ޑީލަރުން މާ އެޑްވާންސް، ޑްރަގް ފާހާނާ ހޮޅި ތެރޭ!

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ 16 އޮފިސަރުންގެ ޓީމެއް ގ. މެމޮރީވިލާއަށް ވައްޓާލިީ އިރުއޮއްސި 7:08ގަ އެވެ. އެ ގެއަށް ފުލުހުން ދިޔައީ އެ ގެ ބަލާ ފާސް ކުރުމުގެ އަމުރަކާ އެކު އެވެ. އަދި އެގޭގައި ހުރި މުހައްމަދު ދީދީ(އަސްލު ނަމެއް ނޫން) ހައްޔަރު ކުރުމުގެ އަމުރާއެކުއެވެ.

މުހައްމަދު ދީދީ އަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އޭނާ އެކަން ކުރަނީ ގޭގައި ދަގަނޑު ގޭޓު ޖަހައިގެން ހައި ސެކިއުރިޓީގައި ކަމަށް ވެ އެވެ.

ފުލުހުން އެ ގެއަށް ދިޔައީ ޓަކި ޖެހުމުން ހުޅުވާނެ ކަމަށް ބަލައިގެން ނޫނެނެވެ. އެހެން ކަމުން ފުލުހުން ދިޔައީ ދުރާލާ ތައްޔާރުވެގެންނެވެ. އާލާތްތަކާ އެކު އެވެ. ދޮރު ނުހުޅުވައިފި ނަމަ އެ ގޭގެ ފާރުވެސް ތަޅާލައި، ނޫނީ ދޮރު ހައްލާކުކޮށްގެން ވަނުމަށެވެ.


މެމްރީވިލާ ހައި ސެކިއުރީގައި ހުރި ވަރުގަދަ ދޮރު ފުލުހުން ހަލާކުކޮށްލަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓަކި ޖެހުމުންވެސް، އެ ބޮޑު ދަގަނޑު ދޮރު ނުހުޅުވުމުން ދެން ބެލީ، އެ ދޮރަށް ވުރެ ދެރަވަރުކޮށް ހުރި ފާރު ވައްޓާލައިގެން ވަންނާށެވެ. ބޮޑު މަރުތޭލެއް ހިފައިގެން އައިސް މެމޮރީވިލާއާ އިންވެގެން ހުރި ހަނި ގޯޅިން ވަދެ އެ ގޭގެ ބަލިކަށިހެން ހީވާ ފާރެއްގައި ތަޅަން ފެށި އެވެ. އޭރު އެއްބައި ޑީއީޑީ ފުލުހުން ދިޔައީ ދަގަނޑު ދޮރު ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ.

ގ. މެމޮރީވިލާގޭގެ ފާރު ފުލުހުން ތަޅަނީ --- ސަން ފޮޓޯ

ފާރުގައި ތަޅަމުން ދަނިކޮށް، ބޭރުގައި ތިބި ފުލުހުންނަށާއި، ނޫސްވެރިންނަށް އިވުނީ ފާހާނާ ފްލަޝް ކުރާ އަޑެވެ. އެއީ އެތެރޭގައި ހުރި މުހައްމަދު ދީދީ ފާހާނާއަށް މަސްތުވާތަކެތި އަޅައި ފްލަޝް ކުރާ އަޑު ކަމަށް ބެލެވުނެވެ. އެހެންވެ ފުލުހުން ހަރަކާތްތައް އަވަސް ކުރަން ފެށި އެވެ.

ގާތްގަނޑަކަށް މިނެޓެއްހާއިރު ތެރޭ މަރުތޭލުން ތަޅައި މެމޮރީވިލާގޭގެ ފާރު ފޫއަޅުވާލިއެވެ. ދެ ފޫޓުގެ ފުޅާ ބާގަނޑެއް ހަދައި އެތަނުން ފުލުހުން ވަންނަން ފެށި އެވެ. އެންމެ ހިކިކޮށް ތިބި ތިން ފުލުހުން އެ ބާގަނޑުން ދެމިލައިގެން އެތެރެއަށް ވަދެ މުހައްމަދު ދީދީއަށް ކޯޓު އަމުރު ދެއްކި އެވެ. އޭނާ އޭރު ހުރީ ބޯ މައްޗަށް ދެ އަތް ލައިގެން އަމާން ދީގެންނެވެ.

އެތެރެއަށް ވަދެ ތިބި ފުލުހުންނަށް ދޮރު ހުޅުވުމުގެ ކުރިން ބޭރުގައި ތިބި ފުލުހުން ދޮރު ވައްޓާލައިގެން އެތަނަށް ވަދެފި އެވެ. ދޮރު ވައްޓާލި ފުލުހުންނާއެކު މެމޮރީވިލާގެ އެ ބައި ތެރެއަށް ނޫސްވެރިންވެސް ވަނީ އެވެ.

ކޮޓަރިއަށް ވަން އިރު އެންމެ ފުރަތަމަ އިހުސާސު ކުރެވުނީ އެތަނުގެ އޭސީގެ ފިނިކަމެވެ. ފުލުހުންނާއި ނޫސްވެރިން ވަދެ ބާރުވެފައި އޮތް އެ ކޮޓަރީގައި ފަތިޓީވީއަކާ ދިމާލަށް އަމާޒުކޮށްފައި ހުރި ބާ ސޯފާގަނޑެއް ހުއްޓެވެ. ސޯފާއާ ދިމާލުން ގަދަ ނޫކުލައިގެ އަތްދިގު ގަމީހެއް ލައިގެން މުހައްމަދު ދީދީ ބިރުން ތުރުތުރުއަޅައަޅާ ހުއްޓެވެ. ކޮޓަރީގެ ތެރެއިން ގިނަ އަދެއްގެ ހުސް ރަބަރު ޕެކެޓާއި މަސްތުވުމަށް ބޭނުންކުރާ ފޮއިލް ފެނުނެވެ. އަދި ގިނަ އަދަދެއްގެ ކުދި މޭޒާއި އެ މޭޒުތައް ވަށައިގެން ކުދި ގޮނޑިތައް ޖަހާފައި ހުއްޓެވެ.

ގޭގައި އެހެން މީހަކު އުޅޭތޯ ފުލުހުން ބެލި އެވެ. އެކަމަކު އޭނާ ފިޔަވައި އިތުރު މީހަކު އެވަގުތު އެތަނުގައި ނޫޅެ އެވެ.

އޭނާ އެ ގޭގައި ކީއްކުރަނީތޯ ފުލުހުން ސުވާލު ކުރުމުން މުހައްމަދު ދީދީ ބުނީ އެއީ އޭނާ ކުއްޔަށް ހިފައިގެން އުޅޭ ތަނެއް ކަމަށެވެ. އެތަނުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާތޯ ސުވާލު ކުރުމުން އޭނާ ބުނީ އެފަދަ ކަމެއް މިހާރު ނުކުރާ ކަމަށެވެ. ތަކުރާރުކޮށް އެނާ އެކަމަށް އިންކާރު ކުރަމުންދިޔައެވެ.

"ތީ މާ ކުރީގެ ކަމެއް. މިހާރު ތިކަހަލަ އެއްވެސް ކަމެއް ނުކުރޭ މިތާކު. ބަލާ ފާސްކުރޭ، ނުފެންނާނެ އެއްވެސް އެއްޗެއްް،" މުހައްމަދު ދީދީ ބުންޏެވެ.

ފްލަޝް ކުރީ ކޯއްޗެއްތޯ ފުލުހުން ސުވާލު ކުރުމުން އެއްޗެއް ފަލަޝް ކުރި ކަމަކަށް އޭނާ އެއްބަހެއް ނުވި އެވެ.

މުހައްމަދު ބަލާ ފާސްކުރި އިރު އޭނާފެ ޖީބުން 6،500 ރުފިޔާ ފެނުނެވެ. އެއީ ކިހިނެތް ހޯދި ފައިސާއެއްތީ އެހުމުން ބުނީ އެއީ ކަންނެއްޔަށް ގޮސް ހޯދި ފައިސާ ކަމަށެވެ. އޭގެ އިތުރުންވެސް އޭނާގެ އަތުގައި އޮތް ވޮލެޓުންނާއި އެ ގެއިން ފުލުހުން އިތުރު ފަައިސާތަކެއް ހޯދި އެވެ. ޖުމްލަ ގާތްގަނޑަކަށް 11،000 ރުފިޔާ އެވެ.

ފުލުހުން އެ ގެއިން ހޯދި ބައެއް ފައިސާތައް: 11،000އަށް ވުރެ ގިނަ ފައިސާ ފުލުހުން ހޯދި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ކޮޓަރީގައި މަސްތުވާތަކެތި ހުރިތޯ ބަލަން ފުލުހުން މުޅި ތަނުގައި އަތްފުނާ އަޅަމުން ދިޔަ އެވެ. މުހައްމަދު ދީދީ ތަކުރާރުކޮށް ބުނަމުން ދިޔައީ އެ ގެއިން މަސްތުވާ އެއްޗެއް ނުފެންނާނެ ކަމަށެވެ. އެކަމަކު ފުލުހުން ތިބީ ހުސްއަތާ ދާ ކަހަލަ ގޮތަކަށް ނޫނެވެ. ގެ އެފުށް މިފުށަށް ޖަހައިގެން ވިޔަސް ހުރި އެއްޗެއް ހޯދާ ގޮތަށެވެ.

މުހައްމަދު ދީދީ ކުއްޔަށް ހިފައިގެން އުޅޭ ތަނަކީ ޑެކް އަޅައި ދެބުރިއަށް ނަގާފައި ހުރި ގެއެކެވެ. ފުލުހުން މަތީބައިވެސް ބަލާ ފާސް ކުރި އެވެ. މަތީގައި ހުރި ގިނަ އަދަދަކަށް ގޮދަޑިތައް ފަޅައި އިރައިގެން އެ ގޮދަޑިތައްވެސް ފުލުހުން ވަކިވަކިން ބަލާފާސްކުރި އެވެ.

ތިން ގަޑިއިރު ވަންދެން ފާސްކުރި އެވެ. އެކަމަކު އެއްވެސް މަސްތުވާ އެއްޗެއް ނުފެނުނެވެ. ދެން ފުލުހުން ނިންމީ މެމޮރިވިލާގެ ގޯޅިގަނޑުގައި ހުންނަ ޖަންކްޝަން ބަލާށެވެ. އެއީ ކުރިން ފްލަޝް ކުރި ތަކެތި ފެނޭތޯ އެވެ.

މުހައްމަދުގެ ހާޒިރުގައި ކޯރާޑިން ތަޅައި ހަލާކުކޮށް ޖަންކްޝަން ހުޅުވަން ފުލުހުން މަސައްކަތް ކުރި އެވެ. އޭރު މީގެ ކުރިން ހަމަޖެހިގެން ހުރި މުހައްމަދު ގާތަށް ރުޅި އަންނަން ފެށި އެވެ. އަދި އޭނާގެ ހަރަކާތްތަކާއި ވާހަކަތައް ގިނަވާން ފެށި އެވެ.

މެމްރީވިލާގޭ ޖަންކްޝަންގެ މަތި ނެގުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ޖަންކްޝަން ބެލި އިރު ފުރަތަމަ ފެނުނީ "ޝޮޓު ކަނޑާފައި" ހުރި ފޮއިލެވެ. މަސްތުވާތަކެއްޗެއް ނުފެނެ އެވެ. އެހެންވެ، ފްލަޝް ކުރި ތަކެތި ހޮޅީގައި ތާށިވެފައި ހުރި ކަމަށް ބަލައި ފުލުހުން ފާހާނައަށް ފެން އެޅި އެވެ. އެ ފެނާއެކު ހޮޅިތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ހަތް ޕެކެޓު އައެވެ. އެ ޕެކެޓުތަކުގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ޗަރަސް" އެވެ. އޭގެ ޕެކެޓެއްގެ އަގަކީ މަގުމަތީ އަގުން ނަމަ 200 ރުފިޔާ ކަމަށް ޑީއީޑީ ފުލުހުން ބުންޏެވެ.

ޖަންކްޝަން ތެރެއިން ނެގި މަސްތުވާތަކެތި --- ސަން ފޮޓޯ/ ފަޔާޒު މުސާ

އެއީ ކާކު އެއްޗެއްތޯ ސުވާލު ކުރުމުން މުހައްމަދު ބުނީ އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އެއީ އޭނާ ފްލަޝް ކުރި އެއްޗެއް ނޫން ކަމަށް ބުންޏެވެ.

"ކަލޭމެންނަށް ފެނުނުތަ މަ ފްލަޝް ކުރިތަން. ތިއީ މަގޭ އެއްޗެއް ނޫން،" ކުރިން ހަމަޖެހިގެން ހުރި މުހައްމަދު ރުޅި އައިސްފައި ބުންޏެވެ.

މަސްތުވާތަކެއްޗާއެކު މުހައްމަދު ހައްޔަރުކޮށް އެނާ ފުލުހުންގެ ވޭނަށް އަރުވައިގެން ގެންދިޔައީ އެވެ. އަދި ފުލުހުން މެމޮރީވިލާގެ ދޮރު ނައްޓާލައިގެން ވެހިކަލަކަށް އަރުވައިގެން ގެންދިޔައީ އެވެ. އޮޕަރޭޝަން ނިންމާލި އިރު ގަޑިން 9:51 އެވެ.

comment ކޮމެންޓް