އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލުން ހިނގައިފި

ދިއްލީގައި މުޒާހަރާ ކުރަން މިސްރާބު ޖަހާފައިވާ ބައެއް ދަނޑުވެރިން ދަނީ ޓްރެކްޓަރުތަކުގައި -- ފޮޓޯ: ގެޓީ

ދިއްލީ (ނޮވެމްބަރު 27): އިންޑިއާގެ ޕަންޖާބާއި ހަރިޔާނާގެ ދަނޑުވެރިން ދިއްލީއަށް ގޮސް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން މަސައްކަތް ކުރުމުން އެގައުމުގެ ފުލުހުންނާ ދެމެދު އިއްޔެ ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

އިންޑިއާގެ ޕާލިމެންޓުން މިދިޔަ ސެޕްޓެމްބަރު މަހު ފާސްކުރި ދަނޑުވެރިކަމާ ބެހޭ ބިލްތަކާ ދެކޮޅަށް މުޒާހަރާ ކުރުމަށް ޕަންޖާބާއި ހަރިޔާނާއިން ދިއްލީއަށް މިސްރާބު ޖަހާފައިވާ ދަނޑުވެރިން ތިބީ ދިގު ދަތުރަކަށް ތައްޔާރު ވުމުގެ ގޮތުން ކާބޯތަކެއްޗާއި ނިދަން ބޭނުން ވާނެ ތަކެތިވެސް ހިފައިގެންނެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އެއްވުންތައް ބޭއްވުން މަނާކޮށްފައިވާ ދިއްލީ އާއި ހަރިޔާނާއާ ގުޅޭ ބޯޑުރުގައި ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަކޮށްފަ އެވެ.

އެ މުޒާހަރާގެ ބައިވެރިން ބޯޑަރު ހުރަސް ކުރަން މަސައްކަތް ކުރުމުން ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި އެވެ. އަދި ޓްރެކްޓަރުތަކުގަ އާއި ފައިމަގުގައި ދަތުރު ކުރަމުން ދިޔަ ދަނޑުވެރިން ފުލުހުންގެ ބެރިކޭޑުތައް ނަގާ، ދުރު ކުރާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެނެ އެވެ.

އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖަހާ، ވޯޓާ ކެނަން ވެސް ބޭނުން ކުރި އެވެ. ނަމަވެސް މިއަދުވެސް މުޒާހަރާ ކުރިއަށްގެންދިޔުމަށް ބައެއް ދަނޑުވެރިން ރޭ ނިދީ ޕަންޖާބާއި ހަރިޔާނާގެ ބޯޑަރު ކައިރީގަ އެވެ.

ހަރިޔާނާގެ ބޯޑަރުގައި މުޒާހަރާ ކުރާ ބައެއް ދަނޑުވެރިން ވަނީ ބެރިކޭޑުތައް ނަގާފަ -- ފޮޓޯ: ގެޓީ

އިންޑިއާގެ ޕާލިމެންޓުން ސެޕްޓެމްބަރު މަހު ފާސްކުރި ބިލްތަކުގެ ތެރެއިން ދަނޑުވެރިން އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަނީ 'ފާމާސް އެގްރީމެންޓް އޮފް ޕްރައިސް އެޝުއަރެންސް އެންޑް ފާމް ސާވިސެސް' ކިޔާ ބިލަކާ ބެހޭ ގޮތުންނެވެ. އެއީ ދަނޑުވެރިންނަށް އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކާ އެކު ކޮންޓްރެކްޓުތައް ހެދުމަށް މަގުފަހި ކުރާ ބިލެކެވެ.

މީގެ ކުރިން 1964ގައި އިންޑިއާއިން ފާސްކުރި ގާނޫނެއްގައި ވަނީ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް، ސްޓޭޓްތަކުގެ ސަރުކާރުން ބަލަހައްޓާ ބާޒާރުތަކުގައި ވިއްކަން މަޖުބޫރުކޮށްފަ އެވެ. އަދި އެ އުފެއްދުންތައް ދައުލަތުގެ ކުންފުނިތަކަށް ނުވަތަ ޕްރައިވެޓް ފަރާތްތަކަށް ވިއްކަން އެހީތެރި ވަނީ އެ ބާޒާރުތަކުގައި ތިބޭ މީހުންނެވެ.

އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި އާ ގާނޫނުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދާ އިރު މެދުވެރިން ބޭނުން ކުރަން ނުޖެހި، ފުރިހަމަ ފައިދާ ލިބޭ ގޮތް ވާނެ އެވެ. އަދި ދަނޑުވެރިންނަށް ޒަމާނީ ޓެކްނޮލޮޖީ ހޯދުން ފަސޭހަ ވާނެ އެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި އެ ބިލުތަކުގެ ސަބަބުން، ދަނޑުވެރިން ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާ ކުރާ އިރު ދަނޑުވެރިންގެ މައްޗަށް އެ ކުންފުނިތަކުގެ ބާރު އޮންނަ މިންވަރު މާ ބޮޑުވާނެ އެވެ. އަދި ދަނޑުވެރިންނަށް ހަމަހަމަކޮށް ގަވާއިދުން އަގު ދައްކާ ސްޓޭޓް ބާޒާރުތައް ގެއްލި، ދަނޑުވެރިންނަށާއި ސްޓޭޓުތަކުގެ މުޅި އިގުތިސާދަށް ވެސް ގެއްލުން ލިބޭނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގައިި މިހާރު މުޒާހަރާ ކުރާ ދަނޑުވެރިން ވަނީ އެގާނޫނަށް ބަދަލު ގެންނަން ދެން އެއްވުންތައް ބާއްވަމުން ދާނެ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް