ނިއު ޒިލެންޑުގެ އަލިފާން ފަރުބަދަ ގޮވި ހާދިސާއާ ގުޅިގެން 13 ބަޔަކަށް ދައުވާކޮށްފި

ނިއު ޒިލެންޑުގެ ވައިޓް އައިލެންޑް ފަރުބަދަ ގޮވައި، 22 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

ވެލިންޓަން (ނޮވެމްބަރު 30): މިދިޔަ އަހަރުގެ ޑިސެމްބަރު ނުވައެއްގައި ނިއު ޒިލެންޑުގެ ވައިޓް އައިލެންޑު އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން 22 މީހަކު މަރުވި ހާދިސާއާ ގުޅިގެން އެގައުމުން 13 ބަޔަކާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ނިއު ޒީލެންޑުގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ބެހޭ އިދާރާ ކަމަށްވާ ވޯކްސޭފްއިން ވައިޓް އައިލެންޑު ފަރުބަދަ ގޮވި މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާކޮށްފައި ވަނީ 10 ޖަމްއިއްޔާއަކާއި ތިން މީހަކާ ދެކޮޅަށެވެ. އެއީ އެކްޓިވް އަލިފާން ފަރުބަދައަކަށް ފަތުރުވެރިން ގެންގޮސް، ސިއްހަތާއި ރައްކާތެރިކަމާ ބެހޭ ގަވާއިދުތަކާ ހިލާފުވެފައި ވާތީ ކަމަށް ވޯކްސޭފްއިން ބުންޏެވެ.

އެ ދައުވާތަކުގެ ސަބަބުން އެ ޖަމްއިއްޔާތައް ގިނަވެގެން 1.06 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި އެ ތިން މީހުން ގިނަވެގެން 211،167 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ.

ވައިޓް އައިލެންޑް ފަރުބަދަ ގޮވި އިރު އެ ފަރުބަދަ ބަލާލުމަށް 47 މީހުން ގޮސް ތިއްބެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާގެ 24 މީހަކާއި އެމެރިކާގެ ނުވަ މީހަކާއި ނިއު ޒީލެންޑުގެ ފަސް މީހަކާއި ޖަރުމަނާއި ޗައިނާ އާއި އިނގިރޭސިވިލާތާއި މެލޭޝިއާގެ މީހުން ހިމެނުނެވެ. އޭގެ ތެރެއިން 22 މީހަކު މަރުވެ، 25 މީހުންނަށް އަނިޔާވި އެވެ.

އާއްމު ގޮތެއްގައި ކޮންމެ އަހަރަކު އެތައް ހާސް ފަތުރުވެރިން ޒިޔާރަތް ކުރާ ވައިޓް އައިލެންޑު ފަރުބަދަ ގޮވި ފަހުން އެ ރަށަށް ފަތުރުވެރިން ގޮސްފައި ނުވެ އެވެ. އެ ފަރުބަދަ 2016 ވަނަ އަހަރުވެސް ގޮވި އެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެފަރުބަދަ ގޮވުމުގެ ސަބަބުން މީހަކަށް އަނިޔާވެފައި ނުވެ އެވެ.

comment ކޮމެންޓް