މިއީ ވޯލްޑް ބޭންކުގެ އެހީ ރާއްޖެއަށް އެންމެ ބޭނުން ވަގުތު: ރައީސް

ހޯރަފުށި އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

މިއީ ވޯލްޑް ބޭންކުގެ އެހީ ރާއްޖެއަށް އެންމެ ބޭނުން ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފެރިސް ހަދާދް ޖަވަސް އަދި އެ ޖަމްއިއްޔާގެ ކަންޓްރީ މެނޭޖަރު ޗިޔޯ ކަންޑާއާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދު ހެނދުރު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ ދެބޭފުޅުން މަގާމުގެ ހައިސިއްޔަތުުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ބޭއްވެވި ބައްދަލު ކުރެއްވުމެވެ.

މި ބައްދަލުވުމުގައި ރައިސް ސޯލިހު ވަނީ ފާއިތުވި 42 އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުން ރާއްޖެއާއިއެކު ބާއްވަމުންގޮސްފައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައިވެއެވެ. އެގޮތުން، އެ ޖަމްއިއްޔާގެ އެހީގައި އެ މުއްދަތުގައި ރާއްޖޭގައި 295 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރެވި، 32 މަޝްރޫއެއް ހިންގާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި، މިހާރުވެސް ވޯލްޑް ބޭންކުގެ އެހީގައި ޕަބްލިކް ފައިނޭންސާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ކެޕޭސިޓީ އިތުރުކުރުމާއި، ތައުލީމީ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމާއި، މީހުން ބިނާކުރުމަށް ދެއްވާފައިވާ އަހައްމިއްޔަތު، ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮވިޑް-19ގެ މި ހާލަތުގައި އެންމެ ފުރަތަމަ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ވޯލްޑް ބޭންކް ހިމެނޭކަން ފާހަގަކުރައްވާ، ސިއްހީ ދާއިރާ ހަރުދަނާކުރުމާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިކަން ހޯދުމާއި، ރާއްޖެއަށް އެއިރެއްގައި ބޭނުންޖެހިފައިވާ މަޝްރޫއުތައް ހިންގުމުގައި އެ ޖަމްއިއްޔާ އިން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރައީސް ސޯލިހު ވަނީ ވޯލްޑް ބޭންކަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިގްތިސޯދު ހުއްޓިފައި އޮތުމަށްފަހު އަލުން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވިގެންދާ މި ދަނޑިވަޅަކީ ވޯލްޑް ބޭންކުގެ އެހީތެރިކަން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުކަން ހާމަކުރައްވާ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ރާއްޖެއަށް ވަމުންދާ މާލީ އެހީތެރިކަން މިހާރަށްވުރެ ފުޅާކޮށް އެކި ދާއިރާތަކުން ރާއްޖޭގެ ކުރިއެރުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

‎މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކުގެ ވަފުދުން ވަނީ ހރާއްޖޭގެ އިގްތިސޯދު ހަމަ މަގަށް އެޅުވުމުގައި މިހާރުން މިހާރަށް ބޭނުންވާ މެކްރޯ-ފިސްކަލް ބަދަލުތައް ގެނައުމުގެ އިތުރުން އިގްތިސޯދު ހަރުދަނާކޮށް، ކޯވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ހާމަކުރައްވައިފައެވެ.

އަދި، ސަރުކާރުގެ ދެ އަހަރު ދުވަހުގެ ކާމިޔާބު މަސައްކަތުން އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުވުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ކާމިޔާބީއަށް އެދޭކަމުގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް