ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ ބަލާނަން: ޓްރާންސްޕޯޓު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް - ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސްގައި ކިޔަވާ ދަރިވަރުން އެތަނުން ވަކިކުރާ މައްސަލަ ތަހުގީގީ ނަޒަރަކުން ބަލާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފިއެވެ.

އެތަނުގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމެއްނެތި ދަރިވަރުން ވަކިކުރަމުންދާ މި ދަނޑިވަޅުގައި މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފްލައިން ސްކޫލުގެ ދަރިވަރުން ވަކިކުރަމުންދާ މައްސަލަ މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެތަނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް، ދައުލަތުގެ އިދާރާތަކާ ގުޅިގެން ހައްލު ކުރުމަށް މިނިސްޓްރީ އިން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީންް ނެރުނު ބަޔާނުގައި އިތުރަށް ބުނީ އޭއޭއޭގެ މެނޭޖުމެންޓާއެކު މިދިޔަ ހަފްތާގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަނުގެ އޮފިޝަލުން ފްލައިން ސްކޫލަށް ޒިޔާރަތްކޮށް އެތަނުގެ އޮޑިޓެއް ހަދާފައިވާ ކަމަށެވެ. އަދި މި އޮޑިޓުން ފާހަގަވި ކަންތަކުގެ އަލީގައި އޭއޭއޭގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެތަނުން ވަކިކުރަމުންދާ ކުދިންގެ މައްސަލަތައްވެސް ތަހުގީގީ ނަޒަރަކުން ބަލާނެ ކަމަށާއި އެގޮތުން ދަރިވަރުން ވަކިކުރުމުގައި ކަމާބެހޭ ގަވައިދުތަކާ އުސޫލުތަކާ ހިލާފަށް ކަމެއްކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

"އަދި ބޭއިންސާފުން ދަރިވަރުންނާމެދު އަމަލުކުރުމަކީ މި މިނިސްޓްރީ އިިން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ،" މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އިތުރަށް ބުނީ މިނިސްޓްރީ އާއި ސަރުކާރުގެ އިދާރާތަކުގެ އަމާޒަކީ ރާއްޖޭގައި އޭވިއޭޝަން ދާއިރާ އިން ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތްތަކުގެ ކިބައިން ދިވެހި ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

އަދި އައްޑޫ ފްލައިން ސްކޫލުގެ މަައްސަލަ ހައްލުކުުރުމުގައިވެސް އަމަލު ކުރާނީ މި މަގުސަދު އަމާޒަކަށް ހަދައިގެން ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ފްލައިން ސްކޫލުގެ މައްސަލާގައި މިނިސްޓަރު އާއިޝަތު ނަހުލާވެސް މިއަދު ވަނީ ޓްވީޓު ކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ އްޑޫގައި ގާއިމް ކޮށްފައިވާ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންނާ މެދު އަމަލު ކުރެވެމުންދަނީ ބޭއިންސާފުން ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.

"ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންނާމެދު އިހުމާލުވެފައިވާތީ އެތަނާމެދު ފިޔަވާޅު އަޅަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަދި އެތަނުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް 22 އޮކްޓޯބަރުގައި 20 ދުވަހުގެ މުހުލަތެއްވެސް ވަނީ ދީފައެވެ. ނަމަވެސް އެކަންތައް ހައްލު ވެފައެއް ނުވެއެވެ.

އޭއޭއެ އިން ގަބޫލުކުރާ މިންގަނޑަށް ކޯސް ފުރިހަމަ ކޮށްފައި ނުވާކަމަށް ބުނެ އެތަނުގައި ކިޔަވާ 15 ކުއްޖަކު ވަނީ ކޯހުން ވަކިކޮށްފައެވެ.

އެތަނުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބިދޭސީ ދަރިވަރުންނާ ދެމެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެވެސް ދަރިވަރުން ވަނީ ޝަކުވާ އުފުލައިފައެވެ.

ހަޔާ އެޑިއުކޭޝަނުން ވަނީ ޒިންމާދާރުކަމާއިއެކު ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށް އޭއޭއޭ އަށް އަންގައިފައެވެ. ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށް ވެސް ހަޔާ އެޑިއުކޭޝަނުން ވަނީ އޭއޭއޭ އަށް އަންގައިފައެވެ.

comment ކޮމެންޓް