ގްރެމީސް ނޯމިނޭޝަންގައި ރިޝްވަތު ނެގި މައްސަލަތަކެއް

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގްރެމީ އެވޯޑްސްގެ ނޯމިނޭޝަންގައި ރިޝްވަތުގެ މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެތައް ތަރީން ތަކެއް މައްސަލަ ޖައްސަން ފަށައިފި އެވެ.

މިއުޒިކް އިންޑަސްޓްރީގައި ދޭ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ގްރެމީ އެވޯޑްސްގެ ނޯމިނޭޝަންތައް ވަނީ ދާދި ފަހުން އާންމުކޮށްފައެވެ. ނޯމިނޭޝަން ހުރި ގޮތާ ގުޅިގެން ކޮންމެ އަހަރަކު އާންމުން މައްސަލަ ޖެއްސި ނަމަވެސް މިއަހަރު އެ ރުޅިގަނޑު އިންތިހާއަށް ބޮޑެވެ.

ބައެއް ލަވަކިޔުންތެރިންވެސް މި ފަހަރު އަންނަނީ އެ ނޯމިނޭޝަން ލިސްޓާ ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެއްބައި ފަރާތްތަކުން ދަނީ ގްރެމީ އެވޯޑްސް އެއްކޮށް ބޮއިކޮޓް ކުރަންވެސް ނިންމާފައެވެ.

ގިނަ ބައެއް ނުރުހުން ފާޅުކޮށްފައިވަނީ އޯލްޓަނޭޓިވް ލަވަކިޔުންތެރިޔާ "ދަ ވީކެންޑް" އަށް ހައްގު އެވޯޑަށް ނޯމިނޭޓް ނުވެ އެ ކެޓަގަރީއިން ޖަސްޓިން ބީބާ ނޯމިނޭޓް ވުމުންނެވެ.

އެ މައްސަލައާ ގުޅިގެން ލަވަކިޔުންތެރިޔާ ހޯލްސީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ފަހަރު ގްރެމީ އިން ކާމިޔާބު ހޯދަން ބޭނުންވާނަމަ އެނގެން ޖެހޭނީ އެކަމާ ގުޅުންހުރި މީހުން ކަމަށެވެ. އެއްބައި ފަރާތްތަކުންގެ އަމަލުތަކަކީ ރިޝްވަތު ދީގެން ނޯމިނޭޓްވުމާއި އަމަލު ކުރާނީ އެއީ ރިޝްވަތެއް ނޫން ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

ހޯލްސީ ބުނެފައިވަނީ ވީކެންޑްއަށް ލިބުނު ނަތީޖާ އޭނާއަށް ހައްގު ނޫން ކަމަށެވެ. އަދި އެއަށްވުރެ ރަނގަޅު ގޮތެއް ވީކެންޑަށް ވާން ޖެހޭނެ ކަމަށް ހޯލްސީ ބުންޏެވެ.

އޭނާ ބުނެފައިވަނީ ގްރެމީ ނޯމިނޭޝަން އާއި އެވޯޑުން ކުރިއަށް އޮތް ތަނުގައި އިތުރަށް ޓްރާންސްޕޭރެންސީ ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް