ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި ވެކްސިން ޖެހުމުގެ މަސައްކަތަށް ތައްޔާރުވަނީ

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު -- ފޮޓޯ: އެޗްއީއޯސީ

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހުމާ ގުޅޭ ތައްޔާރީތައް ވުމަށް ނޭޝަނަލް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ މަސައްކަތް ފަށައިފި އެވެ.

އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑް-19އަށް ރައްކާތެރިކަން ފޯރުކޮށްދޭ ހަތަރު ވެކްސިނެއް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ރާއްޖެއަށް ވެކްސިން ލިބެމުންދާނެ ކަމަށް ބެލެވޭ ކަަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. ވެކްސިން ލިބެމުންދާ ވަރަށް ވެކްސިން ޖަހަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށްދަނީ ވެކްސިން ޖެހުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެގޮތުން އެކަމަށް ނޭޝަނަލް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިން ރައްކާކުރާނެ ސްޓޯރޭޖް ގާއިމް ކުރުމާއި، އެކަމަށް ބޭނުންވާ ސާމާނު ގަތުމާއި، ޤައުމުތަކުގެ މެދުގައި ވެކްސިން ބެހުމަށް އެކުލަވާލާފައިވާ "ކޮވެކްސް ފެސިލިޓީ"ގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމުގެ މަސައްކަތް އެ ސްޓިއަރިން ކޮމިޓީއިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށްވާ ވެކްސިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، މިވަގުތު އިތުރު އައުޓްބްރޭކެއް އައިސްފި ނަމަ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބޭނެ ވެކްސިންތައް އާންމުންނަށް ފޯރުކޮށްދިނުމަށް ދަތިވާނެތީ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ ވެކްސިން ގެނައުމުން، އެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައިވެސް އުޅެން ޖެހޭނީ ޕަބްލިކް ހެލްތު އޮފިޝަލުން ކަމެވެ. އެހެންވެ، އެ އައުޓްބްރޭކު ހުއްޓުވުމަށް މަސައްކަތް ކުރަމުން ވެކްސިން ފޯރުކޮށްދޭން ދަތިވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ވެކްސިން ރޯލް އައުޓް ކުރަންވެސް. އެހެންވީމަ އިތުރު އައުޓްބްރޭކެއް އައިސްފިއްޔާ ވަރަށް އުނދަގޫވާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން މި ދުވަސްވަރު އިތުރު އައުޓްބްރޭކެއް ވިޔަ ނުދިނުމަށް އިތުރަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން އެންމެންވެސް އުޅުމަށް ޑޮކްޓަރު އެދިވަޑައިގަތެވެ.

comment ކޮމެންޓް