2002 ގެ ވޯލްޑް ކަޕުން ވިދާލި ސެނަގަލް ކުރީގެ ތަރި ޕާޕާ ބޮއުބާ މަރުވެއްޖެ

ސެނަގަލްގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ޕާޕާ ބޮއުބާ ޑިއޮޕް --- ފޮޓޯ//ލައިވްސްކޯ

ކޮރެއާ/ޖަޕާންގައި 2002 ވަނަ އަހަރު އޮތް ވޯލްޑްކަޕުގައި ވިދާލި ސެނަގަލްގެ ކުރީގެ ފުޓުބޯޅަ ތަރި ޕާޕާ ބޮއުބާ ޑިއޮޕް އުމުރުން 42 އަހަރުގައި މަރުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ހަތަރު ކުލަބެއް ކަމަށްވާ ފުލަމް، ޕޯޓްސްމައުތު، ވެސްޓްހަމް އަދި ބްރިމިންގްހަމްގެ އިތުރުން ފްރާންސްގެ ލޭންސްއަށް ވެސް ކުޅުނު ޑިއޮޕް މަރުވިކަން އޭނާގެ އާއިލާން ހާމަކޮށްފައިވާ އިރު، ޑިއޮޕް މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އޮތުމަށްފަހު އެވެ.

ސެނަަލްގެ ގައުމީ ޓީމަށް 63 މެޗު ކުޅެދިން ޑިއޮޕް އެންމެ ފާހަގަ ކޮށްލެވެނީ މީގެ 18 އަހަރު ކުރިން އޮތް ވޯލްޑްކަޕުގައި އޭނާ ދެއްކި އާދަޔާ ޙިލާފު މޮޅު ކުޅުމަށެވެ. އެ ފަހަރުގެ މުބާރާތުގައި މުޅި ދުނިޔެ ހައިރާން ކޮށްލުމަށްފަހު ސެނަގަލް ކުއާރޓާ ފައިނަލަށް ދަތުރު ކުރި އިރު ޑިއޮޕް އަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ.

އޭގެ ކުރީ ފަހަރުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް ސިއްސުވާލި މެޗުގައި ޖެހި ހަމައެކަނި ގޯލު ޑިއޮޕް ޖެހި އިރު، ވަރުގަދަ އުރުގުއޭ އަތުން 3-3 އިން އެއްވަރުވި މެޗުގައި ވެސް ޑިއޮޕް ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ރަނގަޅު ފޯމެއްގައި ކުޅުނު ސެނަގަލް ވަނީ ގްރޫޕް ސްޓޭޖު ފަހަނައި އަޅައި ގޮސް ގަދަ 16 ގައި ސްވިޑަންގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. އެ ފަހަރުގެ މުބާރާތުން އެ ޓީމު ކެތީ ކުއާރޓާ ފައިނަލުގައި ޓާރކީ އަތުން 0-1 އިން ބަލިވެގެންނެވެ.

އެއަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ވެސް ސެނަގަލް ދިޔަ އިރު ޑިއޮޕް އަކީ މުހިއްމި ކުޅުންތެރިއެކެވެ. ފައިނަލުން ސެނަގަލް ކެމަރޫން އަތުން ބަލިވީ ޕެނަލްޓީގައި ނާކާމިޔާބުވުމުންނެވެ.

comment ކޮމެންޓް