ރައީސް އޮފީހުގެ ހަރަދުތައް ހުރީ މާލިއްޔަތު ގަވައިދާ އެއްގޮތަށް: އޮޑިޓް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2019 ވަނަ އަހަރުގެ މާލީ ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރި ރައީސް އޮފީހުގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނީ 2019 ޑިސެމްބަރު 31 އަށް ނިމުނު މާލީ އަހަރުގެ ހަރަދުތައް ރައީސް އޮފީހުން ކޮށްފައިވަނީ އެ އަހަރަށް ރައީސް އޮފީހަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކަމަށެވެ.

އަދި ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައް، ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ހާސިލްކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ 2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފާސްކޮށްފައިވަނީ 121 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ އޮފީހުގެ މުވައްޒަފުންގެ މުސާރައިގެ ހަރަދަށް 46.7 މިލިއަން ރުފިޔާ ހޭދަކުރި އިރު އެކި އެލަވެންސް ތަކާއެކު ޖުމްލަ 110 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހޭދަކޮށްފައިވެއެވެެ. ދަތުރު ފަތުރުގެ ހަރަދަށް 26.5 މިލިއަން ރުފިޔާ ހޭދަކުރި އިރު އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށް 5.3 މިލއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

comment ކޮމެންޓް