އެމްބީއޭގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްބީއޭ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ 2020-2024 ދައުރުގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އެމްބީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީ ހޮވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ކަމަށެވެ. އެމްބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ސޮލައިޓް ރެސްޓޯރަންޓްގެ ނުވަވަނަ ފަންގިފިލާގެ އިންޑޯ ހޯލްގައި، 12 ވާ ހޮނުހިރު ދުހަވުގެ ހަވީރު 5:00 ގައެވެ.

އެމްބީއޭގެ ހިންގާ ކޮމިޓީއަށް އިންތިހާބު ކުރުމަށް ހުޅުވާލެވިފައިވާ މަގާމުތަކަކީ ރައީސް، ނައިބު ރައީސް، ހަޒާންދާރު، އަމިއްލަ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ އެއް މެންބަރު އަދި ފުރިހަމަ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ފަސް މެންބަރުންނެވެ.

އެމްބީއޭގެ އިންތިހާބުގައި ވޯޓު ދިނުމުގެ އަގުލަބިއްޔަތު ލިބިފައިވާ ފުރިހަމަ މެންބަރު ކްލަބް/ޖަމިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓްރީކުރުމަށް ހުށަހަޅާ ޕްރޮކްސީ ފޯމާއި، އިންތިހާބުގައި ހޮވާ މަގާމުތަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު އަދި އިންތިހާބު ކުރިއަށް ގެންދިއުމައްޓަކައި އަމަލުކުރެވޭ އުސޫލު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށް އެ އެސޯސިއޭޝަނުން ލިބޭނެކަމަށް އެމްބީއޭއިން ބުނެއެވެ.

އެމްބީއޭއިން ނެރުނު އިއުލާނުގައި އިތުރަށް ބުނެފައި ވަނީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ފޯމާއި، އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތައް ފުރިހަމަ ކުރަންޖެހޭ ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މި މަހުގެ 10 އެއް ވާ ބުރާސްފަތި ދުވަހުގެ 13:30 ކަމަށެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެމްބީއޭގެ އިދާރީ އޮފީހުންކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

comment ކޮމެންޓް