އޮސްޓްރޭލިއާގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް

އޮސްޓްރޭލިއާގެ ބޮންޑައި ބީޗަށް މީހުން އެއްވެފައި -- ފޮޓޯ: ރޮއިޓާސް

ސިޑްނީ (ނޮވެމްބަރު 29): އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގައި ރޭ ހޫނުމިން ރެކޯޑު މިންވަރަކަށް އަރައިފި އެވެ.

އޮސްޓްރޭލިއާގެ ސިޑްނީގެ މިނިމަމް އޯވާނައިޓް ޓެމްޕަރޭޗާ ރޭ 25.4 ޑިގްރީ ސެލްސިއަށް އެރި އެވެ. އެއީ ސިޑްނީގެ އޮބްޒަވޭޓަރީ ހިލްއިން މީގެ 160އަށް ވުރެ ގިނަ އަހަރު ކުރިން ފިނިހޫނުމިން ރެކޯޑު ކުރަން ފެށި ފަހުން، ނޮވެމްބަރު މަހުގެ ތެރޭގައި އެ ސިޓީގައި މިނިމަމް އޯވާނައިޓް ޓެމްޕަރޭޗާ އެހާވަރަށް މަތިވި ފުރަތަމަ ފަހަރެވެ.

އިއްޔެ ދުވާލު ގަޑީގައި ސިޑްނީގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. އަދި ސިޑްނީ ނިސްބަތްވާ ނިއު ސައުތު ވޭލްސްގެ ހުޅަނގާއި ސައުތު އޮސްޓްރޭލިއާ އާއި ވިކްޓޯރިއާ ސްޓޭޓުގެ އުތުރުގައި ހޫނުމިން 45 ޑިގްރީ ސެލްސިއަސްއާ ގާތް ކުރި އެވެ.

އޮސްޓްރޭލިއާގެ ބިއުރޯ އޮފް މީޓިއޮރޮލޮޖީއިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ ނިއު ސައުތު ވޭލްސްގެ އުތުރާއި ކުއީންސްލޭންޑުގެ އިރުދެކުނުގައި ހީޓްވޭވެއް ތަޖުރިބާ ކުރަން ޖެހޭނެ އެވެ. އޭގެ ސަބަބުން މިއަދު ނިއު ސައުތު ވޭލްސްގައި ޑިމާންޑާ އެއް ވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ނުދެވިދާނެ ކަމަށް އޮސްޓްރޭލިއަން އެނާޖީ މާކެޓް އޮޕަރޭޓާއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ނިއު ސައުތު ވޭލްސްގެ ފަޔާ ސާވިސް އިން ވަނީ ހޫނުވުމުގެ ސަބަބުން އަލިފާން ރޯވުމުގެ ނުރައްކާ އޮތްކަން ފާހަގަކޮށް، އެފަދަ ހާލަތަކަށް ތައްޔާރުވެ ތިބުމަށް އެދިފަ އެވެ. އަދި ގެއިން ބޭރަށް ނުކުމެ އުޅޭ އިރު ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހަނދާންކޮށްދީފަ އެވެ.

އޮސްޓްރޭލިއާގައި މިދިޔަ ޖޫން މަހާއި މި އަހަރުގެ މެއި މަހާ ދޭތެރޭ ރޯވި އަލިފާންގަނޑުތައް 24 މިލިއަން ހެކްޓަރަށް ފެތުރި، 3،000އަށް ވުރެ ގިނަ ގެ އަނދާ ހުލިވި އެވެ. އަދި 33 މީހަކު މަރުވެ، ގާތްގަނޑަކަށް އެއް ބިލިއަން ޖަނަވާރުވެސް މަރުވި އެވެ.

comment ކޮމެންޓް