އދ. ފެންފުށީގައި ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ އދ. ފެންފުށީގައި ކުޑަކުއްޖެއް ގެއްލިގެން އުޅޭ ކަމަށް މިއަދުގެ 15:20 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ގެއްލިގެން ހޯދަމުން ދިޔައީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ކުއްޖާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވާ ކަމަށެވެ.
އަދި ފެންފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެކުއްޖާ އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެއެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ރަށު ކައުންސިލުން ބުނެފައިވަނީ އެކުއްޖާ ގެއްލިފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި ގެއްލިގެން ހޯދަން ފެށިތާ މާ ގިނަ އިރުތަކެއް ނުވެ މޫދުން ފެނިފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެެއެވެ.