އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށަންް ދިޔަ މޯލްޑިވިއަންގެ ކްރޫ ރާއްޖެ އައިސްފި

އިންޑިއާ އަށް ދިޔަ ސިޕްލޭން ކްރޫ ރާއްޖެ އައުން -- ފޮޓޯ: މޯލްޑިވިއަން

އިންޑިއާގައި ސީޕްލޭން ހިދުމަތް ފެށުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެގައުމަށް ދިޔަ މޯލްޑިވިއަންގެ ކްރޫ ރާއްޖެ އައިސްފިއެވެ.

މޯލްޑިވިއަން އިން ބުނީ އިންޑިއާގެ ސްޕައިސް ޖެޓުން އެގައުމުގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އަށް ދިޔަ މޯލްޑިވިއަންގެ ކްރޫ މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ ކްރޫ ރާއްޖެ އައުމުން އެ އެއާލައިން އިން ވަނީ ކްރޫ އަށް ހާއްސަ މަރުހަބާއެއް ކިޔައިފައެވެ.

އިންޑިއާގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގިނަ ބަޔަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި އަދި ވައިގެ ދަތުރުތައް ކުރުމަށް ބޭނުންވާ އިންފްރާސްޓްރަޗްކާ ގާއިމުކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ފަށާފައިވާ "އުޑަން" މަޝްރޫއުގެ ދަށުން އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ސީޕްލޭން ހިދުމަތާއި އިންޑިއާގެ ފުރަތަމަ ވޯޓާ އެރޯޑްރޯމް ކެވާޑިއާގައި އިފްތިތާހުކުރެއްވުމަށްފަހު، މޯލްޑިވިއަންގެ ދިވެހި ކްރޫއިން ސްޕައިސްޖެޓަށް އޮޕަރޭޓުކޮށްދިން ސީޕްލޭން ފްލައިޓުގައި ބޮޑުވަޒީރު މޯދީ ދަތުރު ފެއްޓެވީ ގުޖުރާތު ސްޓޭޓުގެ އަހްމަދުއާބާދުގައި ހުންނަ ސަބަރުމަތީ ކޯރުގައި ގާއިމުކުރި އެރޯޑްރޯމަށެވެ.

ސީޕްލޭން ހިދުމަތް ފެށުމަށް ސްޕައިސް ޖެޓުން ވަނީ މޯލްޑިވިއަންގެ ސީޕްލޭނެއް ލީޒްކޮށްފައެވެ.

ސްޕައިސްޖެޓްގެ މި ދަތުރުގެ އިތުރުން އިންޑިއާގައި ސީޕްލޭން ފެށުމަށްޓަކައި އެގައުމުން ޓެކްނިކަލް ސަޕޯޓް ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެ ކަމަށާއި އެކަމުގެ މަޝްވަރާތައް މިހާރުވެސް ކުރަމުންދާ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް