އަނބިދަރިންނަށް އަނިޔާ ކުރުމާ ދެކޮޅަށް ހުތުބާގައި ވަރުގަދަ މެސެޖުތަކެއް

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކުރުވާ ޕޯސްޓަރެއް-- ފޮޓޯ: ޔޫއެންޑީޕީ

އަނބިދަރިންނަށް އަނިޔާކުރުމަކީ ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ބުނެ މިއަދުގެ ހުކުރު ހުތުބާގައި އެކަމާ ދެކޮޅަށް ނަސޭހަތް ދީފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް ގޯނާއެއް ނުވަތަ އަނިޔާއެއް ކުރުމަކީ މާތްﷲ ހަރާމް ކުރައްވާފައިވާ ކަމެއްކަން ޝަރުއީ ނައްސުތަކުން އެނގޭ ކަމަށެވެ. ނަމަވެސް، މިއަދު ދިވެހި މުޖުތަމައުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާ ކުރުން ކަންބޮޑުވާ ވަރަށް އިތުރުވެފައިވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"އަންހެނުންނާއި ކުޑަކުދިންނަށް ދެވޭ އަނިޔާއާއި ކުރެވޭ ޖިންސީ ގޯނާތައް އިތުރުވަމުންދާ މިންވަރާ މެދު އަޅުގަނޑުމެން މުސްލިމުން ކަންބޮޑުވާން ޖެހެ އެވެ. މި ކުޑަ މުޖުތަމައުގައި ބައެއް ފަރާތްތަކުން ކުރާ މިފަދަ ކުށްތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް މިއަދު ވަނީ ނަފްސާނީ ބިރުވެރިކަމެއްގެ އިހުސާސް ކުރަން ޖެހިފަ އެވެ،"

ކީރިތި ރަސޫލާ (ސއވ) އަކީ އިންސާނުންނަށް ލިބިގެންވާ އެންމެ ފުރިހަމަ ނަމޫނާ ކަމަށްވީއިރު، އެކަލޭގެފާނަކީ، ދަރިންނަށް އެންމެ ހެޔޮ ބައްޕަ އަދި އަނބިންނަށް އެންމެ ހެޔޮ ފިރިކަލުން ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.

މުއުމިނުންގެ ތެރެއިން އީމާންކަމުގައި އެންމެ ފުރިހަމަ މީހަކީ އެންމެ ހުލްގު ހެޔޮ މީހާ ކަމަށާއި، އެންމެ ހެޔޮ މީހަކީ އަނބިމީހާއަށް އެންމެ ހެޔޮ މީހާ ކަމަށް ރަސޫލާ ކުރެއްވި ހަދީސެއް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި ރަސޫލާގެ އެންމެ ފަހު ވަސިއްޔަތްތަކުގެ ތެރޭގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތް ކުރައްވާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

"އަނިޔާވެރިވުމާއި ގޯނާ ކުރުމަކީ މުޖުތަމަައާއި އާއިލާތަކަށް ގެއްލުން ހުރި ހަޑިހުތުރު އަމަލެކެވެ. މީހަކު އޭނާގެ އަނބިމީހާއަށް ގޯނާ ކުރުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. މާތްﷲ ފިރިންނަށް އަންގަވާފައި ވަނީ އެ މީހުންގެ އަނބިންނާއެކު ރިވެތި ގޮތުގައި މުއާމަލާތް ކުރުމަށެވެ،"

ކުށް ކުރާ މީހުންގެ މައްޗަށް ކޯފާއި އާޒާބު ނުފޮނުވާ ހިފަހައްޓަވާ އެއް ސަބަބަކީ މުޖުތަމައުގައި ދިރިއުޅޭ ކުޑަކުދިންނާއި ޖަނަވާރާއި، މުސްކުޅިން ފަދަ މައުސޫމު ބައެއްގެ ސަބަބުން ކަމަށް ދޭހަވާ ހަދީސެއްވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ސަހާބީއަކު އަމިއްލަ ދަރީންނަށް ބޮސް ނުދޭ ވާހަކަ ރަސޫލާ ގާތުގައި ވިދާޅުވުުމުން، ރަހުމް ނުކުރާ މީހަކަށް މާތްﷲ އޯގާވެވޮޑިގެން ނުވާނެ ކަމަށް ރަސޫލާ ކުރެއްވި ހަދީސެއްވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.

ގެވެށި އަނިޔާގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށްވެސް ހުތުބާގައިވެ އެވެ. އަދި އަނިޔާގެ ސަަބަބުން މުޖުތަމައުގެ އަފްރާދުންގެ މެދުގައި އަރާރުންތައް އުފެދި އާއިލާތައް ރޫޅި، ޅަ ދަރީންގެ ހައްގުތައް ގެއްލި އެކުދިންގެ ހަޔާތް ބަރުބާދުވެގެން ހިނގައިދާނެ ކަމަށް ބުނެފައިވެ އެވެ.

ހުތުބާގައި މިހެން ބުނެފައިވާއިރު، ރާއްޖޭގެ ރަށެއްގައި މީހަކު އޭނާގެ އަންހެނުންނަށް ރުގުޔާ ކުރަން ޖެހިފައިވާ ކަމަށް ބުނެ، ގޭތެރޭގައި ބަހައްޓައިގެން އެކި ގޮތްގޮަތަށް އަނިޔާދީ ދަރީންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިމީހާއާއި އޭނާއަށް އެހީވި ރުގްޔާ ކުރާ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް