މަގުމަތިވެފައިވާ ބުޅާތަކަށް ދިއްކޮށްލި އޯގާތެރިކަމުގެ އަތެއް!

ކެއާ ފޯ ޕޯސް އިން ފަރުވާ ކޮށްދީފައިވާ ބުޅަލެއް ---

މާލޭގެ މަގުތަކަށް ގިނަވެފައިވާ ބުޅާތައް ގުނާ އަދަދު ނުކުރެވޭހާ ގިނަ އެވެ. އެކަމުގެ އުނދަގުލާއި ދުއްތުރާތައް ކުރިމަތިވާ މީހުންވެސް އެހާމެ ގިނަ އެވެ. އެހެން ނަމަވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ ދެމެހެއްޓެނިވި ގޮތެއްގައި މި ބުޅާތަކުގެ އަދަދު މަދުކުރަން އިސްނެގި ހަމައެކަނި މަދަދުގާރަކީ އަމިއްލަ ދަރުމަވެރިންތަކެއް ކަމުގައިވާ "ކެއާ ފޯ ޕޯސް" އެވެ.

ފެށުނީ ބުޅާތަކަށް ކާންދިނުމުގެ ތެރެއިން

ކެއާ ފޯ ޕޯސްގެ މަސައްކަތް ފެށުނީ މީގެ ތިންވަރަކަށް އަހަރު ކުރިންނެވެ. މާލޭގެ އެކި ސަރަހައްދުތަކަށް ގިނަވެފައިހުރި ބުޅާތަކަށް ކާންދިނުމުގެ ތެރެއިން ކުޑަ ވައިބާ ގްރޫޕެއް އުފެދި، ކާންދިނުމަށް ކުރެވޭ ހަރަދުތަކާއި، ކާންދެވޭ ބުޅާތަކުގެ އަދަދުތައް ބެލެހެއްޓި، ބަލިވެ ހާލު ދެރަވެފައިވާ ބުޅާތަކަށް ކޮންމެވެސް ވަރެއްގެ ފަރުވާ އެއް ދެވެން ފެށުނެވެ.

މި މަސައްކަތުގައި ހޭދަކުރުވުނު ވަގުތުތަކުގައި މި ޓީމަށް ފާހަގަކުރެވުނީ ޓީއެންއާރް ނުވަތަ ޓްރެޕް، ނިއުޓާ އެންޑް ރިލީޒް ޕްރޮގްރާމެއް މި ބުޅާތަކަށް ބޭނުންވެފައިވާ ކަމެވެ. އެހެންނަމަވެސް އޭރު ހަަމައެކަނި ބުޅާތަކަށް ކާންދިނުމަށްވެސް ހިނގާ ޚަރަދުތައް ބޮޑުވެފައި، އެފަދަ ޕްރޮގްރާމަކަށް ހޭދަކުރެވޭނެ ފަދައެއް ނެތެވެ. އެއާއެކު އިތުރުވަމުންދިޔަ ބުޅަލުގެ އާބަދީއާއިއެކު، މީހުންނަށް އުނދަގޫވެ އެކަމުގެ ސަބަބުން މި އަމާޒަށް ވާސިލްވުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިިވި އެވެ.

" ބުޅާތަކުގެ އަދަދު މާ ބޮޑަށް އިތުރުވާން ފަށާ މީހުންނަށް އުނދަގޫވާން ފެށީމަ އަޅުގަނޑުމެންގެ މި މަސައްކަތަށް ވަރަށް ބެކްލޭޝް އައި. އެކަމު އެކަންވެސް ހައްލުވާން އޮތީ މި ޕްރޮގްރާމް ފަށައިގެން. ރަނގަޅު ތަނެއް ލިބެންދެން މަޑުކުރަން ޖެހުނީ. ދެން މިއަހަރު ތަނެއް ލިބި އަޕްގްރޭޑްކޮށް ރިކަވަރީ ސެންޓަރެއްގެ ގޮތުގައި މިހާ ފުޅާކޮށް މި ފެށުނީ" ކެއާ ފޯ ޕޯސްގެ ފަރާތުން ބުންޏެވެ.

ހަތަރުސްތޭކަހެއްހާ އަކަފޫޓުގެ އެޕާޓްމަންޓެއްގައި އެއްވަގުތެއްގައި 10 ބުޅަލަށް ހިދުމަތްދެވޭއިރު މިތަނަކީ ރަނގަޅު ފެންވަރަކަށް ހަދާފައިވާ ފާހަނައަކާއި އަދި ބެލްކަންޏެއްވެސް ހިމެނޭ އެޕާޓްމަންޓް އެކެވެ. ވޮލަންޓިއަރުންގެ ތެރޭގައި ހަރަކާތްތެރިވާ އިސް މެންބަރެއްގެ ދީލަތި އެހީއާއިއެކު މި އެޕާޓްމަންޓް ދީފައިވަނީ މި ވަގުތަށް ކުއްޔަކާއި ނުލަ އެވެ.

ކެއާ ފޯ ޕޯސް އިން ފަރުވާ ކޮށްދީފައިވާ ބުޅާތަކަެއް ---

ރޭވުންތެރި ހިންގުންތެރި ޓީމެއް!

ގާތްގަނޑަކަށް 24 ވޮލެންޓިއަރުން ހިމެނޭ މި ކުޑަ ގުރޫޕުން މިކޮށްދޭ އިޖްތިމާއީ ބޮޑު ހިދުމަތަކީ އާދައިގެ އޮފީހަކުން ކުރާ މަސައްކަތަކަށްވުރެ ވެސް ބޮޑު، ހިންގުންތެރިކަމާއި ފަރުވާތެރިކަން ބޭނުންވާ ކަމެކެވެ.

ބުޅާތައް ހޯދުމުން ފެށިގެން އެ އެއްޗެހި ބަލަހައްޓައި، ކާންދީ، ކްލިނިކަށް ގެންދިއުމާއި ގެނައުމާއި އަަދި ވަކި މުއްދަތެއްވަންދެން ގަޑިން ގަޑިއަށް ބޭސް ދީ ބެލެހެއްޓުމަކީ ވަކި ތާވަލުތަކަކަށް ބަހާލައިގެން، ޑިއުޓީތަކެއްގެ ގޮތުގައި ވޮލެންޓިއަރުން ކުރާ މަސައްކަތްތަކެކެވެ.

ބުޅާ ހޯދުމުގެ މަސައްކަތް ފެށެނީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އަށް އެދިގެން ނިއުޓާ އެންޑް ސްޕޭ އެޕޮއިންޓްމަންޓްތައް ލިބުމުންނެވެ. އެޕޮއިންޓްމަންޓް އޮންނަ ދުވަހުގެ ކުރީ ރޭ ގައި ފުރަތަމަ ޓީމުގެ މަސައްކަތަކީ ބުޅާތައް ހޯދުމެވެ. އެއަށްފަހު ރިކަވަރީ ސެންޓަރަށް ގެނެސް، ކާނާއާއި ފެނާއި އަދި ލިޓާއާއި އެކު ހާއްސަ ކޮށިތަކެއްގައި ބުޅާތައް ބެހެއްޓެ އެވެ. އެއަށްފަހު ސާޖަރީގެ އަށް ގަޑިއިރު ކުރިން ކާންދީ ބަނޑު ހުސްކުރެވިފައިވޭތޯ ޔަގީންކުރެވެ އެވެ. މިކަންކަން ބަލަހައްޓާނީވެސް އެކަމަށް ހާއްސަކުރެވިފައިވާ ޑިއުޓީ އެއްގައި ތިބޭ ވޮލެންޓިއަރުންނެވެ.

އެއަށްފަހު ތިންވަނަ ޓީމަކީ ބުޅާތައް ގޮވައިގެން ވިލިގިލީގައި ހުންނަ ވެޓް ކްލިނިކަށް ދަތުރުކުރާ ޓީމެވެ. އެޕޮއިންޓްމަންޓް ނިމުމާއި އެކު، އެނބުރި ރިކަވަރީ ސެންޓަރަށް ބުޅާތައް ގެނެވޭއިރު، ކޮށިތައް ހުންނާނީ އަލުން ސާފުކުރެވިފަ އެވެ. އަދި ބުޅާތައް ގެނައުމާއިއެކު ނިއުޓާ ކުރެވިފައިވާ ބުޅާތައް ފާހަގަކުރެވި، ބޭސް އުނގުޅާ، ޑީވޯމްކޮށް ސާޖަރީ ކުރެވުނު ދިމާ ރައްކާތެރިކުރުމުގެ ގޮތުން ކޯން ކުރެވެ އެވެ. އިތުރު އެހެން ސިއްހީ މައްސަލައެއް ނެތްނަމަ އާންމުގޮތެއްގައި ފިރިހެން ބުޅާތަކުގެ ރިކަވަރީ ތިން ދުވަހުން ނިމޭއިރު އަންހެން ބުޅަލެއްނަމަ 2 ހަފްތާ ނަގަ އެވެ.

"ވީހާވެސް ގިނަ ބުޅާތަކެއް ނިއުޓާ ކުރަން އަޅުގަނޑުމެން މަސައްކަތްކުރާތީ ގިނައިން މި ގެންދަނީ ފިރިހެން ބުޅާ. އަދި ގިނަފަހަރު މި ގެންދާ ބުޅާތަކުގެ ކޮންމެވެސް އެހެން ސިއްހީ މައްސަލައެއްވެސް ހުރޭ. އެހެންވީމަ ވެޓް ދެއްވާ އިރުޝާދުގެ ދަށުން އެކަންކަންވެސް ފުރިހަމަކޮށްފައި ނޫނީ ބުޅާތައް ދުލެއް ނުކުރަން" ޓީމުގެ ފަރާތުން ބުންޏެވެ.

ކެއާ ފޯ ޕޯސް އިން ފަރުވާ ކޮށްދީފައިވާ ބުޅާތަކަެއް ---

ގިނަ ހަރަދުތަކެއް، ގިނަ ވަގުތުތަކެއް، އެއްވެސް ޝަކުވާއެއް ނެތް!

ދުވާލަކު ދެއިރު، ބުޅާތަކަށް ކާންދީ، ކޮށިތައް ސާފުކޮށް، ދޭންޖެހޭ ބޭސްތައްދީ، ބެލެހެއްޓުމުގައި މި މަދު ދަރުމަވެރިން ހަރަކާތްތެރިވާއިރު، މިއީ އެއްވެސް ފީއެއް އަގެއް ނުލާ ކުރާ މަސައްކަތްތަކެކެވެ. އެހެންނަމަވެސް ޚަރަދުގެ ގޮތުން ބަލާއިރު، ބުޅާތަކަށް ބޭނުންވާ ކާނާއާއި އެހެނިހެން ޚަރަދުތަކަށް މަހެއްގެ މައްޗަށް 12،000 ނުވަތަ 15،000 ޚަރަދުވާކަމަށް ޓީމުން ބުނެއެވެ. އެހެންކަމުން އެކި ފަރާތްތަކުންދޭ ދީލަތި އެހީތަކާއި އަދި އަމިއްލަ ޖީބުތަކުން މި ކުރެވޭ ޚަރަދުތައް ރަނގަޅުގޮތުގައި ބެލެހެޢްޓުމަކީ ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެކެވެ.

" ތިން ދުވަހަށް ކޮންމެ ފިރިހެން ބުޅަލަކަށް 400 ރުފިޔާ ޚަރަދުވޭ . އަންހެން ބުޅަލެއްނަމަ ހަފްތާއަކަށް 1000 ރުފިޔާ އަރާ. އެއީ އިތުރު މައްސަލައެއް ނެތްނަމަ. އަޅުގަނޑުމެންނަށް ހަމަ ހާއްސަކޮށް ޑޮނޭޓް ކުރާ ފަރާތްތަކެއްވެސް ތިބޭ. ދެން ރަހުމަތްތެރިންނާއި، އާއިލާތަކާއި ހެޔޮއެދޭ ފަރާތްތަކުން އަދި އަމިއްލައަަށްވެސް ބައެއް ކަންކަމަށް ހޭދަކުރަން. ފައިސާގެ ހުރިހާކަމެއް ބަލަހައްޓަނީ ފައިނޭންޝިއަލް މެނޭޖާ. ދެން މިވަގުތު މި ބަލަނީ އަމިއްލައަށް ފަންޑް ރެއިޒްކުރުމަށްޓަކައި ބުޅަލުގެ ސާމާނުތަކާއި، ގަހާއި އަދި އެނޫންވެސް ޕެޓްކެއާ ސާމާނު ވިއްކުމަށް" ޓީމުން ބުންޏެވެ.

ހަމައެޔާއެކު ބިޒީ މަންމައިންނާއި، ބައްޕައިންނާއި، ކޮލެޖު ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި، އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މަސައްކަތްތެރިން ހިމެނޭ މި ޓީމުން އެންމެ އިސްކަމެއް ދޭ އެއްކަމަކީ މެންބަރުންނަށް ފަސޭހަވާނެ ފަދަ އިންތިޒާމްތަކެއް ހަމަޖެއްސުމެވެ. އެހެންކަމުން ދުރާލާ އެއްމަހުގެ ޑިއުޓީ ޝެޑިއުލެއް ތައްޔާރުކުރެވި މެންބަރުންނާއި ހިއްސާކުރެވެއެވެ. އަދި ކޮންމެ މެންބަރަކަށްވެސް ހަވާލުކުރެވެނީ އެމީހަކު ކުރަންބޭނުންވާ އަދި ކުރެވޭ ވަރުގެ ޓާސްކްތަކެކެވެ. އަދި ކޮންމެ ގަޑިއެއްގައިވެސް މަދުވެސް 2 ވޮލަންޓިއަރުން ޑިއުޓީގައި ތިބޭނެ އެވެ.

ކެއާ ފޯ ޕޯސް އިން ފަރުވާ ކޮށްދީފައިވާ ބުޅާތަކަެއް ---

ރުޅިގަދަވެ ފާޑުކިޔާ މީހުން ގިނަ!

މިފަދައިން ބުޅާތައް ހޮވައިގެން ގޮސް ނިއުޓާ ކުރުމަކީ ބައެއް 'ކެޓް ލަވާސް' ވަރަށް ހިތްހަމަނުޖެހޭ ކަމެކެވެ. އެހެންނަމަވެސް މަގުމައްޗަށް ގިނަވެ އަދި ގިނަވަމުންދާ ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް، އަނިޔާލިބި ބަލި ހާލުގައިވާ ބުޅާތަކަށް ފަރުވާދީ ބެލެހެއްޓުމުގައި ކެއާ ފޯ ޕޯސްއިން ކޮށްދެމުންދާ ޚިދުމަތަކީ މިއަދުގެ ހާލަތަށް ބަލާއިރު ތައުރީފު ހައްގު މަސައްކަތެކެވެ.

"ބައެއް ފަރާތްތަކުން ބުނޭ ޓީއެންއާރް ޕްރޮޖެކްޓްއަކީ އަންއެތިކަލް ކަމެކޭ. އެކަމަކު މިއީ މި ބުޅާތަކުގެ އާބާދީ ބެލެހެއްޓުމަށް އެހެން ގައުމުތަކުގައިވެސް އަމަލުކުރާ އެންމެ ކާމިޔާބު އެއް މެތޮޑް. އަދި މިއީ ވެޓެރިނޭނިއަންސް އާއި ޖަނަވާރުތަކުގެ ހައްގުތަކަށް މަސައްކަތްކުރާ މުވައްސަސާތަކުންވެސް ބަލައިގަނެފައިވާ ކަމެއް. އަނެއްކާ ނިއުޓާ ކުރުމަކީ ބުޅަލުގެ ރުޅިމަޑުކޮށް ބިހޭވިއާވެސް ރަނގަޅުކޮށްދޭ ކަމެއް. އަދި އޯވޭރިއަން އާއި ޓެސްޓެކިއުލާ ކެންސާއިންވެސް ބުޅާތައް ރައްކާތެރިކުރާނެ. " ޓީމުން ބުންޏެވެ.

ކެއާ ފޯ ޕޯސް އިން ފަރުވާ ކޮށްދީފައިވާ ބުޅާތަކަެއް ---

ޖަނަވާރުތަކުގެ ހައްގުތަށް ރައްކާތެރިކުރުމުގައި މިތިބެވެނީ ވަރަށް ފަހަތުގައި!

ކުޑަ ގޮތަކަށް 2018 ވަނަ އަހަރު ފެށުނު މި މަސައްކަތަކީ މިއަދު ކާމިޔާބު ކަމާއިއެކީ ދެވެމުންދާ ބޮޑު ޚިދުމަތެކެވެ. އެހެންނަމަވެސް އާންމު މީހުންނާއި ސަރުކާރުގެ ކަމާއިބެހޭ ވުޒާރާތަކުން މި އިޖްތިމާއީ މަސައްކަތަށް ދޭ ސަމާލުކަން ކުޑަވެފައި އެހީތެރިކަންވެސް މަދުކަން ހިތާމަޔާއެކު ކެއާ ފޯ ޕޯސް އިން ފާހަގަކުރެއެވެ.

"މިދިޔަ އަހަރުއްސުރެ ވަރަށް މަސައްކަތް ކުރަން އެބަ ސަރުކާރުގެ ކޮންމެވެސް މިނިސްޓްރީއަކުން ނޫނީ އޮތރިޓީއަކުންވިޔަސް އަޅުގަނޑުމެންނަށް ކޮންމެވެސް އެހީތެރިކަމެއް ވެދޭތޯ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މިފަދައިން ބުޅާތައް ނިއުޓާކޮށް ބެލެހެއްޓުމަކީ ބޮޑު ބަލިމަޑުކަމަކާއި އާންމު އުނދަގުލުން ރައްކާތެރިކޮށްދޭނެ ކަމެއް. އެހެންކަމުން މިކަން ކުރެވޭނެ އެކަށޭނަ ޖާގައެއް، ނޫނީ ކްލިނިކަށް ދައްކަންޖެހޭ ފީތަކަށް ކޮންމެވެސްކަހަލަ ޑިސްކައުންޓެއް ލިބޭތޯ ވަރަށް މަސައްކަތްކުރިން. އަދި މިފަހުން ކްލިނިކްގެ އަގުތައް ބޮޑުވުމުން އަޅުގަނޑުމެންނަށް ފަރުވާކުރެވޭ ބުޅާތަކުގެ އަދަދުވެސް މަދުކުރަން މިޖެހެނީ. އަދި އެއްވެސް އެހީއެއް ނުލިބޭ" މި ޓީމުން ފާހަގަކުރި އެވެ.

ކެއާ ފޯ ޕޯސް އިން ފަރުވާ ކޮށްދީފައިވާ ބުޅާތަކަެއް ---

މިވީ މުއްދަތުގެ ތެރޭގައި މި ޓީމުން ވަނީ 300 އަށްވުރެ ގިނަ ބުޅާ ނިއުޓާ ކޮށްފައެވެ. އަދި ބޮޑެތި ޒަހަމްތައްހުރި ބަލި އެތަށް ބުޅަލަކަށް ފަރުވާވެސް ކޮށްދީ ފައެވެ.

ރާއްޖޭގައި އެންމެ ވެޓް ކްލިނިކެއް ހުންނައިރު، މިފަދަ ބުޅާތަކަށް ދިމާވާ ބަލިތައް ދެނެގަތުމުގައި މިއަދުވެސް ފުއްދާލަން ޖެހެނީ ހަމައެކަނި ފިޒިކަލް އެގްޒާމްއަކުން އެކަންޏެވެ. ލެބޯޓްރީގެ ޚިދުމަތްފަދަ ވަސީލަތްތައް ނުހުންނައިރު، އެންމެ އެކަށީގެންވާ ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް ވެޓްއިންނަށްވެސް ދަތިތަކެއް އެބަހުއްޓެވެ. އަދި ޖަނަވާރުންގެ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި އެކަށީގެންވާ ޤާނޫނާއި ގަވާއިދުތަކެއް ހެދި ތަންފީޒު ކުރެވެމުން ނުދިއުމަކީވެސް މި ޓީމުގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭ ރަސްމީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކެއާ ފޯ ޕޯސް ގެ އެދުމަކީ ބުޅާތަކަށް ދެވޭ އެކިއެކި އަނިޔާތަކަށް ނިމުމެއް ގެނެސް، ބަލިވެ ހާލުދެރަވެފައިވާ ބުޅަލެއް ފެނިއްޖެނަމަ ބަލަން ނުތިބެ ކޮންމެ މީހެއްވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމެވެ. އަދި މިކަމުގައި ކިތަންމެ ކުޑަނަމަވެސް އެހީއެއް ވެދެވެން އޮތްނަމަ އެކަމެއް ކޮށްދިނުމެވެ.

comment ކޮމެންޓް