ތިނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު މަރުވެއްޖެ

ރޭ ގދ. ތިނަދޫ ފަޅުތެރޭގައި އޮއްވާ އަލިފާނުގެ ހާދިސާއެއް ހިނގި ރާސްތާ ދޯނީގައި ސިފައިން -- ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ މަހު ގދ. ތިނަދޫ ފަޅު ތެރޭގައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 12:34 ގައި ތިނަދޫ ފަޅުތެރޭގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ ދޯންޏެއްގައި ގޭސްފުޅިއަކުން ގޭސް ލީކުވެގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކު ފިހިފައިވެ އެވެ.

އޭގެ ތެރެއިން އުމުރުން 40 އަހަރުގެ މީހެއްގެ ހާލު ސީރިއަސްވެ، ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އޭނާ ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ބަދަލުކޮށްފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:35ގައި އޭނާ މަރުވެފައިވާ ކަމަށެވެ.

އަބްދުއްސަމަދު ހޮސްޕިޓަލުން މީގެ ކުރިން "ސަން"އަށް ބުނެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި މަރުވި މީހާގެ ހަށިގަނޑުގެ 60 ޕަސެންޓަށް ވުރެ ބޮޑު ބައި ވަނީ ފިހިފަ އެވެ. ދެން ފިހުނު މީހުންގެ ފުރާނައަށް ނުރައްކާވާ ވަރަށް ފިހިފައެއް ނުވެ އެވެ.

comment ކޮމެންޓް