މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ޅ. ފެލިވަރަށް ޒިޔާރަތްކުރައްވައި އެވަގުތު ފެލިވަރުގައި ތިބި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައެވެ.
އެމަނިފާނު ފެލިވަރަށް ވަޑައިގެންނެވީ، ފާދިއްޕޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނީ ފެލިވަރަށް ކުރެއްވި ޒިޔާރަތުގައި އެވަގުތު ފެލިވަރު ފަޅުގައި އޮތް މަސްދޯންޏަކަށް އަރާވަޑައިގެން ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް އެމަނިކުފާނު އޮޅުން ފިލުއްވި ކަމަށެވެ.
އެގޮތުން، އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތު މަސްވެރިން ވަނީ ރައީސްއާ ހިއްސާކުރި ކަމަށެވެ.
އަދި މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވެ، އެ މައްސަލަތައް ހައްލުކުރައްވާނެކަމުގައި ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފެލިވަރަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެކި ސަރަޙައްދުތައް ބައްލަވާލައްވައިފިއެވެ.
އެ ޒިޔާރަތުގައި ރައީސް ވަނީ މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އައު ކޯލްޑް ސްޓޯރޭޖްގެ ފަރުމާ ބައްލަވާލައްވާފައިވެއެވެ. އެއަށްފަހު އެ މަނިކުފާނު ވަނީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ތަން ވެސް ބައްލަވާލައްވާފައެވެ.
އޭގެ އިތުރުން ރައީސް ވަނީ ފެލިވަރުގައި މިހާރު މަސްގަނެ ރައްކާކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖްގެ ހާލަތު ބައްލަވާލައްވައި، މަސްބަންދުކުރާ ކާރުޚާނާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
އެމަނިކުފާނު ފެލިވަރަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ޅ. މާފިލާފުށްޓަށް ޒިޔާރަތްކުރައްވާ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ދަތުރުފުޅުގައި ރައީސް ވަނީ މާފިލާފުށީގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ގާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީބީއެސް) ހުޅުއްވައިދެއްވާފައެވެ.