ކަރަންޓީނު މުއްދަތު ކުރު ނުކުރާ ސަބަބު ސާފުކޮށްދީފި

މާޗް 29، 2020: މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ މުސްތަފާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއިން އަތޮޅުތެރެއަށް ދަތުރު ކުރާ މީހުން ރަށުގައި ކަރަންޓީނުވެގެން ތިބެން ޖެހޭ މުއްދަތު ކުޑަ ނުކުރެވޭނެ ސަބަބު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ސާފުކޮށްދީފި އެވެ.

މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާނަމަ އެ މީހަކު ދާ ރަށެއްގައި 14 ދުވަހު ކަރަންޓީނުވެގެން ހުންނަން ޖެހެ އެވެ. އެ މުއްދަތު ކުޑަ ކުރުމަށް ބައެއް އާންމުން އަންނަނީ އެދެމުންނެވެ.

މިރޭ އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19އާ ގުޅޭ ދިރާސާތަކާ ހަވާލާދެއްވައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ހަމަ އެކަނި ފަސް ދުވަހަށް ކަރަންޓީނު ކޮށްފައި ދޫކުރާ މީހުންގެ ތެރެއިން 45 ޕަސެންޓު މީހުން ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި ހަތް ދުވަހު ކަރަންޓީނުކޮށްފައި ދޫކޮށްލާ މީހުންގެ ތެރެއިން 20 ޕަސެންޓު މީހުން ޕޮޒިޓިވް ވުމުގެ ފުރުސަތު އޮންނަ ކަމަށް ވިދާޅުވި އެވެ. އެގާރަ ދުވަހަށް ކަރަންޓީނު ކުރަންޏާ އެ އަދަދަކީ ތިން ޕަސެންޓެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ބަލި ހުރި މީހަކު ދޫވުމުގެ ފުރުސަތު އެންމެ ކުޑަ ވަނީ 14 ދުވަހަށް ކަރަންޓީނު ކުރުމުންނެވެ. މިވަގުތު ރާއްޖެ އޮތް ހާލަތަށް ބަލައި، ކަރަންޓީނު މުއްދަތު ކުޑަކުރުމަކީ އެންމެ ރަނގަޅު ގޮތަށް ނުވާ ސަބަބު ކިޔައިދެއްވަމުން އޭނާ ވިދާޅުވީ، ހަތް ދުވަހަށް އެ މުއްދަތު ކުޑަކޮށްފި ނަމަ ދޫކޮށްލާ ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެއިން ޕޮޒިޓިވްވި މީހަކު ގާތުން އެހެން މީހަކަށް ބަލި ފެތުރި އަތޮޅު ތެރޭގައި އައުޓްބްރޭކެއް އުފެދިދާނެ ކަމަށެވެ.

އަތޮޅުތަކުގައި ބަލި ވަރަށް ބޮޑަށް ފެތުރިއްޖެ ހާލަތެއްގައި ފަރުވާ ދެވޭނެ ފެންވަރެއް ސިއްހީ ނިޒާމުތަކުގައި ނެތް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެހެންވެ، އަތޮޅުތެރެ ކޮވިޑްއިން ރައްކާތެރިކުރުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މީހުން އެބަ ބުނޭ ބަންދު ކުޑަ ކުރާށޭ. އޭގެ މާނައަކީ ހަތް ދުވަހަށް ކުޑަ ކުރީމަ ސަތޭކައަކުން 20 މީހުން ގެއްލިގެންދާނެއޭ [ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނާނެ]،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"މާލޭގައި ގިނަ ދުވަސްވީމަ މާލެއިންދާ ބައެއް މީހުން ބޭނުންވެދާނެ ފަސޭހައިން ރަށަށް ދާން. އެކަމަކު އަތޮޅު ތެރޭގެ މީހުންގެވެސް ހައްގުތަކެއް އެބަ އޮތް ދެއްތޯ، އެ މީހުންނަށް ރައްކާތެރިކަން ލިއްބައިދޭނެ ގޮތެއް ހަމަ އަޅުގަނޑުމެން ޖެހޭނެ އެ މީހުންނަށް ރައްކާތެރިކަން ދޭން. އެއީ އެތަނުގައި މާލެހާ ހެލްތު ކެޕޭސިޓީ ރަނގަޅެއް ނޫން. މިވަތުވެސް ނޮން ކޮވިޑް ކެއާ ކިރިޔާ ދެވެނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބައެއް ގައުމުތަކުގައި ކަރަންޓީނު މުދައްދަތު ކުޑަކުރީ އެ ގައުމުތަކުގައި 14 ދުވަހުގެ ކަރަންޓީނަށް މީހުން އަމަލު ނުކުރާތީ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. ނަމަވެސް، އެ ގައުމުތަކުގައިވެސް އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މިވަގުތު އިތުރު އައުޓްބްރޭކެއް އައިސްފި ނަމަ ގެއްލުން ބޮޑުވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބޭނެ ވެކްސިންތައް އާންމުންނަށް ފޯރުކޮށްދިނުމަށް ދަތިވާނެތީ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވީ ވެކްސިން ގެނައުމުން، އެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައިވެސް އުޅެން ޖެހޭނީ ޕަބްލިކް ހެލްތު އޮފިޝަލުން ކަމެވެ. އެހެންވެ، އެ އައުޓްބްރޭކު ހުއްޓުވުމަށް މަސައްކަތް ކުރަމުން ވެކްސިން ފޯރުކޮށްދޭން ދަތިވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ވެކްސިން ރޯލް އައުޓް ކުރަންވެސް. އެހެންވީމަ އިތުރު އައުޓްބްރޭކެއް އައިސްފިއްޔާމުން ވަރަށް އުނދަގޫވާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިތުރު ކޮވިޑް އައުޓްބްރޭކެއް އައިސްފި ނަމަ ސިއްހީ އެހެން ހިދުމަތްތައް ދިނުމަށް ދަތިވެގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެހެންކަމުން މި ދުވަސްވަރު އައުޓްބްރޭކަކަށް ނުދާނެހެން އިތުރަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން އެންމެންވެސް އުޅުމަށް ޑޮކަޓަރު އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރު އަޅަން ހުރިހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވުތައް އިތުރަށް ވަރުގަދަ ކުރުން ވަރަށް މުހިންމު މި ދުވަސްވަރު،" ޑރ. ވިދާޅުވިއެވެ.

comment ކޮމެންޓް