ޔާމީން ފުލުހަށް ގެންދިއުމުން މިނިވަން މުއައްސަސާތައް ކޮމެޓީއަށް ހާޒިރެއް ނުކުރެވުނު!

މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުސް އޮފީހަށް ހާޒިރުވާންޖެހުމުން އޭނާއަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް މިއަދު ވަޑައިނުގެންނެވުމުން އަބްދުﷲ ގާޒީގެ މައްސަލާގައި ހައްލު ހޯދަން މިނިވަން މުއައްސަސާތައް ހާޒިރު ކުރަންޖެހޭ ގޮތަށް ހުށަހެޅި މައްސަލާގައި ކޮމެޓީގައި ނެގި ވޯޓް ނާކާމިޔާބުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 123 މާއްދާގެ (ހ)ގެ ދަށުން ޑީއާރްޕީގެ ތިން މެންބަރަކު މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ސަމާލުކަމަށް ގެނައި މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކޮމެޓީއަށް ހާޒިރު ކުރުވުމަށް ހުށަހެޅުއްވި އެވެ. ނަމެވެސް 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަށް މިއަދު ހާޒިރުވި 10 މެންބަރުންގެ ތެރެއިން އެ މުއްސަސާތައް ހާޒިރު ކުރުވުމަށް ވޯޓް ދެއްވީ ކޮމެޓީގައި ތިއްބެވި އިދިކޮޅު މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނެވެ. ވޯޓް އެއްވަރުވެއްޖެ ހާލަތެއްގައި ފިޔަވައި ކޮމެޓީގެ މުގައްރިރަކަށް ވޯޓު ނުދެއްވޭތީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެ ވޯޓްގައި ބައިވެރިވަޑައި ނުގަންނަވަ އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ހުށަހެޅުއްވި މައްސަލާގެ ބަހުސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ ކޮމެޓިއަށް ހާޒިރު ކުރަންޖެހޭނީ ޖޭއެސްސީގެ ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އަބްދުﷲ ގާޒީއަށް މިއަދު ޖެހިފައިވާ ހާލު ޖެއްސީ ޖޭއެސްސީން ކަމަށެވެ. ޖޭއެސްސީއިން އޭނާއާމެދު ފިޔަވަޅު ނާޅައި އޮތުމުން މިއަދު ގައުމުގެ މަސްލަހަތު ގެއްލިވައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ޖޭއެސްސީގެ ބޮޑެތި މައްސަލަތަކެއް މިހާރު ވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބަލަމުންދާ ކަމަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ވިދާޅުވީ "ޖޭއެސްސީ ރަނގަޅަށް މިއަދު ގްރިލް [ފިހުން] ކުރަންޖެހިފައިވާ" ކަމަށެވެ. އަދި ކޮމެޓީން ބަލަމުންދާ ޖޭއެސްސީގެ މައްސަލަތަކުގެ ތަފްސީލް ދެއްވުމަށް ވެސް އަލީ ވަހީދު މިއަދު ކޮމެޓީގައި އެދިވަޑައިގެންނެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު