ޓެރަރިޒަމްގެ އަމަލެއް ރާވަން އުޅުނު މައްސަލައިގައި އިތުރު ދެމީހުން ހައްޔަރު

ފެބްރުއަރީ 13، 2020: އެމްއެންޑީއެފުން ހިންގާ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް" ގެ ފައިނަލް އެކްސްސައިޒްތައް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރާއި 34 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން މި މަހުގެ 11ވަނަ ދުވަހުގެ ރޭ ބުނެފައިވަނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެއަމަލު ހުއްޓުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ވެސް ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ.

އެ މީހުން ހައްޔަރުކުރީ ކަނޑުމަތީގައި އޮތް ދޯންޏަކުންނާއި ތ. ތިމަރަފުށިންނެވެ.

ރާވަމުން ދިޔައީ ކޮން ކަހަލަ ޓެރަރިޒަމްގެ އަމަލެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ ހަމަލާއަކީ ކުޑަކުދިންގެ ހަވީރަކަށް ދޭން އުޅުނު ހަމަލާއެއް ކަމަށް ބުނެ ފެތުރި ވާހަކައެއް ފުލުހުން ވަނީ މީގެ ކުރިން ދޮގުކޮށްފަ އެވެ.

comment ކޮމެންޓް