އޭއެފްސީ ބްރެކެޓް ޗެލެންޖް: ބޮޑު ފަރަގަކާ އެކު ޗެމްޕިއަންކަން ދަގަނޑޭއަށް

މެއި 2، 2018: އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: 1-5ގެ ބޮޑު ތަފާތަކުން މޮޅުވެ ނިއު ރޭޑިއަންޓުން ވަނީ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ ބޮޑު ތަފާތަކުން ބަލިކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އެ ޗެލެންޖް ކާމިޔާބު ކޮށްފި އެވެ.

އޭއެފްސީން ކުރިއަށް ގެންދިޔަ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރި އިރު، މި ޗެލެންޖަކީ އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައި ހުރި މޮޅެތި ސޯލޯ ގޯލުތައް ގިންތި ކުރުމަށް ބޭއްވި މުބާރާތެކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރި އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

އެގޮތުން ވާދަވެރި ރައުންޑްތަކަކަށްފަހު އަޝްފާގު ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލް ބުރުގައި ހަނޯއީ އެފްސީގެ ފޯވާޑް ންގުޔެން ކުއެންގް ހައިގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވޯޓުލުން ނިމުނި އިރު އަޝްފާގު ކުރީގައި އޮތީ 54،68 އިންނެވެ. އޭނާގެ ވާދަވެރިޔާ ންގުޔެން ކުއެންގް ހައިއަށް ލިބިފައި ވަނީ 45.32 ވޯޓެވެ.

ޗެލެންޖުގެ ފައިނަލަށް ޗަން ސިއު ކީވެސް ދަތުރުކޮށްފައި ވަނީ ވާދަވެރި ކުރިމަތިލުންތަކަށް ފަހުއެވެ. ފައިނަލުގެ ޖާގަ ޗޭން ޗަން ސިއު ކީ ހޯދާފައިވަނީ ސެމީފައިނަލުގައި ވޯޓުލީ މީހުންގެ 51.61 ޕަސެންޓް ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި މެލޭޝިއާގެ ސަފާވީ ރާޝިދަށް ލިބިފައި ވަނީ 48.39 ޕަސެންޓް ވޯޓެވެ.

ފައިނަލުގެ ވޯޓުލުން މިއަދު 1:00 އަށް ނިމުނު އިރު އަޝްފާގު ކުރި ހޯދީ ބޮޑު ފަރަގަކާ އެކު އެވެ. މިއަދުގެ ޕޯލު އޭއެފްސީން ބަންދު ކުރި އިރު އަޝްފާގު ވަނީ 89.14 ޕަސެންޓް ހޯދައިފަ އެވެ. އިދިކޮޅު ޗޭން ޗަން ސިއުއަށް ލިބުނީ އެންމެ 10.86 ވޯޓެވެ.

ބްރެކެޓް ޗެލެންޖްގައި ހިމެނޭ އަޝްފާގުގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. ދަގަނޑޭ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު އަށް ޖަހައިދިން އެ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފަ އެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ. އެއް ވަނައިގައި އޮތީ 35 ގޯލް ޖަހާފައިވާ ފިލިޕީންސްގެ ސެރެސް-ނެގްރޯސް އަށް ކުޅުނު ސްޕެއިނުގެ ބިއެންވެނިޑޯ މަރަނޯން އެވެ. ލިސްޓުގެ އެއްވަނައަށް އަރަން ދަގަނޑޭއަށް ބޭނުން ވަނީ ހަ ގޯލެވެ.

comment ކޮމެންޓް