ބޭރުގައި ހިނގާ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ހައިކޯޓުން އަމުރެއް

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރާއްޖެއިން ބޭރުގެ އާބިޓްރޭޝަންގައި ހިންގަމުންދާ މައްސަލައަކާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގެ ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އެއްބަސްވުމެއް ބާތިލުކުރި މައްސަލައަކާ ގުޅިގެންނެވެ. އެ އެއްބަސްވުމަކީ ޖުމެއިރާ މެނޭޖްމެންޓް ސާވިސް އާއި އެސްޕީއެޗް ކިޔާ ކުންފުންޏަކާ ދެމެދު ހަދާފައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެސްޕީއެޗް އިންނެވެ.

ދެކުންފުނީގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން ޖުމެއިރާއިން ވަނީ އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހަޅާފައިވާ ޖުމެއިރާއިން ވަނީ އެ މައްސަލަ ނިމުމުގެ ކުރީން ޖުމެއިރާއަށް ރިސޯޓު ހިންގުމުގެ ހައްގު ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ރާއްޖޭގެ ހައި ކޯޓުން އަމުރެއް ނެރެދިނުމަށް އެދިފައެވެ.

އެ މައްސަލައާ ގުޅިގެން ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އާބިޓްރޭޝަން ގާނޫނުގައިވާ ގޮތުގެ މަތީން ހައި ކޯޓަށް އެފަދަ ވަގުތީ އަމުރެއް ނެރެވިދާނެ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ 2008 ވަނަ އަހަރުގައި ޖުމެއިރާ އާއި އެސްޕީއެޗް އާ ދެމެދުގައި ވެވުނު އެއްބަސްވުމެއް ބާތިލުކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންގައި ކުރިއަށް ދާ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.

އެ އެއްބަސްވުން ބާތިލުކުރުމުގެ ކުރީން އެސްޕީއެޗް އިން އެކަން އަންގާފައިވާކަން އެނގެން ނެތް ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ. އަދި އެ އެއްބަސްވުން ބާތިލުކުރުމަށްފަހު އާ ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ.

އެސްޕީއެޗް އިން އެ ހާލަތުގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ޖުމެއިރާގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ވަގުތީ އަމުރެއް ނު ނެރެފިނަމަ ބޮޑެތިި ގެއްލުންތަކެއް ޖުމެއިރާއަށް ލިބޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ހައި ކޯޓުގެ ހުކުމްގައި އިތުރަށް ބުނެފައިވަނީ އާބިޓްރޭޝަންގައި މައްސަލަ ނިމެންދެން ނުވަތަ ކޯޓުން ވަކި ގޮތެއް އަންގަން ދެން ރިސޯޓު ހިންގުމުގެ އެއްބަސްވުމުގެ ދަށުން ޖުމެއިރާއަށް ލިބޭ ހައްގުތައް ދެމެހެއްޓުމަށެވެ.

comment ކޮމެންޓް