ސިފައިންގެ ވަޒީފާއަށް ހުޅުވާލައިފި

ނޮވެމްބަރ 11، 2018: ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސިފައިން ބޭއްވި ޕެރޭޑްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިފެންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ޑިސެމްބަރު 20ގެ ނިޔަލަށް 18 އަހަރު ފުރި، 25 އަހަރު ނުފުރޭ މީހުން ސިފައިންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ވަޒީފާ އަށް ކުރިމަތިލާ ފަރާތަކީ ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރި ނުވަތަ އެފެންވަރު ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް ފަރާތަކަށް ވާންޖެހެ އެވެ.

އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭނެ ސިއްހަތެއްގައި ހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ތިން އިންޗި އަދި ފިރިހެނެއް ނަމަ ފަސްފޫޓު ފަސް އިންޗި ހުންނަން ވާނެ ކަމަށާއި ފާއިތުވި ފަސް އަހަރު ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނީ ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއު ތަކަށާއި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިން) އަދި އެޕްޓިޓިއުޓް ޓެސްޓުން ހޯދާ ނަތީޖާއަށް ބަލާނެ ކަމަށެވެ.

މި ވަޒީފާ އަށް އެދޭފޯމު އެމްއެންޑީއެފްގެ ވެބްސައިޓުންނާއި ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީ-މެއިލް މެދުވެރިކޮށް ވެސް ފޯމް ބަލައިގަންނާނެ ކަމަށާއި މީގެ އިތުރުން ތިރީގައިވާ އެމްއެންޑީއެފްގެ މަރުކަޒުތަކުން ވެސް ފޯމު ބަލައިގަންނާނެ ކަމަށް ޑިފެންސް މިނިސްޓްރީ އިން ބުންޏެވެ.

  • ނޮދަން އޭރިއާ ކޮމާންޑް
    އެމްއެންޑީއެފް ހދ.ކުޅުދުއްފުށި ޕޯސްޓް
    ޅ.ނައިފަރު ފަޔަރ ސްޓޭޝަން
  • ސެންޓްރަލް އޭރިއާ ކޮމާންޑް
    ސެންޓްރަލް އޭރިއާ ހެޑްކްއޯޓާޒް (ލ.ކައްދޫ)
    އެމް.އެން.ޑީ.އެފް ދ.ކުޑަހުވަދޫ ޕޯސްޓް
    އެމްއެންޑީއެފް މުލީ ޕޯސްޓް (މ.މުލި)
  • މާލެ އޭރިއާ ކޮމާންޑް
  • މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީ-މެއިލް މެދުވެރިކޮށް.
  • ސަދަން އޭރިއާ ކޮމާންޑް
    އެމް.އެން.ޑީ.އެފް ޏ.ފުވައްމުލަކު ޕޯސްޓް
    ސަދަން އޭރިއާ ހެޑްކްއޯޓާޒް (ސ.ގަން)
    ސ.ހިތަދޫ ފަޔަރ ސްޓޭޝަން
    ގދ.ތިނަދޫ ފަޔަރ ސްޓޭޝަން

ޑިފެންސްް މިނިސްޓްރީ އިން ބުނީ ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާނީ، އެމީހަކު އިންޓަރވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައަޅާފައިވާ މަރުކަޒަކަށް ނުވަތަ މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އަށް ކަމަށާއި އަދި އޭރިއާ ތަކުގައި އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

comment ކޮމެންޓް