ބްރިޓިޝް ލޯޔަލްޓީ ފައްތާލިތާ 75 އަހަރު ފުރޭ އަލިމަސް ޔޫބިލް ފާހަގަކުރަނީ

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް -- ފޮޓޯ/ އަކުއަވެންޗާ މޯލްޑިވްސް

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ބޭނުންކުރި ތެޔޮ ޓޭންކަރު "ބްރިޓިޝް ލޯޔަލްޓީ" އައްޑޫ ސިޓީގެ އެތެރެވަރިއަށް ފައްތާލިތާ 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު، 1939 ވަނަ އަހަރު އިނގިރޭސި އަސްކަރިއްޔާގެ މަނަވަރުތަކަށް ތެޔޮ އުފުލައިދޭން ކޮމިޝަންކުރި ބްރިޓިޝް ލޯޔަލްޓީ އައްޑޫ ސިޓީ ހަންކެޑެ ފަރަށް ފައްތައިލީ 5 ޖެނުއަރީ 1946 ވަނަ އަހަރުއެވެ.

އައްޑޫ ސިޓީ މީދޫގެ "ނަލަފެހި މީދޫ" ޖަމިއްޔާއިން އިސްނަގައިގެން، ރާއްޖޭގެވެސް އެންމެ މަޝްހޫރު އެއް ޑައިވް ސައިޓަށް ވެފައިވާ ބްރިޓިޝް ލޯޔަލްޓީ ޓޭންކަރު ފައްތާލުމުގެ އަލިމަސް ޔޫބިލް ފާހަގަކުރުމަށް ނިންމާފައިވާ އިރު، މި ހަރަކާތުގައި ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަނާއި، އައްޑޫ ސިޓީ ކައުންސިލާއި އިނގިރޭސިވިލާތަށް ނިސްބަތްވާ 75 ޑައިވަރުން ބައިވެރިވާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ބްރިޓިޝް ލޯޔަލްޓީއަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ދެ ފަހަރުގެ މަތިން ޓޯޕީޑޯ ހަމަލާއެއްގެ ޝިކާރައަށް ވި ހަމައެކަނި ކަނޑު އުޅަނދެވެ. އެ ބޯޓަށް އެރި އެންމެ ފުރަތަމަ ހަމަލާއަކީ 1942 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި މަޑަގަސްކާގެ ޑިއޭގޯ ސުއަރޭޒް ބަނދަރުގައި އޮތް އިރު ޖަޕާނުގެ މިޖެޓް ސަބްމެރިންއަކުން ފޮނުވި ޓޯޕީޑޯއެކެވެ. އެއާއެކު މަޑަގަސްކާގެ ޑިއޭގޯ ސުއަރޭޒް ބަނދަރަށް ބްރިޓިޝް ލޯޔަލްޓީ ފެތުނެވެ.

ފެތުނު ބްރިޓިޝް ލޯޔަލްޓީ ޓޭންކަރު ފުންކުރުމަށްފަހު އިނގިރޭސި ނޭވަލް އޮތޯރިޓީން ނިންމީ އެ ޓޭންކަރު މަރާމާތުކޮށްފައި ތެޔޮ ރައްކާކުރުމަށްޓަކައި އިނގިރޭސި ރޯޔަލް އެއާފޯސްގެ ބޭސްއެއް އޮތް ރާއްޖޭގެ އައްޑުއަތޮޅަށް ފޮނުވާލާށެވެ.

https://sun.mv/122979

ބްރިޓިޝް ލޯޔަލްޓީއަށް ދެވަނަ ޓޯޕީޑޯ ހަމަލާއެއް އަމާޒުވީ 1944 ވަނަ އަހަރު އައްޑުއަތޮޅު ވިލިނގިލި ކައިރީ އޮއްވައެވެ. ޖަރުމަނު ސަބްމެރިނަކުން މި ހަމަލާ ބްރިޓިޝް ލޯޔަލްޓީއަށް މި ހަމަލާ އަމާޒުކުރީ ގަމާ ދިމާލުން އޮންނަ ކަނޑުއޮޅި ބެއްދުމަށް ޖަހާފައި އޮތް ސަލާމަތީ ދާގަނޑުގައި ހެދިފައި އޮތް ބާގަނޑެއްގެ ތެރެއިން ފޮނުވާލައިގެންނެވެ. ހަމަލާ އަރައި، ބޯޓު ފެތެން ފެށުމުން އޭގެން ތަކެތި ބާލައި، ނުފެތޭނެހެން ވަގުތީ ހައްލެއް ހޯދިއެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕް -- ފޮޓޯ/ ބްރިޓިޝް ޕެޓްރޯލިއަމް އާކައިވް

އިނގިރޭސީން އޭރު ނިންމީ އެ ބްރިޓިޝް ލޯޔަލްޓީ މަރާމާތުކުރެވޭ ތަނަކަށް ކަފުޖަހައިގެން ގެންދިއުމުގެ މާ ބޮޑު ފައިދާއެއް ނުފެންނާތީ އައްޑުއަތޮޅުގައި ބާއްވައިގެން ކުރެވުނު މަރާމާތެއް ކުރާށެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުމުން 1946 ގެ ޖެނުއަރީ ތެރޭގައި މި ބޯޓު ގެންގޮސް ބޭއްވީ އައްޑޫ ސިޓީ ހަންކެޑެއާ ދިމާލުގައެވެ. އަދި "ބޭނުން ކެނޑިފައި" އޮތް އެ ޓޭންކަރު ބޭނުންކުރީ އިނގިރޭސި ސިފައިން ބަޑިޖެހުމުގެ ތަމްރީނުތަކަށް ބޭނުންކުރާ އަމާޒަކަށެވެ. އެގޮތުގެ މަތީގައި އޮވެ، ބްރިޓިޝް ލޯޔަލްޓީ އަޑިއަށް ދިޔައީއެވެ.

comment ކޮމެންޓް