ޓްރަމްޕްގެ ކޮރޯނާވައިރަސް އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮރޯނާވައިރަސް މުޝީރެއް ކަމަށްވާ ސްކޮޓް އެޓްލަސް ވަނީ އިސްތިއުފާ ދެއްވާފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޑިސެމްބަރު 1): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮރޯނާވައިރަސް ޓާސްކް ފޯސްގެ ހާއްސަ މުޝީރެއް ކަމަށްވާ ޑރ. ސްކޮޓް އެޓްލަސް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީގެ ޕަބްލިކް ޕޮލިސީ ދިރާސާ ކުރާ ކަނާތު ފިޔައިގެ ސެންޓަރެއް ކަމަށްވާ ހޫވާ އިންސްޓިޓިއުޝަންގެ މެމްބަރު އަދި ރޭޑިއޮލޮޖިސްޓު ޑރ. އެޓްލަސް، ޓްރަމްޕްގެ މުޝީރަކަށްވެ ވަޑައިގެންނެވީ މިދިޔަ އޮގަސްޓު މަހުގަ އެވެ. އޭނާ އެމަގާމާ ހަވާލުވެވަޑައިގެންނެވީ "ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ" ގޮތުގައި ކަމުން އޭނާއަށް އެ ހިދުމަތުގައި ހުންނެވޭނީ 130 ދުވަހަށެވެ.

އެމެރިކާގެ ފޮކްސް ނިއުސް އިން ރިޕޯޓު ކުރި ގޮތުގައި އެޓްލަސް ޓްރަމްޕްގެ މުޝީރެއްގެ ގޮތުގައި ހުންނަވާތާ 130 ދުވަސް މި ހަފްތާ ތެރޭ ހަމަވާނެ އެވެ. އެހެންކަމުން އޭނާ ވަނީ އިސްތިއުފާ ހުށަހަޅާފަ އެވެ.

އެޓްލަސްގެ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ "އެމެރިކާގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ޝަރަފު ދެއްވީތީ" ރައީސަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި އޭނާ ސަރުކާރަށް ލަފާ ދެއްވީ "އެއްވެސް ސިޔާސީ ނުފޫޒެއް ނެތި، އެންމެ ފަހުގެ ސައިންސާއި ހެއްކަށް އިސްކަން ދީގެން" ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ވައިޓް ހައުސްގެ ކޮރޯނާވައިރަސް ޓާސްކް ފޯސްގެ އިސް މެމްބަރެއް ކަމަށްވާ ޑރ. އެންތަނީ ފައުޗީ ވިދާޅުވި ގޮތުގައި އެޓްލަސް ވަނީ ޓްރަމްޕަށް ކޮރޯނާވައިރަހާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ދެއްވާފަ އެވެ. އަދި އެ ޓާސްކް ފޯސްގެ އެހެން މެމްބަރުންގެ ފާޑު ކިޔުން ވެސް އޭނާއަށް އަމާޒުވި އެވެ.

ޓްރަމްޕްގެ މުޝީރުގެ ގޮތުގައި އެޓްލަސް ހުންނެވި އިރު އޭނާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މާސްކު އެޅުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ސުވާލު އުފައްދަވާ، ފުރަބަންދު ކުރުމާ ދެކޮޅަށް ވާހަކަ ދެއްވި އެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި ގިނަ މީހުންނަށް ބަލި ޖެހި، ހާޑް އިމިއުނިޓީއަށް ވާސިލުވާން ދޫކޮށްލުމަށް ތާއިދު ކުރެއްވި އެވެ.

މީގެ އިތުރުން މިޝިގަންގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން އެ ސްޓޭޓުގެ ރައްޔިތުން ސްޓޭޓުގެ ގަވަރުނަރާ ދެކޮޅަށް ތެދުވުމަށް އޭނާ ގޮވާލެއްވި އެވެ.

އެޓްލަސް އެފަދައިން ވާހަކަ ދެއްކެވުމުން ސްޓެންފޯޑުން ވަނީ އެއީ އޭނާގެ އަމިއްލަ ހިޔާލުތައް ކަމަށާއި އެ ޔުނިވާސިޓީން ބަލިމަޑުކަމާ މެދު ދެކޭ ގޮތް ތަފާތު ކަމަށް ބުނެފަ އެވެ. އެގޮތުން ސްޓެންފޯޑުން މާސްކު އެޅުމަށާއި ގައިދުރު ކުރުމަށާއި ވައިރަހަށް ޓެސްޓު ކުރަމުން ދިޔުމަށް ތާއިދު ކުރާ ކަމަށް ބުނެފަ އެވެ. އަދި ސްޓޭޓުތަކުގެ ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރުމުގެ މުހިއްމުކަން ވެސް އެ ޔުނިވާސިޓީން ފާހަގަ ކުރި އެވެ.

އެޓްލަސް އިސްތިއުފާ ދެއްވާފައި ވަނީ އެމެރިކާގައި ހަލުވި ކަމާއެކު ކޮރޯނާވައިރަސް ފެތުރި، ބަލީގެ ސަބަބުން ރެޑޯކު އަދަދަކަށް މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓު ކުރަން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. އެގައުމުން މިހާރު ދަނީ ކޮންމެ ދުވަހަކު ވައިރަހުގެ 100،000އަށް ވުރެ ގިނަ ކޭސް ފެންނަމުންނެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 13 މިލިއަނަށް އަރާ، މަރުވި މީހުންގެ އަދަދު 266،000 ހުރަސް ކޮށްފަ އެވެ.

comment ކޮމެންޓް