ދައުލަތުން ނަގާ ލޯނާއި ވިއްކާ ބޮންޑުގެ ކުއާޓަލީ ރިޕޯޓެއް މަޖިލީހަށް ހުށަހަޅަން އިސްލާހެއް

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

ދައުލަތުން ނަގާ ލޯނާއި ސޮވެރިން ގެރެންޓީއާއި ވިއްކާ ސުކޫކާއި ޓީބޮންޑުގެ ފުރިހަމަ ތަފްސީލު ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ދޭންޖެހޭ ގޮތަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ، އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

މިއަދުގެ ޖަލްސާގައި ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ރިޕޯޓަށް އިސްލާހު ހުށަހަޅުއްވަމުން އިވާ ވިދާޅުވީ އެ ތަފްސީލު ކުއާޓަލީ ރިޕޯޓެއްގެ ސިފައިގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"އޭގެ ފުރިހަމަ ތަފްސީލު [ކާކަށްތޯ ވިއްކީ، ކޮން ރޭޓެއްގައި ކޮން ކަމަކަށްތޯ] ކުއާޓަލީ ރިޕޯޓެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަނިކުފާނުގެ އަތްޕުޅަށް އަރުވަން ޖެހޭނޭ [މަޖިލީހަށް ފުރިހަމަ ތަފްސީލު ފޮނުވަން ޖެހޭނޭ]." އީވާ ވިދާޅުވި އެވެ.

މިއީ އަބަދުވެސް 'އޮޓަމެޓިކުން' މިކަން ވާންޖެހޭނެ ގޮތްކަމަށް ކުރިން ހީކުރެއްވި ކަމަށާއި ނަމަވެސް މިކަން މިގޮތަށް ނުހިނގާކަން އެނގިވަޑައިގެންނެވީ މިދިޔަ ފަސް އަހަރުގެ ލޯނުތަކުގެ ތަފްސީލު ހޯދަން މަސައްކަތް ފެށުމުން ކަމަށް އީވާ ވިދާޅުވި އެވެ.

"މިއަދާ ހަމައަށްވެސް އެއީ ހިނގާ ކަމެއް ނޫން. މިދިޔަ ފަސް އަހަރުގެ ލޯނުތަކުގެ ތަފްސީލު ހޯދަން މަސައްކަތް ފެށީމަ އެނގުނީ އެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގައި ނެތުނީމަ ވާ ބުރަ." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ދައުލަތުން ވިއްކާ ސުކޫކާއި ބޮންޑުގެ ތަފްސީލަކީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެނގެންޖެހޭ މައުލޫމާތު ކަމަށެވެ. އަދި މިއީ ހަމައެކަނި ފިނޭންސް މިނިސްޓްރީން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިއީ ސިއްރުސިއްރުން ނުވަތަ ސިއްރުން ނޫނަސްވެސް ހަމައެކަނި ފިނޭންސް މިނިސްޓްރީން އެކަނި ކުރެވޭނެ ލަންކަމެއް ނޫން. މަޖިލީހުގައި އޮވޭ މާލިއްޔަތު ކޮމެޓީއެއްވެސް. އަދި މަޖިލީހަކީ އޯވަސައިޓް ކޮމެޓީ. މަޖިލީހުން ބަޖެޓު ނިންމަނީ ސަރުކާރުން ހުށަހެޅި ކަމުގައި ވިޔަސް. އަދި ސުކޫކު ވިއްކުމާއި ނުވިއްކުމާ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ އާމްދަނީއާ ގުޅިފައި ހުންނަނަމަ ފުރިހަމައަށް ތަފްސީލާއި ވާނުވާ އެނގެން ޖެހޭނެ."

comment ކޮމެންޓް