ތުރުކީގެ ބަޣާވާތާ ގުޅިގެން 337 މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ތުރުކީގެ ބަޣާވާތާ ގުޅުން ހުރި ބޮޑު ޝަރީއަތެއް ބާއްވާ ސިންކަންގެ ކޯޓު ކައިރީ ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އޭޕީ

އަންކާރާ (ނޮވެމްބަރު 27): މީގެ ހަތަރު އަހަރު ކުރިން ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން އެގައުމުން އިއްޔެ 337 މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ތުރުކީގެ ވެރިރަށް އަންކާރާ ކައިރީ އޮންނަ ސިންޖަން މުނިސިޕަލްޓީގެ ކްރިމިނަލް ކޯޓެއްގައި އިއްޔެ ވަނީ ބަޣާވާތާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ 475 މީހެއްގެ ޝަރީއަތް ކުރިއަށްގެންގޮސްފަ އެވެ. އޭގެ ތެރެއިން 365 މީހަކު ވަނީ އެ ޝަރީއަތުގެ ކުރިން ހައްޔަރުކޮށްފަ އެވެ.

އެ ޝަރީއަތުގައި ސިންޖަންގެ ކޯޓުން ނިންމީ 337 މީހަކު އުމުރަށް ޖަލަށް ލާށެވެ. އަދި އޭގެ ތެރެއިން 291 މީހަކު އުމުރަށް ޖަލަށް ލާން ހުކުމް ކުރީ ޕެރޯލްގެ ފުރުސަތު ނުލިބޭ ގޮތަށް ކަމަށް ތުރުކީގެ ދައުލަތުގެ މީޑިއާ އަނަދޮލޫ ނޫހުން ރިޕޯޓު ކުރި އެވެ. އެއީ އެގައުމުގެ ކޯޓުތަކުން ދޭ އެންމެ ހަރުކަށި އަދަބެވެ. އަދި އެ އަދަބު ދިން މީހުންގެ ތެރޭގައި އެގައުމުގެ އެއާފޯސްގައި މަސައްކަތް ކުރި 25 ޕައިލެޓުންވެސް ހިމެނެ އެވެ.

ޕެރޯލްގެ ފުރުސަތެއް ނެތި އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކުރި މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ރައީސް އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ގަސްތުގައި މީހަކު މެރުމާއި ބަޣާވާތް ކުރަން އުޅުން ހިމެނެ އެވެ.

މީގެ އިތުރުން ބަޣާވާތް ކުރަން އެހީތެރިވުމުގެ ދައުވާގައާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާގައި 60 މީހަކަށް އެކި ވަރުގެ ޖަލު ހުކުމްތައް ކުރި އެވެ. އަދި 70 މީހެއްގެ މައްޗަށް ދައުވާއެއް ސާބިތު ނުވާ ކަމަށް އަނަދޮލޫ އިން ރިޕޯޓު ކުރި އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވާ ގޮތުގައި 15 ޖުލައި 2016އިގައި އެގައުމަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ވަނީ އެމެރިކާގައި ދިރިއުޅުއްވާ އެގައުމުގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގުލެން އެވެ. އަދި އެ ދުވަހު ބަޣާވާތް ކުރާނެ ގޮތުގެ އިރުޝާދު ދެމުން ދިޔައީ އެގައުމުގެ ކުރީގެ އެއާ ފޯސް ކޮމާންޑަރެއް ކަމަށްވާ އަކިން އޮޒްތުރުކް ކަމަށާއި އޭނާ ހުރީ އަންކާރާ ކައިރީ ހުންނަ ވައިގެ މަރުކަޒެއްގައި ކަމަށް ތުރުކީގެ ސަރުކާރުން ބުނެ އެވެ.

އެ ބަޣާވާތުގައި ބައިވެރިވި ސިފައިން ހަނގުރާމަ މަތީ ބޯޓުތަކާއި ޓޭންކުތައް ބޭނުންކޮށް، ގައުމުގެ ޕާލިމެންޓަށާއި ސަރުކާރުގެ އިމާރާތްތަކަށް ހަމަލާތައް ދިނެވެ. އޭގެ ސަބަބުން 250އަށް ވުރެ ގިނަ މީހުން މަރުވެ، 2،000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

އެ ބަޣާވާތް ކުރިއަށް ދިޔަ އިރު އުރުދުޣާން ހުންނެވީ ޗުއްޓީ ހޭދަ ކުރައްވަން ތުރުކީގެ ރިޒޯޓު ރަށެއްގަ އެވެ. އަދި ސަރުކާރު ވައްޓާލުމަށް ތާއިދު ނުކުރާ ސަލާމަތީ ބާރުތަކުގެ މެމްބަރުންނާއި ގައުމުގެ ރައްޔިތުން ނުކުމެ އެ ބަޣާވާތް ނާކާމިޔާބު ކުރި އެވެ.

އެ މައްސަލައިގައި ތުރުކީން ވަނީ މީގެ ކުރިން އޮޒްތުރުކް އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ބަޣާވާތާ ގުޅުން ހުރި ޝަރީއަތަށް ގުލެން ހާޒިރު ކުރުމަށް އޭނާ ތުރުކީއަށް ގެންދިޔުމަށް އެގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށްފައިވާ ގުލެން އެގައުމާ ހަވާލު ކުރަން އެމެރިކާއިން އެއްބަސްވެފައި ނުވެ އެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ އަނަދޮލޫއިން ބުނި ގޮތުގައި އެގައުމުން ވަނީ ގުލެންއާ ގުޅުން ހުރި 292،000 މީހަކު ހައްޔަރުކޮށް، ޝަރީއަތާ ޖެހެންދެން ގާތްގަނޑަކަށް 100،000 މީހުން ޖަލަށް ލާފަ އެވެ. އަދި 150،000 ސިވިލް ސާވެންޓުން މަގާމުން ދުރުކޮށް ނުވަތަ ސަސްޕެންޑުކޮށްފައިވާ އިރު 20،000 މީހަކު އަސްކަރިއްޔާގެ މަގާމުތަކުން ވަކިކޮށްފައިވެ އެވެ.

މީގެ އިތުރުން ބަޣާވާތާ ގުޅުން ހުރި 289 ޝަރީއަތް ބާއްވާ، 2،500އަށް ވުރެ ގިނަ މީހުން އުމުރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް