އެއްގަމު އުޅަނދު އިންޝުުއާ ކުރަން ނުޖެހޭ ގޮތަށް ފާހެއް ނުވި

މެއި 14، 2020: މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްގަމު އުޅަނދު އިންޝުއާކުރަން ނުޖެހޭ ގޮތަށް އެއްގަމު އުޅަނދު ދަތުރުފަތުރާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފިއެވެ.

އެ އިސްލާހު ހުށަހެޅުއްވީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެ އެވެ.

އެއްގަމު އުޅަނދު ދަތުރުފަތުރާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން، ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަން ވާނީ، ތާޑް ޕާޓީއަކުން އިންސުއެރެންސް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ ކަން ކުރަނީ، އެ އުޅަނދެއް އެކްސިޑެންޓްވެގެން ގެއްލުން ލިބޭ މީހަކަށް ނުވަަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ކަމަށް އެ ގާނޫނުގައި ބުނެ އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވީ، އެ ގާނޫނުގެ 69 ވަނަ މާއްދާ، އިންސުއަރެންސް ނަގަން ބުނެފައި އޮންނަ މާއްދާ އުވާލުމަށެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި އޭނާ ބުނުފައި ވަނީ، އުޅަނދުތައް އިންޝުއަރެންސް ކުރެވުމުން ދިޔަ ނަމަވެސް، އެކްސިިޑެންޓްތަކުގައި އިންޝުއަރެންސް ލިބެމުން ނުދާ ކަމަށެވެ. އަދި ރައްޔިތުންގެ އަތުން އަހަރަކު އެތައް އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކުން ނަގަމުންދާއިރު، އެކަމުގެ ސަބަބުން ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް އެއްވެސް މަންފާއެއް ލިބެމުން ނުދާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެހެން ކަމުން އެފަދަ ކަމެއް ކުރުމަށް އެ ގާނޫނުން ލާޒިމް ކޮށްފައި އޮތުމަކީ، ބަލައިގަންނަން ދަތި އަދި ރައްޔިތުންނަށް ގެއްލުން ލިބޭ ކަމެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެ ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ ތެރެއިން 46 މެމްބަރުން ވޯޓު ދެއްވީ ބިލު ފާސްކުރަން ނުފެންނަ ކަމަށެވެ. ބިލާ އެއްކޮޅަށް ވޯޓު ދެއްވީ ތިން މެމްބަރުންނެވެ.

އެ ބިލު އިސްލާހުކުރަން އަލުން ކޮމެޓީއަށް ފޮނުވުމާމެދު ނެގި ވޯޓުގައި ބައިވެރިވި 51 މެމްބަރުން ވޯޓު ދެއްވީ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވަން ނުފެންނަ ކަމަށެވެ.

comment ކޮމެންޓް