ބައިޑެން ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޓްރަމްޕް ވަޑައިނުގަންނަވާނެ

ޓްރަމްޕް

ވޮޝިންޓަން (ނޮވެމްބަރު 29) : އެމެރިކާގެ ރައީސުލް މުންތަޚަބު ޖޯ ބައިޑެން ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިނުގަންނަވާނެކަމަށާ ޓްރަމްޕް އެ ރަސްމިއްޔާތު ބޮއިކޮޓް ކުރައްވާނެ ކަމަށް އޭނާގެ ވަރަށް އަރިސް ފަރާތަކާ ހަވަލާދީ "ޑެއިލީ މެއިލް" ބުނެފިއެވެ.

ނަން ހާމަކުރަންނޭދޭ އެފަރާތާ ހަވާލާދީ "ޑެއިލީ މެއިލް" ބުނާ ގޮތުން ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން ދެކޭގޮތުގައި ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީ އާންމު މެންބަރުންނާއި އެޕާޓީއަށް ސަޕޯޓްކުރާ ގިނަ ބައެއްގެ މެދުގައި ޓްރަމްޕްގެ މަގްބޫލުކަން ވަރަށް ބޮޑެވެ. މި މަގްބޫލުކަމާ އެކު އަނެއްކާ ވެސް ވެރިކަމަށް ވަޑައިގެންނެވިދާނެކަމުގެ ހުވަފެން ޓްރަމްޕް ދެކެވަޑައިގަންނަވައެވެ.

މިއާއެކު 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާމެދު ޓްރަމްޕް ގެންދަވަނީ ސީރިޔަސް ގޮތެއްގައި އޭނާގެ ސަޕޯޓަރުންގެ އިސްފަރާތްތަކާ މަޝްވަރާ ކުރައްވަމުން ކަމަށް ޓްރަމްޕްގެ އަރިސް ފަރާތުން ބުނެފައިވެއެވެ. އިތުރު މަޝްވަރާތަކަށް ޓްރަމްޕް ޖޯޖިއާއަށް ވަޑައިގަތުމަށްވެސް ވަނީ ނިންމަވާފައެވެ. ބައިޑެން ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނަ ދުވަހަކީ އަންނަ ޖަނަވަރީ މަހުގެ 20 އެވެ. އެދުވަހަކީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޓްރަމްޕް ނިންމަވައި އެކަން ރަސްމީގޮތެއްގައި އިއުލާނުކުރާ ދުވަހަށް ވެދާނެކަމަށް ވެސް ޓްރަމްޕްގެ އަރިސް ފަރާތުން ބުނެފައިވެ އެވެ.

2016 ވަނައަހަރު ޓްރަމްޕް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި އޮބާމާ

ޓްރަމްޕް އަދިވެސް ގެންދަވަނީ އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހައްދަވަމުންނެވެ. ނަމަވެސް އިލެކްޓޯރަލް ވޯޓުން ބައިޑެން ކުރި ހޯއްދަވައިފިނަމަ ވައިޓްހައުސް ނިކުންނާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މިއާއެކު ވެސް އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތުތަށް އަދިވެސް ހުއްޓުމެއް ނާދެ އެވެ.

ވޯޓު އޮޅުވާލިކަމަށް ބުނެ ޓްރަމްޕްގެ ކެމްޕޭނުން އެމެރިކާގެ އެކި ސްޓޭޓުތަކުގެ ކޯޓުތަކަށް ވަނީ ގިނަ މައްސަލަތަކެއް ހުށަހަޅާފަ އެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭގެތެރެއިން ގިނަ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. މިނާކާމިޔާބީއާއެކު ވެސް ޓްރަމްޕްގެ ކޭންޕޭންގެ ގާނޫނީ ޓީމު އޮތީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. އެޓީމު ގެންދަނީ އެމެރިކާގެ އިއްތިޙާދީ ސްޕްރީމްކޯޓަށް މައްސަލަ ހުށަހެޅުމަށްވެސް ތައްޔާރުވަމުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުދޭ އިލެކްޓޯރަލް ކޮލެޖްގެ އިލެކްޓަރުން (ކޮލެޖްގެ މެންބަރުން) އަންނަ ޑިސެމްބަރު މަހުގެ 14 ވަނަދުވަހު ބައްދަލު ކުރައްވައި އިލެކްޓޯރަލް ވޯޓުން ހޮވުނު ކެންޑިޑޭޓެއްގެ ނަން ރަސްމީ ސިފައެއްގައި އިއުލާނު ކުރައްވާނެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް ލިބިފައިވާ ކަމަށް ބެލެވޭ އިލެކްޓޯރަލް ވޯޓުތަކުގެ ނުރަސްމީ ނަތީޖާ ދައްކާގޮތުން ބައިޑެންއަށް 306 އިލެކްޓޯރަލް ވޯޓު ލިބިފައިވާއިރު ޓްރަމްޕަށް ލިބިފައިވަނީ 232 ވޯޓެވެ.

އެމެރިކާގެ ރައީސްކަން ލިބޭނީ 270 އިލެކްޓަރުންގެ ވޯޓުލިބޭ ކެންޑިޑޭޓަކަށެވެ. ރައްޔިތުންގެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށްވުން ލާޒިމެއް ނޫނެވެ. ރައްޔިތުންގެ ވޯޓުވެސް މިފަހަރުގެ އިންތިޚާބުގައި އާދަޔާ ޚިލާފަށް ގިނައީ ބައިޑެން އަށެވެ. ޑިސެމްބަރު މަހުގެ 14 ވަނަދުވަހު އިލެކްޓަރުން ބައްދަލުކުރައްވަނީ ރަސްމީ ނަތީޖާ މިނަތީޖާ އަކީ މިހާރުގެ ނުރަސްމީ ނަތީޖާކަން ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

އެއަށްފަހު އަންނަ ޖަނަވަރީ މަހުގެ 06 ވަނަ ދުވަހު ކޮންގްރެސް އިން އިލެކްޓޯރަލް ވޯޓު ނަތީޖާ ރަސްމީކޮށް ރަސްދީގު ކުރާނެއެވެ. ޓްރަމްޕް މިހާރު އޭނާގެ އާއިލާއެކު އުޅުއްވަނީ އެމެރިކާގައި ކުރިޔަށްދާ ތޭންކްސް ގިވިން ޗުއްޓީ ހޭދަކުރެއްވުމަށްޓަކައި ރިޔާސީ ރެސޯޓް ކަމަށްވާ ކޭމްޕް ޑޭވިޑްގައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް