ރުގުޔާގެ ނަމުގައި އަނިޔާ ކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ބަންދަށް

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެން ކުރި މުޒާހަރާއެށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރުގުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިން ރަހީނުކޮށް، ޖިންސީ އަދި ޖިސްމާނީ ގޯނާކުރި މައްސަލައިގައި ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ބަންދުކޮށްފި އެވެ.

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާއާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

އެކަމުގައި ތުހުމަތު ކުރެވެނީ އަނިޔާވި އަންހެން މީހާގެ އުމުރުން 24 އަހަރުގެ ފިރިމީހާއާއި، އަންހެން މީހާއަށް ރުގުޔާ ކުރަން ކަމަށް ބުނެ އެ ފިރިމީހާ ގެނައި 39 އަހަރުގެ ފިރިހެނެކެވެ.

އެ މައްސަލައިގެ ތުހުމަތުގައި 39 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 22:30 ގައެވެ. އަދި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހެނދުނު 09:51 ގައެވެ.

މިއަދު ފުލުހުން ބުނީ، ހައްޔަރު ކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 24 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ވެގެން ރުގުޔާ ކުރުމުގެ ނަމުގައި އަންހެން މީހާއާއި އޭނާގެ ދަރިން ގެއިން ބޭރަށް ނުނެރެ، އެ މީހުންނަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވެ އެވެ.

comment ކޮމެންޓް