ސިންގަޕޫރަށް އުފަންވި ކުއްޖެއްގެ ހަށިގަނޑުން ކޮވިޑް އެންޓިބޮޑީ ފެނިއްޖެ

ސިންގަޕޫރަށް މި މަހުގެ ކުރީކޮޅު އުފަންވި ތުއްތު ކުއްޖެއްގެ ހަށިގަނޑުން ކޮވިޑް-19 އެންޓިބޮޑީ ފެނިފައިވާ ކަމަށް އެގައުމުގެ ސްޓްރެއިޓްސް ޓައިމްސްއިން ރިޕޯޓު ކުރޭ -- ފޮޓޯ: ރޮއިޓާސް

ސިންގަޕޫރު (ނޮވެމްބަރު 30): މި މަހުގެ ކުރީކޮޅު ސިންގަޕޫރަށް އުފަންވި ތުއްތު ކުއްޖެއްގެ ހަށިގަނޑުން ކޮވިޑް-19 އެންޓިބޮޑީ ފެނިފައިވާ ކަމަށް އެގައުމުގެ ސްޓްރެއިޓްސް ޓައިމްސްއިން ރިޕޯޓުކޮށްފި އެވެ.

ސްޓްރެއިޓްސް ޓައިމްސްގައިވާ ގޮތުން ސިންގަޕޫރުގައި ބަލިވެ އިން އަންހެނަކަށް ކޮވިޑް-19 ޖެހުނީ އޭނާގެ ބަނޑަށް 10 ހަފްތާވީ ފަހުން، މިދިޔަ މާޗް މަހުގަ އެވެ. އަދި އޭނާގެ ހާލު ސީރިއަސް ނުވާ ކަމަށާއި އޭރު އޭނާއަށް ދެ ހަފްތާ ވަރު ވަންދެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ކަމަށް އެ ނޫހުގައިވެ އެވެ.

އޭގެ ފަހުން ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލް (އެންޔޫއެޗް)ގައި އެ އަންހެން މީހާ ވިހެއީ މިމަހުގެ ހަތެއްގަ އެވެ. އަދި އެ ކުއްޖާއަށް ކޮވިޑް ނުޖެހޭ ނަމަވެސް ކުއްޖާގެ ހަށިގަނޑުން ބަލީގެ އެންޓިބޮޑީ ފެނިފައިވާކަން ޑޮކްޓަރުން އެންގި ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.

"އަޅުގަނޑުގެ ހަށިގަނޑުގައި މިހާރު އެންޓިބޮޑީ ނެތް ނަމަވެސް ދަރިފުޅުގެ ހަށިގަނޑުގައި ކޮވިޑް އެންޓިބޮޑީ ހުރި ކަމަށް ކުޑަކުދިންގެ ޑޮކްޓަރު ވިދާޅުވި. އަޅުގަނޑުގެ ޑޮކްޓަރު ލަފާ ކުރާ ގޮތުގައި ބަލިވެ އިންދާ އަޅުގަނޑުގެ އެންޓިބޮޑީ ދަރިފުޅަށް ވާސިލުވީ،" ކުއްޖާގެ މަންމަ ބުންޏެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނާ ގޮތުގައި މަންމަގެ ބަނޑުގައި ދަރިފުޅު އޮންނަ އިރު ނުވަތަ ވިހާ އިރު، މަންމަގެ ފަރާތުން ކުއްޖާއަށް ކޮވިޑް ޖެހޭކަން އަދި އެނގިފައި ނުވެ އެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ އެމާޖިން އިންފެކްޝަސް ޑީޒީސެސް ޖާނަލްގައި މިދިޔަ މަހު ޗައިނާއިން ޝާއިއު ކުރި ލިޔުމެއްގައިވާ ގޮތުން، ކޮވިޑް ޖެހިފައިވާ އަންހެނުން ވިހާ ކުޑަކުދިންގެ ހަށިގަނޑުން ބަލީގެ އެންޓިބޮޑީ ފެނެ އެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކަށް ފަހު އެ އެންޓިބޮޑީތަކުގެ އަދަދު މަދުވެ އެވެ.

އެންޓިބޮޑީ އަކީ ބަލި ޖައްސާ ބެކްޓީރިއާ އާއި ވައިރަސް ފަދަ މާއްދާތަކުން ދިފާއުވުމަށް ހަށިގަނޑުން އުފައްދާ ޕްރޮޓީންއެކެވެ. އަދި ކޮންމެ ބައްޔަކަށް ވެސް އުފެދޭނީ އެ ބައްޔަކަށް ހާއްސަ އެންޓިބޮޑީ އެވެ.

ކޮރޯނާވައިރަސް އެންޓިބޮޑީއާ ބެހޭ ގޮތުން މިހާތަނަށް ހަދާފައިވާ ދިރާސާތަކުން، އެ އެންޓިބޮޑީން ދެވަނަ ފަހަރަށް ކޮވިޑް ޖެހުން ހުއްޓުވައިދޭ މިންވަރާއި މުއްދަތު އަދި ޔަގީންވެފައި ނުވެ އެވެ.

comment ކޮމެންޓް