މެމްބަރުންގެ ޝައުގުވެރިކަން ނެތުމުން ބަޖެޓު ބަހުސް މިއަދު ނިންމާލަނީ

ނޮވެމްބަރ 15، 2020: އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން ބަހުސްކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝައުގުވެރިކަން ނެތުމުން ބަޖެޓަށް ބަހުސްކުރަން މިއަދު ނިންމާލާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، ބަޖެޓަށް ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި އިއްޔެވެސް ބައިވެރިވެވަޑައިގެންނެވީ ވަރަށް މަދު މެމްބަރުން ކަމަށެވެ.

އެމަނިކުފާނު އެހެން ވިދާޅުވީއިރު، މިއަދުގެ ޖަލްސާގައިވެސް ފުރުސަތެއް އެދިފައިވަނީ އެންމެ މެމްބަރަކުވެސް ނެތެވެ. އެހެން ނަމަވެސް ފަހުން އިތުރު މެމްބަރުން ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެ އެވެ.

"މި ބަހުސްގައި ވާހަކަ ދައްކަވާފައިވަނީ އަދި 18 މެމްބަރުން. މިވަގުތު [މިއަދު] އެދިވަޑައިގެންފައިވަނީ އެންމެ އިއްޒަތްތެރި މެމްބަރެއް. އަޅުގަނޑު މިއަދު 10 ޖަހާއިރު ފުރުސަތު ބަންދުކުރަން ގަސްތުކުރަން. އަޅުގަނޑަކަށް ނުފެނޭ ބަޖެޓުގެ ބަހުސްގައި މެމްބަރުންގެ ޝައުގުވެރިކަން ހުރި ކަމަށް. އިއްޔެވެސް މެމްބަރުން މި ބަޖެޓު ބަހުގައި ބައިވެރިވާން އެދިވަޑައިނުގަންނަވާ. އެހެންވެ އަޅުގަނޑަށް ޖެހުނީ ހަމަ މިތާނގައި ހުންނަން." ނަޝީދު ވިދާޅުވި އެވެ.

ބަޖެޓަށް ބަހުސްކުރަން މެމްބަރުންގެ ޝައުގުވެރިކަން ކުޑަވެ، ބަޖެޓު ބަހުސް މިއަދު ނިންމާލާއިރު، ބަޖެޓުގެ މަސައްކަތްތައް ނިންމާލުމަށްޓަކައި ޑިސެމްބަރު ހަތްވަނަ ދުވަހާ ހަމައަށް މަޖިލީހުގެ ތިންވަނަ ދައުރު ވަނީ ދަންމާލާފަ އެވެ.

ދައުރު ދަންމާލައިގެން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދާއިރު، ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ފާސްކުރީ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.

ކޮމެޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި އާމްދަނީ 21 ބިލިއަނަށް އިތުރުވެ، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައި އެވެ.

comment ކޮމެންޓް