ރުޤްޔާގެ ނަމުގައި އާއިލާއަކަށް ގޯނާކުރި މައްސަލައިގައި ދެމީހުން ހައްޔަރުކޮށްފި

--- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރުޤްޔާ ކުރުމުގެ ނަމުގައި އާއިލާއެއް ރަހީނުކޮށް، ޖިންސީ އަދި ޖިސްމާނީ ގޯނާކުރި މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާއާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށްތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭގެ ތެރެއިން 39 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 22:30 ގައެވެ. އަދި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 09:51 ގައެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ ގުޅިގެން އަންނަނީ ކުރަމުންނެވެ.

އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވުމާއެކު، ރައްޔިތުން އެފަދަ މައްސަލަތަކަށް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލައެއްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ފުލުހުންނަށް ނުވަތަ ޖެންޑާ އަށް ރިޕޯޓުކޮށްދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް