ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން 72،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައި 15 އިން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 72،623 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެ ދުވަހާއި ހަމައަށް މި އަހަރު ތެރޭ ޖުމްލަ 455،470 ފަތުރުވެރިން ރާއއްޖެ އައިސްފައިވާ ކަަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ރަޝިއާ އިންނެވެ. ރަޝިއާ އިން 16,285 ފަތުރުވެރިން އައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އިންޑިއާ އިން 8,690 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އިނގިރޭސިވިލާތުން 5,312 ފަތުރުވެރިން އަދި އެމެރިކާ އިން 5,218 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު 24 ރަށެއްގަިއ 117 ގެސްޓްހައުސް އެއް އޮޕަރޭޝަނުގައި އެބައޮތެވެ. މީގެ އިތުރުން 126 ޓޫރިސްޓު ރިސޯޓާއި މެރީނާ އަދި ފަސް ހޮޓެލް އަދި 123 ސަފާރީ އޮޕަރޭޝަނުގައި އެބައޮތެވެ.
ސަރުކާރުން ބުނެފަިއވަނީ އަމާޒަކީ މިއަހަރުގެ ތެރޭގައި ޖުމްލަ ފަސް ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.