ބަސްނުވިކޭ ކަމަށް ބުނެ އެމްޕީއެލްގެ ޗެއާމަންކަމުން ޒަކީ އިސްތިއުފާ ދެއްވައިފި

މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ---

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ހިންގި ބޮޑު ހިޔާނާތުގެ މައްސަލައެއް ފަޅާ އަރުވާލެއްވުމަށްފަހު އެކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި އެމްޕީއެލްގެ ތެރެއިން ހިންގާފައިވާ އަށް މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ވަނީ ދާދި ފަހުން ޒަކީ ފަޅާއަރުވާލައްވާފައެވެ.

އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަށް މިލިއަން ރުފިޔާގެ އެ ހިޔާނާތް ހިންގާފައި ވަނީ ތެޔޮ ވިއްކުމުގެ ތެރެއިން ކަމަށެވެ. އަދި އެކަމުގައި ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުން އެކަމަށް ކުންފުނީގެ ބޯޑުގެ ތާއީދެއް ނުލިބުނު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ޒަކީ މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދީފައިވަނީ ބޯޑުން ތާއީދު ނުލިބި މަގާމުގެ ޒިންމާ އަދާކުރެވޭނެ ކަމަށް ނުފެންނާތީ ކަމަށެވެ.

"ވައްކަން ހިންގަން ދިމާވި ޑިޕާޓްމެންޓްގެ ހެޑަކަށް ހުރި މީހާ އެ މައްސަލަ ތަހުގީގު ނިމެންދެން އެކަހެރި ކޮށްފައި ބަހައްޓަން އެދިގެން، ޗެއާމަން އަށް އެވަރު ނުވަންޏާމުން ކިހިނެއް ޗެއާމަންކަން ކުރާނީ،" ޒަކީ ވިދާޅުވިއެވެ.

ޑިޕާޓްމެންޓްގެ ހެޑެއް މަގާމުން ސަސްޕެންޑް ކުރުމަށްޓަކައި ޗެއާމަން އަށް ބޯޑުގެ އެއްވެސް ސަޕޯޓެއް ނެތް ކަމަށް ޒަކީ ފާހަގަކުރެއްވިއެވެ.

"ބޯޑަކަށް ނެތް މެނޭޖްމެންޓް ޒިންމާ ކުރެވޭކަށް. މެނޭޖްމެންޓަކަށް ނެތް މެނޭޖްމެންޓްގެ ދަށުގައި ތިބޭ ފަރާތްތައް ޒިންމާކުރެވޭކަށް. އެހެންވީމަ ޗެއާމަންކަން ކިހިނެއް ކުރާނީ،" އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެމްޕީއެލް އިން ނެރުނު ހާއްސަ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19ގެ ލޮކްޑައުންގެ ތެރޭގައި އެމްޕީއެލްއިން ހިންގި ބައެއް މުއާމަލާތްތަކުންގެ ތެރޭ ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ އިންޓާނަލް އޮޑިޓުން ރިޕޯޓެއް އެކުލަވާލައި، އެ މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

comment ކޮމެންޓް