ކޮލަމްބޯ (ނޮވެމްބަރު 30): ސްރީލަންކާގެ މަހާރާ ޖަލުގައި ހިނގި ހަމަނުޖެހުންތަކެއްގައި ހަ ގައިދީއަކު މަރުވެ، 52 މީހަކަށް އަނިޔާވެއްޖެ އެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޮހާނާ ވިދާޅުވި ގޮތުގައި މަހާރާ ޖަލުގައި ގައިދީންތައް ހަމަނުޖެހުން ހިންގަން ފެށީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އަދި އެމީހުން ނުރުހުން ފާޅު ކުރީ ޖަލުތަކުގައި ކޮވިޑު ފެތުރޭތީ ކަމަށާއި އެމީހުން ގޮވާލަމުން ދިޔައީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ރޮޮހާނާ ވިދާޅުވި ގޮތުގައި ޖަލު އާއްމު ހާލަތަށް ގެނައުމަށްޓަކައި ފުލުހުންނަށް ބާރުގެ ބޭނުންކޮށް، ބަޑި ޖަހަން ޖެހުނެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ލަންކާގެ ނިއުސްވަޔާގައިވާ ގޮތުން އެހަމަނުޖެހުންތަކުގެ ތެރޭގައި ޖަލުގައި ރޯވި އަލިފާންގަނޑެއް މިހާރު ވަނީ ނިއްވާލާފަ އެވެ.
ލަންކާގެ ތޮއްޖެހިފައިވާ އެހެން ޖަލުތަކުގައިވެސް ކޮވިޑު ފެތުރުމުން ގައިދީން ވަނީ މުޒާހަރާކޮށްފަ އެވެ. އެގޮތުން ކޮލަމްބޯގެ ވެލިކަޑަ ޖަލުގެ ފުރާޅު މައްޗަށް ގައިދީންތަކެއް އަރާ، އެމީހުން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ގޮވާލި އެވެ.
އެގައުމުގެ ޕްރިޒަންސް ޑިޕާޓްމެންޓުން އިއްޔެ ބުނި ގޮތުގައި އެގައުމުގެ ޖަލުތަކުން މިހާތަނަށް 1،091 މީހަކަށް ވަނީ ކޮވިޑު ޖެހިފަ އެވެ. އޭގެ ތެރެއިން އިއްޔެ ޕޮޒިޓިވްވި 183 މީހުންނަކީ މަހާރާ ޖަލުގެ ގައިދީންނެވެ.