ބީއެމްއެލް އިން ކުޑަކުދިންގެ ހިޔާއަށް ކޮމްޕިއުޓަރު ހަދިޔާކޮށްފި

ބީއެމްއެލް އިން ކުޑަކުދިންގެ ހިޔާއަށް ކޮމްޕިއުޓަރު ހަދިޔާކުރުން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން މުޖުތަމައަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށްފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެއީ ހިޔާގައި ތިބި ކުދިން އޮންލައިންކޮށް ތައުލީމް ހޯދުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަމުންދާ މަސައްކަތުގެ ދަށުން ހަދިޔާކުރި ކޮމްޕިއުޓަރުތަކެއް ކަމަށެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމްޕިއުޓަރުތައް ހަދިޔާ ކުރީ ކޮވިޑް19 ގެ ސަބަބުން ސްކޫލްތަކުން ފިލާވަޅުތައް ދިނުން އޮންލައިކޮށް ބަދަލުކުރުމާ ގުޅިގެން ހިޔާގައި ތައުލީމް ހާސިލްކުރަމުންދާ ކުދިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ހަދިޔާކުރެވުނު ކޮމްޕިއުޓަރު ސާމާނުތައް އެ ކުދިންގެ އޮންލައިން ކްލާސްތައް ކުރިއަށް ގެންދިޔުމުގައި އިތުރު އެހީ އަކަށް ވެގެން ދިޔުން. އަދި މީގެ ސަބަބުން އެކުދިންގެ ކިޔެވުމާއި ހުނަރު ތަރައްގީކުރުމާއި ކަންކަމުގައި ބައިވެރިވުމަށްވެސް އެހީއަކަށް ވެގެން ދިޔުން،" ސައީދު ވިދާޅުވިއެވެ.

މިއަހަރު ކުރީކޮޅު ބީއެމްއެލް އިން ވަނީ ރާއްޖޭގެ 10 ރަށެއްގައި ހިންގާ ސްކޫލްތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ވެސް ފޯރުކޮށްދީފައެވެ.

ތައުލީމީ ދާއިރާއަކީ ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ދާއިރާކަމަށްވާތީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންކަން ބީއެމްއެލް އިން ފާހަގަކުރިއެވެ.

comment ކޮމެންޓް