ސެމްސަންގުން ނޯޓް ސީރީޒް ކެންސަލްކޮށްލަނީ

ނޯޓް ސީރީޒް ބަދަލު ކުރާނީ ފޯލްޑް ސީރީޒްއަށް ކަމަށް ވާހަކަ ދެކެވޭ --- ފޮޓޯ: އެންޑްރޮއިޑް އޮތޯރިޓީ

ސެމްސަންގްގެ އެންމެ މަގުބޫލު އެއް ސްމާޓްފޯން ލައިން ކަމަށްވާ "ގެލެކްސީ ނޯޓް" ސީރީޒްގެ ފޯނުތައް އުފެއްދުން ހުއްޓާލަން އުޅޭ ފަދަ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.

ސެމްސަންގް އިން ކޮންމެ އަހަރަކު ނެރޭ ނޯޓް ސީރީޒް އަކީ އެކުންފުނީން އުފައްދާ އެންމެ ވަރުގަދަ އަދި އެންމެ ފަހުގެ ސްޕެސިފިކޭޝަން ހުންނަ އަގުބޮޑު ފޯނު ސީރީޒް އެވެ. އެ ސީރީޒް އަކީ ސެމްސަންްގްގެ އެންމެ މަގުބޫލުވެސް އެއް ފޯނު ސީރީޒްއެވެ.

މި ފަހަކަށް އައިސް އަޑު އިވެމުންދަނީ ނޯޓް ސީރީޒް ކެންސަލް ކޮށްލަން އުޅޭ ވާހަކަތަކެވެ. ފުރަތަމަ އެ ވާހަކަ ފެތުރިފައިވަނީ ބައެއް ގޮތް ނޭނގޭ ވެބްސައިޓުތަކުގައެވެ. ނަމަވެސް ދެކުނު ކޮރެއާ އަށް ނިސްބަތްވާ ސެމްސަންގްގެ އެ ސީރީޒް ކެންސަލް ކޮށްލަން އުޅޭ ވާހަކަތައް މިހާރު ގައުމުގެ ބައެއް ނޫސްތަކުން ވެސް ވަނީ ދައްކަން ފަށާފައެވެ.

ކޮރެއާގެ ގިނަ ނޫސްތަކުން އެ ވާހަކަ ދައްކަމުން ދާއިރު ސެމްސަންގް އިން އެ ވާހަކައަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.

އެހެންނަމަވެސް ސެމްސަންގްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތަށް ބަލާއިރު އެފަދަ ކަމަކަށް އިޝާރާތްކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ސެމްސަންގް އިން މަސައްކަތް ކުރަމުންދަނީ އެކުންފުނީ އެސް ލައިންގެ އަންނަ އަހަރުގެ ފޯނު ކަމަށްވާ "އެސް21" އަށް އެސް ޕެން ހިދުމަތް ތައާރަފުކުރުމަށެވެ. އަދި އޭގެއިތުރުން އެކުންފުނީގެ ފަތް ޖަހާލެވޭ ފޯނަށްވެސް އެ ހިދުމަތް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސެމްސަންގް އިން އިޝާރާތް ކުރެއެވެ. ސެމްސަންގްގެ އެސް ޕެން އަކީ އެކުންފުނީގެ ނޯޓް ސީރީޒް އަށް އެކަނި ހާއްސަވާ ފީޗާއެކެވެ. އެހެންކަމުން އެ ހިދުމަތް އެހެން ފޯނުތަކަށް ލިބޭ ނަމަ ނޯޓް ސީރީޒް ހާއްސަ ވާންވީ މާ ބޮޑު ސަބަބެއް ނެތް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ވާހަކަ ދެކެވެމުންދާ ގޮތުގައި ނޯޓް ސީރީޒް އުވާލުމަށްފަހު ސެމްސަންގް އިން އޭގެ ބަދަލުގައި ޕްރޮމޯޓުކުރަމުންދާނީ ފަތް ޖަހާލެވޭ ފޯނު ސީރީޒްގެ ފޯނުތަކެވެ.

comment ކޮމެންޓް