންވާ ކާބޯތަކެއްޗާއި އަންނައުނާއި ބޯހިޔާވަހިކަން، ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ހާލަތު ވަޒަންކޮށް، ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން، ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް، ކ. ގުޅިފަޅުގައި ގާއިމުކޮށްފައިވާ ހިޔާތަކުގައި ވަގުތީ ޝެލްޓާއެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ޝެލްޓާއަށް ގެންދާ މީހުންގެ ހާލަތު ވަޒަންކުރުމަށްފަހު އެސެސްމަންޓުން ފާހަގަކުރެވޭ ބޭނުންތަކަށް ރިއާޔަތްކޮށް އޭގެ ތެރެއިން ޑީޓޮކްސިފިކޭޝަން ފަރުވާއަށް ބޭނުންވާ ފަރާތްތައް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނެޝަނަލް ޑްރަގް އެޖެންސީން ބަލަހައްޓަމުން ގެންދާ ޑިޓޮކްސް ކޭމްޕްގައި ބޭތިއްބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ގުޅީފަޅާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުން ވަގުތީ ބޯހިޔާވަހިކަމާއި އަސާސީ ހައްގުތައް ކަށަވަރު ކުރުމަށާއި އެހެނިހެން އިޖުތިމާއީ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާއިރު، ޖެންޑާއިން ބުނީ އެ މަރުކަޒުތަކަށް މީހުން ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމީހެއްގެ ރުހުމާއެކު އެފަރާތަކާއެކު އެކުލެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މަރުކަޒުތަކަށް ގެންދާ މީހުން އެތަނުގައި ހޭދަކުރާ މުއްދަތުގައި، ބޭނުންވާ ފަރުވާގެ އިތުރުން ދާއިމީ ހިޔާވައްސެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއެކު ހުރި ހުނަރުތައް ދެނެގަނެ ލައިފް ސްކިލްސް ތަމްރީނު ޕްރޮގްރާމުތައް ހިންގުމާއެކު ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރާވާފައިވާ ކަމަށް ވެސް ޖެންޑާ އިން ބުންޏެވެ.

މީގެ ކުރިންވެސް ކޮވިޑް19ގެ ހާލަތުގައި ބޯހިޔާވަހިކަމެއް ނެތި އުޅުނު މީހުންނަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

އަނެއްކާވެސް އެފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައިީ މަގުމަތީ ނިދައި ހަދާ މީހުން ގިނަވެފައިވަނިކޮށެވެ.

comment ކޮމެންޓް