ރާއްޖޭގެ ސަރަަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއް ހިފަހައްޓައިފި

ކޯސްޓްގާޑު އުޅަނދެއް -- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ މަސްބޯޓު އެކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ ކަމަށެވެ.

ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން އިއްޔެ 11:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައިވާ ކަމަށާއި އަދި އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ މަސްބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށާއި އެ މަސްބޯޓު މިހާރު ދަނީ މާލެ އަށް ދަތުރު ކުރަމުން ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ އެ ބޯޓަށް މާލެ އަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

އެމްއެންޑީއެފ އިން ވަނީ މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަކޮށް ޝުކުރު އަދާކޮށްފައެވެ. އިއްޔެ ބޭރުގެ އެ މަސްބޯޓް ފެނިގެން ރިޕޯރޓް ކުރި "އަސުރުމާ 03" ދޯނީގެ ކެޕްޓަނަށާއި ފަޅުވެރިން އަދި ދޯނީގެ ވެރި ފަރާތުން ކޯސްޓްގާޑަށް ދިން އެއްބާރުލުންވެސް އެމްއެންޑީއެފް އިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް