ކެއްކުމާއި، ކެކުޅުމާއި އެކު ހަޔާތެއްގެ އަޑިގުޑަން ވާހަކައެއް

ނިޔާޒާ ސަލީމް،48 ---ފޮޓޯ:ފަޔާޒް މޫސާ/ސަން

އިންސްޓަގްރާމުން ލޮލުގައި އަޅައިގަތީ ނިޔާ ސަލީމްގެ ފީޑެވެ. އެއީ ހޯމް ކުކްއެކެވެ. އޭނާ ނުކައްކާ ބާވަތެއްގެ ކެއުމެއް ނެތެވެ. ދިވެހިވަންތަ ފުފޫ ކަންޖާއި ރިހާކުރު ދިޔަ އާއި ސިލޯނު ތާލީއަކަސް ހަމަ އެއްވަނަ އެވެ. ނުވިތާކަށް މެކްސިކަން ކާތަކެތި ކަމަށްވާ ފަހީޓާ ކޯންސް އާއި އިޓާލިއަން ޕާސްތާއިން ފެށިގެން ގޮސް އެކި ވައްތަރުގެ ކޭކުތައް ވެސް އޭނާ އަޅަ އެވެ.

ނިޔާޒާ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ބައެއް ފޮޓޯ--

އެހެންނަމަވެސް މި ޕޭޖުގެ ވެރި ނިޔާޒާ ސަލީމް،48 ގެ ވާހަކައަކީ ހަމައެކަނި ކާއެއްޗެހީ ގެ ފޮޓޯތަކަކުން ނިންމާލެވޭނެ ވާހަކަތަކެއް ނޫނެވެ. މި ކެއްކުންތަކުގެ ފަހަތުގައި ފުން ސިއްރެއް އެބައޮތެވެ. ހިތްދަތި ވާހަކަތަކެއް އެބަހުއްޓެވެ.

ސްކޫލް ދުވަސްވަރުވެސް އޭނާއަކީ ބަސްއަހާ މަޑުމައިތިރި ކުއްޖެކެވެ. މާގިނައިން މީހުންނާއި ވާހަކަނުދައްކާއިރު، ސްކޫލުގައި ވެސް ކިޔެވުން ނޫނީ އިތުރު ކަމެއްގައި ބައިވެރިއެއް ނުވެ އެވެ.

ހަޔާތަށް ބިންދާލި ބިޔަ ބޮޑު ރާޅުގެ ފުރަތަމަ ފެށުމަކީ ވެސް ސްކޫލް ނިންމި ދުވަސްވަރެވެ. ޖެހިލި މަޑު ވައިރޯޅިއެއްހެން މަޑުމަޑުން ގެންދަން ފެށީ އޭނާގެ އަޑެވެ. ފަހުން ފަހުން އައިސް ކައިރީ ޖެހިގެން އިންނަ ކުއްޖާއަށް ވެސް އޭނާ ދައްކާ ވާހަކަ އަޑުނީވޭ ހިސާބަށް ދިޔަ އެވެ.

އެއީ މީގެ 30 އަހަރު ކުރި އެވެ. ހަޔާތުގެ އެންމެ ޒުވާން ދުވަސްވަރު، އެއްވެސް އިހުތިޔާރެއް ބާރެއްނެތި އަމިއްލަ އަޑާއި ވަކިވިއިރު މިއީ ކުރިއަށް އޮތް ދުވަސްތަކަކަށް އޭނާ ތައްޔާރުވުމަށް ދިން ސިގްނަލެއްކަމުގައި ކުޑަކޮށްވެސް ހީކުރެވިފައެއް ނެތެވެ.

ނިޔާޒާ ސަލީމް،48 ---ފޮޓޯ:ފަޔާޒް މޫސާ/ސަން

ފުރަތަމަ ގެއްލުނީ އަޑު، ސާފު ޖަވާބުތަކެއް ނުލިބޭ

އަމީނީޢްޔާ ސްކޫލް އިން އޯލެވެލް ނިންމާލުމަށްފަހު 1990 ގައި ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި ނިޔާޒާ ވަނީ ބޭންކް އޮފް މޯލްޑިވްސް އަށެވެ. ބޭންކްއަށް ވަނުމަށްފަހުވެސް އަޑުގެ މި މައްސަލައަށް ފަރުވާއެއް ލިބޭތޯ އެކި ގޮތްގޮތަށް މަސައްކަތްކުރެވުނެވެ. 1990 އާއި 1995 އާއި ދެމެދު މާލޭގައި ތިބި އެތަށް ޑޮކްޓަރުންނަށާއި، އިންޑިއާ އާއި ލަންކާއަށްވެސް ގޮސް ދެއްކުނެވެ. ނަމަވެސް އެއްވެސް ޖަވާބެއް ލިބޭގޮތެއް ނުވި އެވެ.

"ތިން މަސް ދުވަސްވަންދެން ސްޕީޗް ތެރަޕީވެސް ހެދިން. ކޮންމެ ދުވަހަކު ޑިއުޓީގައި އިނދެފައި ދަނީ ތެރަޕީއަށް. އެކަމަކު އެއްވެސް ކުރިއެރުމެއް ނުލިބުނީމަ ވަރަށް ހިތްހަމަނުޖެހިފައި ޑޮކްޓަރު ބުނީ ދެން ދުވަހަކުވެސް ރަނގަޅެއް ނުވާނެއޭ. އެދުވަހު ވަރަށް ރުއިން. އޭރުގެ ސޯސަން މަގުގައި ހުންނަ ހޮސްޕިޓަލުން ފެށިގެން ބޭންކާއި ހަމައަށް ހަމަ ރޮމުންރޮމުން ދިޔައީވެސް،" ނިޔާޒާ ކިޔައިދިނެވެ.

އެއަށްފަހު އުމުރުން 23 އަހަރުގައި އަލަތު ކައިވެނިކުރުމަށް އޭނާ ވަޒީފާ ދޫކޮށްލި އެވެ. އެއީ މޮޔަ ހިޔާލެއްކަމަށް ގިނަބަޔަކު ނަސޭހަތްދިނަސް ނިޔާޒާ ބުނާގޮތުން އޭނާ އަބަދުވެސް ބޭނުންވީ ކައިވެންޏަށްފަހު ފިރިމީހާއަށާއި ދަރިންނަށް ހިދުމަތްކުރުމަށް ގޭގައި ހުންނާށެވެ.

" ފުރަތަމަ ކައިވެނިކުރަން އުޅުނިއިރު ހުރީ ބޭންކުގެ ރަނގަޅު މަގާމެއްގައި. އެކަމު ހަމަ ދޫކޮށްލީ. އެއީ އަބަދުވެސް ބޭނުންވީ ހައުސް ވައިފްއެއްގެ ގޮތުގައި ހުންނަން. އެއްވެސް އިރަކު ކެރިއާއެއް ބިލްޑްކޮށްގެން ކުރިއަށްދާކަށް ނުވިސްނަން. ކެނޑެންވެގެން އުޅެނިކޮށް މައިދައިތަވެސް ވަރަށް ބުނި ފިރިހެނަކަށް ބަރޯސާވެގެން ޖޮބް ދޫކޮށްނުލާށޭ،" ނިޔާޒާ ބުންޏެވެ.

މާ ގިނަދުވަހެއްނުވެ ކައިވެނީގައި ބޮޑެތި ރެދުތަކެއްލައި ދެމަފިރިންނަށް އެކުގައި ނޫޅެވޭ ވަރުވި އެވެ. އެއާއެކު ނިޔާޒާ އޭނާގެ ބައްޕަގެ ގެއަށް ދަރިފުޅާއި އެކު ބަދަލުވެ އަދި އެނބުރި ބޭންކުގެ ވަޒީފާއަށް ވެސް ދާން ފެށި އެވެ.

އެ ހިތާމައިގައި އުޅެނިކޮށް މާބޮޑަށް އަޑުގެ މައްސަލަވެސް ބޮޑުވެ ވާހަކަ ދައްކާ އުޅެވޭވަރު ނުވުމުން ބައްޕަ އާއި އެއްބަނޑު ކޮއްކޮއާއި ދަރިފުޅު ގޮވައިގެން އިންޑިއާއަށް ބަދަލުވި އެވެ.

"މާލެއިން ކުރިން ދެއްކިއިރު ބުނާނެ އަބަދުވެސް ކޮންމެވެސް ކަހަލަ އިންފެކްޝަން އެކޭ. ދެން އެފަހަރު އިންޑިއާއަށް ގޮސް ދެއްކީމަ ބުނީ ކުޑަ ގްރޯތް އެއް އެބައިނޭ. އެކަމަކު އެއީ ޕެޕިލޯމާ އެކޭ. އެބުނީ ނުރައްކާތެރި އެއްޗެއް ނޫނޭ." 1999 ގައި އިންޑިއާ އަށްް ބޭސްފަރުވާ އަށް ކުރި ދަތުރާއި ބެހޭގޮތުން ނިޔާޒާ ބުންނެވެ.

އެއަށްފަހު އެ އެތިކޮޅު ނަގައި، ފަލަމަސްގަނޑުން މަސްކޮޅެއް ވޯކަލް ކޯޑަށް ލެއްވި އެވެ. ނިޔާޒާ ބުނާގޮތުގައި އޭރު އެސްމާގެ ކަންކަންވެސް ހުރުމުން ސާޖަރީ ހެދުމަށް ގާތްގަނޑަކަށް ދެމަސް އިންޑިއާގައި ހޭދަކުރަން ޖެހުނެވެ. ޑޮކްޓަރުން އޭނާގެ ކިބައިން އެދުނީ އިތުރު ހަ މަސް ދުވަސް އިންޑިއާގައި މަޑުކޮށް ސްޕީޗް ތެރަޕީ ފުރިހަމަ ކުރުމަށެވެ. ނަމަވެސް އޭރު ވަޒީފާގައި ނޯޕޭ އިތުރަށް ލިބެން ނެތުމުން މާލެ އައީ އެވެ.

ނިޔާޒާ ބުނާގޮތުން އެ އޮޕަރޭޝަނަށްފަހު ކޮންމެވެސް ވަރެއްގެ ލުޔެއް އަޑަށް ލިބުނެވެ. ނަމަވެސް މީހުންނާއި ބައްދަލުވެ ވާހަކަދެއްކުމަށް އެއްވެސް ވަރަކަށް ނުކެރެ އެވެ.

"އިންޑިއާއަށް ގޮއްސަ އައިފަހުން ކޮންމެވެސް ވަރަކަށް ލުއިވިހެން ހީވި. ބޮޑަށް ހުންނަނީ ރޯގާއެއް ޖެހިފައި ހުންނަ ހެން. ނުދަންނަ މީހަކާއި ފުރަތަމަ ވާހަކަދައްކާއިރަށް ބުނާނެ ރޯގާ ޖެހިފައި ދޯއޭ. އެހެންވެ ނުވޭ އެއްވެސް ވަރަކަށް ވާހަކަ ދައްކާހިތެއް މީހުންނާ." އޭނާ ބުންޏެވެ.

ނިޔާޒާ އިންޑިއާގައި އޭނާގެ އާއިލާއާއި އެކު ކެންސަރަށް ފަރުވާ ހޯދަމުންދަނީ --

އާ ބައިވެރިއެއް، އުފާވެރި ދުވަސްތަކެއް

ލިބުނު ކުޑަ ހިތްހަމަޖެހުމާއި އެކު ނިޔާޒާ އުންމީދުކޮށްގެން ހުރީ ހުރިހާ ކަމެއްވެސް މަޑުމަޑުން ރަނގަޅުވަމުންދާނެ ކަމަށެވެ. އެނބުރި އޭނާގެ ދަރިފުޅާއި އެކު މާލެ އައިއިރު އޮތީ ވަޒީފާވެސް ގެއްލިފަ އެވެ. ނަމަވެސް ހާލަތު ބަޔާންކޮށް ލިޔުންތައް ހުށަހެޅުމުން ވަޒީފާ އަލުން ލިބުނެވެ. އެއަށްފަހު 2000ގެ ކުރީކޮޅު ގާތް ރަހުމަތްތެރިއަކާއި އެކު އަމިއްލަ ފައިވާން ފިހާރައެއް ހުޅުވި އެވެ. ބައްޕަގެ މާލީ އެހީއާއިއެކު ފެށި މި ވިޔަފާރީގެ ޕާޓްނަރާއި އޮތް ރަހުމަތްތެރިކަން ލޯތްބަށް ބަދަލުވެ ކައިވެނިކޮށް މިއަދު އެއީ ނިޔާޒާގެ ފިރިމީހާގެ އިތުރުން ހަގު ދެކުދިންގެ ބައްޕަ އެވެ.

ހަމަޖެހުމާއި ލޯތްބާއިއެކު އުޅެމުން އައި އުފާވެރި ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ މިފަހުންނެވެ. މާބޮޑަށް ބަލިވެ، ހުންއައިސް، ކަރުގައި ރިއްސާ އެއްޗެހި ދިރުވަން އުނދަގޫވާން ފެށުމުން 2017 ގައި އަނެއްކާވެސް އައިޖީއެމްއެޗްގެ އީއެންޓީ ސްޕެޝަލިސްޓަކަށް އޭނާ ދެއްކި އެވެ.

ޑޮކްޓަރު ދިނީ ސީރިއަސް ޖަވާބުތަކެކެވެ. ވޯކަލް ކޯޑުގެ އެއްފަރާތް ހަރަކާތް ނުކުރެ އެވެ. އަދި ކުރީގެ މެޑިކަލް ރެކޯޑްސްތައްވެސް ނެތުމާއެކު، މިއީ ސާޖަރީގެ ފަހުން ހުރި އެބްނޯމަލިޓީއެއްކަމެއް ނުވަތަ އާ ގްރޯތެއްކަމެއް ރާއްޖެއިން ހެދި އެންޑޯސްކޯޕީ އަކުން ސާފެއް ނުވެ އެވެ. އެހެންކަމުން ޑޮކްޓަރު އެދުނީ ރާއްޖެއިން ބޭރުން ވީޑިއޯސްކޯޕީއެއް ހަދައި ވެފައި ހުރިގޮތެއް ސާފުކުރުމަށެވެ.

ނަމަވެސް ޑޮކްޓަރުގެ އެ އިރުޝާދުތަކަށް އެހާބޮޑު ފަރުވާލެއް ނުދެވުމަކީ ފަހަރެއްގައި ނިޔާޒާއަށް ހެދުނު އެންމެ ބޮޑު ގޯހެވެ.

"އަސްލު ކުރިން ސާޖަރީ ހަދާފައިވެސް ފަހުން ޗެކްއަޕް ހަދަން ނޫނީ އަލުން އެ ގްރޯތު އަތުވެދާނެ ކަމަކަށް އެއްވެސް ވަރަކަށް ބުނެފައެއް ނެތް. އެހެންވީމަ ހިޔެއް ނުކުރަން އަސްލު ފަހުން މިކަހަލަ އެއްވެސް ކަމެއް ވެދާނެ އޭ." ނިޔާޒާ ކިޔައިދިނެވެ.

ނިޔާޒާ ކެންސަރަށް ފަރުވާ ހޯދުމުގެ ކުރިން (ވ) އަދި ފަރުވާއަށް ފަހު (ކ)

ޖެހުނީ ކެންސަރު، ފުރާނައަށް ގެއްލުން ނުވެ ސަލާމަތްވީ ނަސީބުން

ފަރުވާ ކުޑަކޮށްލާފައި ހުއްޓާ ޖެހިގެން އައި އަހަރު މާޗްމަހުގައި މާބޮޑަށްވެސް ހާލު ދެރަވެއްޖެ އެވެ. ކާއެއްޗެއް ނުކެވި މީހާ އަބަދު ހުންނަނީ ހުންއައިސްފަ އެވެ. ޓްރީޓޮޕްގައި ވީޑިއޯސްކޯޕީއެއް ހެދުމުން ނަތީޖާއައީ ހީވެސް ނުކުރާގޮތަށެވެ. ފެންނަންހުރީ ވަރަށް ބޮޑު ގްރޯތެކެވެ. ވަގުތުން ސާޖަރީއެއް ހަދައި އެ ނެގުމަށް ޓްރީޓޮޕުން ލަފާދިނުމުން ދެވަނަ ހިޔާލެއް ހޯދުމަށް ދިޔައީ އޭޑީކޭއަށެވެ. ޑޮކްޓަރު ލަފާދިނީ ހަމައެދުވަހުން އެދުވަހަށް ފުރައިގެން ދިއުމަށެވެ މިއީ ކިރިޔާވެސް ސީރިއަސް މައްސަލައެއް ކަން އިހުސާސްވީ އެވަގުތު އެވެ. ނަމަވެސް އެއްފަހަރުވެސް މިއީ ކެންސަރުކަމެއް ހިތަކަށް ނާރަ އެވެ.

އިންޑިއާގައި ހެދުނު ބައޮޕްސީއިން ކަށަވަރުވީ ނިޔާޒާގެ ހުރީ ލެރީންގިއަލް ކެންސަރުކަމެވެ. ސްޓޭޖް ތިނެއްގައި ކެންސަރު ހުރިއިރު، ފަރުވާގެ ގޮތުގައި 33 ރޭޑިއޭޝަނާއި ތިން ކީމޯތެރަޕީ ހަތަރު މަސްތެރޭގައި ދިނެވެ.

"ވަރަށް ރޮވުނު، އެންމެ ހިތްދަތިވީ ދަރިންނާއި ދޭތެރޭ ވިސްނާފައި. އެކުދިންނަށް ވެދާނެ ގޮތެއް ނޭގޭތީ. ކެންސަރުކަން އެނގުނު ދުވަހަކީ އެކޮޅަށް ގޮސް ދެވަނަ ދަރިފުޅު މާލެއަށް ފުރުވި ދުވަސް. ކުޑަމީހާ ހުރީ ކައިރީގައި. ދޮށީ ދަރިފުޅު ހުރީ އޭރުވެސް މެލޭޝިޔާގައި ކިޔަވަން. ކިރިޔާވެސް އުންމީދެއް ލިބުނީ އެދުވަހު ރޭޑިއޭޝަން ފަށަންވެެގެން ޑޮކްޓަރު ދިން ހިތްވަރުން. އަދިވެސް އެ ނަސޭހަތް ހަނދާން ހުރޭ،" ފެންކަޅިވެފައި އިނދެ ނިޔާޒާ ކިޔައިދިނެވެ.

ނިޔާޒާ އޭނާގެ ދަރިންނާއި އެކު---

ހިތްވަރަކީ އާއިލާއާއި އެހީވެދިން ފަރާތްތައް

ކެންސަރުން ސަލާމަތްވުމަށް ނިޔާޒާ ކުރަންޖެހުނު ހަނގުރާމައަކީ އޭނާ ބުނާގޮތުން ކިޔައިދީގެން މީހަކަށް އިހުސާސްކުރެވޭނެ ވަރަށްވުރެންވެސް ހިތްދަތި ވޭނީ ތަޖުރިބާއެކެވެ.

އާއިލާގައި އެއްބަނޑު އެއްބަފާ 11 ކުދިން ތިބިއިރު ނިޔާޒާއަކީ އެންމެ ދޮށީ ދަރިފުޅެވެ. މި ހިތާމަވެރި ހަބަރާ އެކު އާއިލާގެ ހުރިހާ މެންބަރުންހެން ބަހާލައިގެން ނިޔާޒާ ގާތަށް އިންޑިއާއަށް އައިސް އެހީތެރިވެ ހުރިހާ ކަމެއްގައިހެންމެ ގާތުގައި ތިއްބެވެ. އަދި ފިރިމީހާވެސް ހުރިހާ މަސައްކަތެއް ދޫކޮށްފައި އައިސް ގާތުގައި ހުރެދިނުމަކީ އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަށް ކުޑަ ނަމަވެސް ލުޔެއް ގެނެސްދިން ކަމެކެވެ.

"ވަރަށް ޝުކުރުވެރިވަން ހުރިހާ އެންމެނަށް. ހާއްސަކޮށް މާލީގޮތުން އެންމެ ބޮޑު އެހީއެއް ވެދިން ދޮށީ ދަރިފުޅުގެ ބައްޕަގެ އާއިލާއާއި، ބޭންކްގައި އެއްކޮށް އުޅުނު ރަހުމަތްތެރިން. އެދުވަސްތަކުގައި ގާތުގައި ވެދިން އެންމެންވެސް ވީވަރަކުން އެކޮށްދިން ކަންތައްތައް އަބަދުވެސް ހަނދާން ހުންނާނެ. ހާއްސަކޮށް ހަނގަށް ހުރި އެންމެ ކުޑަ ފަހަރި ނަޒީި. ލޭގެ ގުޅުމެއް ނެތަސް، އޭނާގެ ހަމަ އަމިއްލަ ދައްތަ ފަދައިން ކަންތައްތައް ކޮށްދިންގޮތް ވަރަށް ހަނދާނުގައި ހުރޭ." ނިޔާޒާ ކިޔައިދިނެވެ.

ނިޔާޒާ ބުނާގޮތުގައި ލިބުނު ސިހުމާއި، ހަށިގަނޑުގައި އެޅި ކެކުޅުމާއި އެއްވަރަށް އެންމެ ދެރަވި ދުވަހަކީ 11 އަހަރުގެ ފިރިހެން ދަރިފުޅަށް ވީޑިއޯ ކޯލުން ގުޅައިން ހުރެ ރޮވުނު މަންޒަރު ބަލަން ދުރުގައި ހުންނަން ޖެހުނު ވަގުތެވެ.

" ދޮށީ ދަރިފުޅު ނޫން އެއްވެސް ކުއްޖެއް ގާތުގައި މިއީ ކެންސަރު ކަމެއް ނުބުނަން. ދެވަނަ ފިރިހެން ކުއްޖާ މާބޮޑަށް ފޫހިވާތީ ހުރީ މާލޭގައި ކޮއްކޮއެއް ގާތުގައި. ނުކެވޭތީ ނޭފަތަށް ހޮޅި ގުޅާފައި ހުއްޓާ ވީޑިއޯ ކޯލުން އޭނައަށް ފެނުނީ. އެދުވަހު ވަރަށް ރުއި. ގިސްލަ ގިސްލާފައި ދަރިފުޅުގެ ލޮލުން އެ ކަރުނަތައް ބަލަން ހަމަ ކެތެއްނުވި" ނިޔާޒާ އޭނާ އެންމެ ދެރަވި އެއް ދުވަހުގެ ތަޖުރިބާ ކިޔައިދިނެވެ.

އިންޑިއާގައި ހޭދަކުރި ހަތަރު މަހަށްފަހު ﷲގެ ހެޔޮރަހުމަތްފުޅުން އޭނާ ކެންސަރުން ސަލާމަތްވި އެވެ. އެހެންނަމަވެސް ރިކަވަރީއަކީވެސް ވަކި ފަސޭހަ ދުވަސްތަކެއް ނޫނެވެ. ފެން ފޮދެއް ދިރުވަން ވެސް އުނދަގޫވެފައި ހުރި ނިޔާޒާގެ ދިރިއުޅުމަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދިނުމުގައި އެންމެ ބޮޑު އެހީއެއްވީ އޭނާ ބުނާގޮތުން އޭނާގެ ބޮޑުދައިތަ ދަރިއެއް ކަމުގައިވާ ރީމަން އެވެ.

"އެއް ގަޑިއިރު ހޭދަކުރާނެ ކޮންމެ ފަޔެއް މޮޑެދެން. ހަމަ އެހެން ކައިރީގައި އިނދެގެން އެހާ މަޖާ ވާޙަކަ ކިޔައިދީ ހެއްވާނެ. އެއީ އަސްލު އަނބުރާ ނޯމަލް ލައިފްއަކަށް އަންނަން އެންމެ ބޭނުންވީ އެހީ" ނިޔާޒާ ބުންޏެވެ.

މީގެ އަށް އަހަރު ކުރިން ނިޔާޒާގެ ބައްޕަ ކުރީގެ މަޝްހޫރު ވިޔަފާރަވެރިޔާ އަހުމަދު ސަލީމް (ފޮރި ސަލީމް) ވެސް ދުނިޔެ ދޫކުރީ ކެންސަރު ބަލީގަ އެވެ. އެއްބަފާ 29 ކުދިން ދުނިޔޭގައި އެބަތިއްބެވެ. ނަމަވެސް ކެންސަރު ބަލީގެ އެއްވެސް އިތުރު ކޭސްއެއް ބޮޑުދައިތައެއްގެ މެނުވީ ފެނިފައެއް އަދި ނުވެ އެވެ.

ނިޔާޒާ ތައްޔާރުކޮށްފައިވާ ބައެއް ކާނާ -- ފޮޓޯ:ފަޔާޒް މޫސާ/ސަން

އާ އުންމީދެއް، އާ ހުވަފެންތަކެއް

ކެންސަރުން މިވަގުތު ދުރުވެ ހިތްހަމަޖެހުން ލިބުނު ނަމަވެސް އެ ބިރު އަދިވެސް އެބައޮތެވެ. ކޮންމެ ތިންމަހަކުން އަދިވެސް ސްކްރީން ކުރަންޖެހެ އެވެ.

އެހެންނަމަވެސް ކެންސަރާއި އެކު އޭނާގެ ހަޔާތް ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. މިއަދުވެސް އަސްލު ހަމަ އަޑު އަނބުރާ ނުލިބޭއިރު، މީހުންނާއި ވާހަކަދެއްކުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތަށް އިހުސާސްތަކަކުން ހިތް ބަންޑުންވި ގަޑިއެއްހާއިރުގެ މި އިންޓަވިއުވެސް ދެތިން ފަހަރެއްގެ މަތިން ހުއްޓާލަން ޖެހުނެވެ.

ނަމަވެސް ނިޔާޒާ ބުނީ މިއަދު އޭނާއަށް ދުނިޔޭގެ ކޮންމެ އިމްތިހާނަކާއިވެސް ކުރިމަތިލާން ކެރޭނެ ކަމަށެވެ.

"ކުރިން ކިތަންމެ ކުޑަކަމަކާއިވެސް ހާސްވެ ކަންބޮޑުވެދާނެ. ވިސްނަން އިނދެވިދާނެ. އެކަމު މިހާރު އާ ހިތްވަރެއް ލިބިއްޖެ. ހިތަށް އަރަނީ ދެން ކޮންމެ ކަމަކާއި ވެސް ކުރިމަތިލާން ކެރޭނެއޭ. މީހުންނާއި ވާހަކަދައްކަން ވިޔަސް މިހާރު އޯކޭ. އާ ކޮންފިޑެންސެއް މި ލިބުނީ" ނިޔާޒާ ބުންޏެވެ.

ނިޔާޒާ ތައްޔާރުކޮށްފައިވާ ބައެއް ކާނާ -- ފޮޓޯ:ފަޔާޒް މޫސާ/ސަން

މިފަހުން އޭނާވަނީ ބަޓާކްރީމް ސްމޫތިން ކުޑަ ކޯހެއްވެސް ފުރިހަމަކޮށްފަ އެވެ. އަދި ކުރިއަށްވެސް އިތުރު ކޯހަކަށް އޭނާ ވަނީ ނަން ނޯޓުކޮށްފަ އެވެ. އުންމީދަކީ ތަފާތު އެކި ވައްތަރުގެ ކާއެއްޗެހި ކައްކަން ދަސްކޮށް އެކަމުން ހިތްހަމަޖެހުން އޭނާއަށާއި އާއިލާއަށް ހޯދުމެވެ.

comment ކޮމެންޓް