ދުއާކުރަނީ ރައީސް ޔާމީނަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބި މިނިވަންވުމަށް: މަޖިލިސް ރައީސް

ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ނަޝީދާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ދުއާކުރަނީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވީހާވެސް އަވަހަކަށް ލުއި ލިބި، މިނިވަންވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް އެހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

މެމްބަރު ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ނުހައްގުން ކަމަށެވެ. ނުހައްގުން "ނަހަލާލު" ހުކުމެއް ކޮށްފައި ވާތީ ކަންބޮޑުވާ ކަމަށާއި، އެހެން ނަމަވެސް ރައީސް ޔާމީނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ފަސް އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަތަސް ރައީސް ޔާމީން އޮންނަވާނެ ކަމަށެވެ.

އަދި ރައީސް ޔާމީނަށް ހުކުމް ކުރެއްވީތީ، ހުކުމް ކުރެއްވި ފަނޑިޔާރު މަތީ ކޯޓަކަށް ބަދަލުކޮށްފައިވާކަމަށް ވެސް ޝިޔާމް މިއަދު ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަ މެދުކަނޑާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދުއާއަކީ ރައީސް ޔާމީން އަވަހަށް މިނިވަންވުން ކަމަށެވެ.

"އަޅުގަނޑުވެސް ދުއާކުރަނީ، ރައީސް ޔާމީނަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބި މިނިވަންވުމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މީގެ އެއް އަހަރު ކުރިންނެވެ. އެމަނިކުފާނު ޖަލުގައި އޮންނަވާތާ އަހަރެއް ވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ކަނޑުމަތީގައާއި ރާއްޖޭގެ އެކި ރަށްރަށުގައި މުޒާހަރާކޮށްފައެވެ.

comment ކޮމެންޓް