ރަށްފަޅު ހުރާގައި މަސައްކަތްކުރާ ބިދޭސީންގެ މެދުގައި ހަމަނުޖެހުމެއް، ފުލުހުން ހަރަކާތްތެރިވަނީ

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ރަށްފަޅުހުރާ 4ގައި ބިދޭސީންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާނެ ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަމަނުޖެހުމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 13:20 ހާއިރު ކަމަށެވެ.

އަދި ރިޕޯޓާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

މައުލޫމާތު ލިބޭގޮތުގައި ހަމަނުޖެހުން ހިނގައިގެން އުޅެނީ އެރަށުގައި މަސައްކަތްކުރާ ބިދޭސީންގެ ދެ ގްރޫޕެއްގެ ދެމެދުއެވެ.

މި އަހަރުގެ ޖުލައި މަހު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް ވަނީ މުސާރައިގެ މައްސަލައިގައި އެރަށުގައި ބޮޑު ހަމަނުޖެހުނެއް ހިންގައިފައެވ. ދިވެހީންތަކެއް ރަހީނުކޮށް ހިންގި ހަމަނުޖެހުމުގައި ބިދޭސީން ވަނީ ފުލުހުންނާ ވެސް ކުރިމަތިލާފައެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވިވާ ކަމަށް އެތަނުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އެ ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގްގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް