ފާއިތުވި 24 ގަޑިއިރުގައި ނެގި 1،499 ސާމްޕަލް އިން 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 15 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި އެކަކުގެ އިތުރުން އަތޮޅުތެރޭގެ ރަށަކުން ޕޮޒިޓިވްވި އެކަކެވެ.
އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ވަނީ މިހާރު 13،011 އަށް އަރާފައެވެ.
މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދަކީ 1،019 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 95 މީހަކަށެވެ.
އެ ބަލި ޖެހި އަދި އެ ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ މިހާރު 11،939 އަށް އަރާފައެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް 46 މީހުން ވަނީ މަރުވެފަ އެވެ.