އެކްސިޑެންޓު މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަނީ

ޑިސެމްބަރު، 20، 2019: މާލޭ ކޮޅުން ބުރިޖު ލައިޓް ކައިރިން މީގެކުރިން ހިނގި އެކްސިޑެންޓެއް -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާން އަންހެނަކު މަރުވެފައިވާތީ އެ މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ 24 އަހަރުގެ އާއިޝަތު ނަޒްރާއެވެ.

އެކްސިޑެންޓްވި އިރު ނަޒްރާ އިނީ ސައިކަލުގެ ފަހަތުގައެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ އަމީނީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ނިކުތް ތަނުން ސައިކަލް ކޮންޓްރޯލް ނުވެ ރަސްފަންނު ދުވާ ޓްރެކު މައްޗަށް ސައިކަލު އަރައިގެން ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން އިން 24 އަހަރުގެ ދިވެހި ޒުވާނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުުމުގެ ލައިސަންސް ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ސައިކަލު ދުއްވަން އިން ޒުވާނާ ދުވަހު ނޫސް "މިހާރު" އަށް ބުނެފައި ވަނީ ބާރަށް ސައިކަލު ދުއްވާފައި ނުވާނެ ކަމަށެވެ. އަދި އެކްސިޑެންޓްވީ ނަޒްރާއާ މީހަކު ފޮށުމުން ފަހަތަށް ބަލައިލި ވަގުތު ސައިކަލު ކަހާލައިގެން ކަމަށެވެ.

comment ކޮމެންޓް