ފްލައިން ސްކޫލުގެ ދަރިވަރުންގެ ދިފާއުގައި މިނިސްޓަރު ނަހުލާ!

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް - ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ފްލައިން ސްކޫލު، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނާމެދު ކަންތައް ކުރެވެނީ ބޭއިންސާފުން ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިއަދު ވަނީ ފްލައިން ސްކޫލުގެ މައްސަލާގައި ޓްވީޓު ކުރައްވައިފައެވެ. މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވީ، އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންނާ މެދު އަމަލު ކުރެވެމުންދަނީ ބޭއިންސާފުން ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.

"ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންނާމެދު އިހުމާލުވެފައިވާތީ އެތަނާމެދު ފިޔަވާޅު އަޅަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަދި އެތަނުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް 22 އޮކްޓޯބަރުގައި 20 ދުވަހުގެ މުހުލަތެއްވެސް ވަނީ ދީފައެވެ. ނަމަވެސް އެކަންތައް ހައްލު ވެފައެއް ނުވެއެވެ.

ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންމާލަމުންދާތީ އެ ސްކޫލްގެ ދަރިވަރުންތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ.

ކުދިންގެ ކިޔެވުން ފުރިހަމަ ކުރުމަށް ދަތިތައް ކުރިމަތިވިނަމަވެސް، އެކަންތަކަށް ހައްލު ނުގެނެސް ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުން އެތަނުން ވަކިކުރަމުންދާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

އޭއޭއެ އިންް ގަބޫލުކުރާ މިންގަނޑަށް ކޯސް ފުރިހަމަ ކޮށްފައި ނުވާކަމަށް ބުނެ އެތަނުގައި ކިޔަވާ 15 ކުއްޖަކު ވަނީ ކޯހުން ވަކިކޮށްފައެވެ. ކުދިން ކޯހުން ވަކިކޮށްފައިވަނީ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެތަނުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބިދޭސީ ދަރިވަރުންނާ ދެމެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެވެސް ދަރިވަރުން ވަނީ ޝަކުވާ އުފުލައިފައެވެ.

ހަޔާ އެޑިއުކޭޝަނުން ވަނީ ޒިންމާދާރުކަމާއިއެކު ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށް އޭއޭއޭ އަށް އަންގައިފައެވެ. ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށް ވެސް ހަޔާ އެޑިއުކޭޝަނުން ވަނީ އޭއޭއޭ އަށް އަންގައިފައެވެ.

comment ކޮމެންޓް