އީރާނުގެ ނިއުކްލިޔުާ ސައެންޓިސްޓް އަވަހާރަކޮށްލި ޓެރަރިސްޓް ހަމަލާ ދުނިޔޭގެ ގައުުމުތަކުން ކުށްވެރިކޮށްފި

އަވަހާރަކޮށްލާފައިވާ އީރާނުގެ އިސް ނިއުކްލިޔާ ސައެންްޓިސްޓް ޕްރޮފެސަރު މުހްސިން ފަޚްރީ ޒާދޭ

ބްރަސަލްސް (ނޮވެމްބަރު 30) : އީރާނުގެ އެންމެ އިސް ނިއުކްލިޔާ ސައިންޓިސްޓުންގެ ތެރޭގައި ހިމެނޭ ޕްރެފެސަރު މުޙްސިން ފަޚްރީޒާދޭ މަހާބާދީ އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް ބެލެވިފައިވީ ނަމަވެސް ޔޫރަޕްގެ ގައުމުތަކުންނާއި ދުނިޔޭގެ އެތައް ގައުމަކުން އެޖަރީމާ ފާޅުގައި ކުށްވެރިކޮށް ބަޔާންތައް ނެރެފި އެވެ.

އިސްރާއީލު ހިންގާ ޖަރީމާތަކާއި ޓެރަރިޒަމްގެ އަމަލުތަށް ކުށްވެރި ކުރުމަކީ އެމެރިކާއާއި ޔޫރަޕުން ކުރިން ކުރާކަމެއްނޫން

އިސްރާއީލު ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ޓެރަރިޒަމްގެ އަމަލުތަށް ފާޅުގައި ކުށްވެރި ކުރުމަކީ އަދި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރީ ހަރަކާތްތަކަށް ފާޑުކިޔުމަކީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އެއްވެސް ވަރަކަށް ކުރާކަމެއް ނޫނެވެ. ނަމަވެސް ޕްރެފެސަރު މުޙްސިން އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާގެ ފަހަތުގައި ވަނީ އިސްރާއީލުކަން ގާތްގަނޑަކަށް ޔަގީން ކުރެވިފައިވީ ނަމަވެސް ޔޫރަޕްގެ އިއްތިޙާދުންނާއި ޔޫރަޕްގެ އެތައް ގައުމަކުން ވަނީ ޓެރަރިޒަމްގެ މި އަމަލު ފާޅުގައި ކުށްވެރިކޮށްފަ އެވެ.

މިޖަރީމާ ކުށްވެރިކޮށް ނެރުއްވި ބަޔާނެއްގައި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންކަމާ ބެހޭ ވެރިޔާ ޖޮޒެޕް ބޮރެލް ވަނީ މިއީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ގޮންޖެހުމުގެ ޖަރީމާއެއްކަމަށް ސިފަކުރައްވައި މިފަދަ ޖަރީމާތަށް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ޖަރުމަނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ މިއީ ތަހުޒީބު ދުނިޔެ ގަބޫލުކުރާނެ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

ސީއައިއޭގެ ކުރީގެ ވެރިޔާ ވިދާޅުވަނީ މިއީ ފިނޑި އަމަލެއްކަމަށް

އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭގެ ކުރީގެ ވެރިޔާ ޖޯން ބްރައިނެން ވަނީ ޕްރޮފެސަރު މުޙްސިން އަވަހާރަކޮށްލުމަކީ ފިނޑި އަމަލެއްކަމަށް ސިފަކުރައްވައި މިއީ ގޮތް ހުސްވެގެން ބަޔަކު ކުރާބާވަތުގެ އިޖްރާމީ އަލެއްކަމަށް ސިފަކުރައްވާފައެވެ. ބްރައިނެން ވަނީ އީރާނަކީ މިފަދަ ޓެރަރިސްޓް އަމަލުތަކަށް އަވަސްއަރުވާލައިގެން ރައްދު ނުދީ ހިކްމަތު އަމަލީ ބޭނުންކުރާ ގައުމެއްކަން ފާހަގަކުރައްވައި ދުނިޔޭގެ އިޙްތިރާމު ލިބިގެންވާ ތަހުޒީބު ސަރުކާރެއް އެމެރިކާގައި ޤާއިމުވަންދެން ކެތްތެރިކަން އިސްކުރުމަށް އީރާނަށް އިލްތިމާސް ކުރައްވާފަ އެވެ.

މީގެއިތުރުން އިނގިރޭސިވިލާތް، ރަޝިއާ، ޕާކިސްތާން، މެލޭޝިއާ، ޔުނައިޓެޑް އަރަބް އިމަރޭޓްސް، އަދި ތުރުކީއާއި އެނޫން ގައުމުތަކުންވެސްވަނީ މިޖަރީމާ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ޕާކިސްތާނާއި ތުރުކީން ނެރުނު ބަޔާންތަކުގައި މިޖަރީމާ ކުށްވެރިކުރުމުގެ އިތުރުން އީރާނަށް ހަމްދަރުދީ ފާޅުކޮށް އީރާނާއެކުގައިވާކަން ހާމަކޮށްފައިވެއެވެ. އަދި މިއީ އީރާނަށް ގޯނާކޮށްގެން ސަރަހައްދީ އައު ހަމަނުޖެހުންތަކެއް އުފަންކުރުވުމުގެ ރޭވުމެއްގެ ދަށުން ކޮށްފައިވާ ކަމަށް ވެސް އެދެގައުމުން ސިފަކޮށްފައިވެ އެވެ.

މީގެ އިތުރުން އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުން ވެސް ޕްރެފެސަރު މުޙްސިން އަވަހާރަކޮށްލި ޖަރީމާވަނީ ކުށްވެރި ކުރައްވާފަ އެވެ. އދ. ންވަނީ މިއީ ގާނޫނުން ބޭރުގައި މީހުން މެރުމުގެ ޖަރީމާ އެއްކަމަށް ސިފަކޮށް މިކަންކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

ޖަރީމާގެ ފަހަތުގައި އިސްރާއީލު އޮތްކަމުގެ އިތުުރު ހެކިތަކެއް

އީރާނުގެ އިސް ނިއުކްލިޔާ ސައެންޓިސްޓް ޕްރޮފެސަރު މުޙްސިން ފަޚްރީ ޒާދާ އަވަހާރަކޮށްލުމުގެ ފަހަތުގައި އިސްރާއީލު އޮތްކަމުގެ އިތުުރު ހެކިތަކެއް ހޯދިފައިވާ ކަމާއި އެކަމުގައި އިސްރާއީލަށް ވާގިވެރިވީ އިސްރާއީލާ ގުޅުންއޮންނަ އީރާނުގެ ޓެރަރިސްޓް ޖަމާއަތެއްކަމަށް އީރާނުގެ ޚާރިޖީވަޒީރު މުހައްމަދު ޖަވާދު ޒަރީފު ވަނީ ވިދާޅުވެފަ އެވެ. ޒަރީފް ވާހަކަތަކުން ދޭހަވަނީ އީރާނުގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ "މުޖާހިދީ ޚަލްގު" ޖަމާއަތެވެ. މިއީ ސައޫދީއާ ވެސް ގުޅުންއޮންނަ ޖަމާއަތެއްކަމަށް ރިޕޯޓްތަށް ބުނެ އެވެ. އިސްރާއީލަކީ ފަލަސްތީނުގެ އެތަށް ލީޑަރުންނާއި އަރަބި އެތައް ސައެންޓިސްޓުންނެއް ޝަހީދުކޮށްލުމުގެ ޖަރީމާތަށް ހިންގާފައިވާ ގައުމެކެވެ.

ރޫހާނީ ވިދާޅުވަނީ އީރާނުގެ ލީޑާޝިޕްއަކީ އިސްރާއީލު ހީކުރާހާ މޮޔަބައެއް ނޫން

އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ޕްރޮފެސަރު މުހްސިން އަވަހާރަކޮށްލުމުގައި އިސްރާއީލުގެ ބޭނުމަކީ އޭގެ ރައްދުގައި އިސްރާއީލަށް ހަމަލާދީގެން އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ބޮންއެޅުމުގެ ފުރުސަތު ހޯދުންކަމަށް ވިދާޅުވެ އީރާނުގެ ލީޑާޝިޕްއަކީ އިސްރާއީލު ހީކުރާހާ މޮޔަބައެއް ނޫންކަން ހާމަކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އީރާނުން މިކަމުގެ ރައްދު ދޭނީ އެންމެ މުނާސަބު ވަގުތުގައި އަދި އެންމެ މުނާސަތު ގޮތްބަލާފައި ކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ.

އީރާނުގެ ޕާލަމެންޓްގެ ޖާސޫސީ ކަންކަމާ ބެހޭ ސަބް ކޮމިޓީންވަނީ އީރާނުގެ އިންޓެލިޖެންސް ދަށްކަން ފާހަގަކޮށް ރައީސް ރޫހާނީގެ ސަރުކާރަށް ފާޑުކިޔާފަ އެވެ. އެކޮމިޓީން ވަނީ އީރާނުގެ އިންޓެލިޖެންސް ވަރުގަދަ ކުރުމާ ބެހޭ ގޮތުން އީރާން ސަރުކާރުގެ ޖާސޫސީ އިދާރާތަކުގެ ވެރިން ހާޒިރުކޮށް ސުވާލުކުރާނެކަމަށް ބުނެފަ އެވެ. (ނޫސްއެޖެންސީތަށް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު