މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ވައްކަމާއި، ފޭރުމާއި އޮޅުވާލުންތަކުން މީހުން އަތުން ނަގާފައިވާ 2.9 މިލިއަނަށް ވުރެ ރުފިޔާގެ ތަކެތި އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަލީ ފާއިޒު ވިދާޅުވީ، މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހު ފުލުހުންގެ ޖެނެރަލް އިންވެސްޓިޖޭޝަން ޔުނިޓަށް 2710 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އެންމެ ގިނައިން ހުށަހެޅުނީ ވައްކަމުގެ މައްސަލަތައް ކަމަށްވެސް ފާއިޒު ވިދާޅުވި އެވެ.
ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާގެ އަގުހުރި މުދާ ހޯދި، އޭގެ ތެރެއިން ބައެއް ތަކެތި ވެރިފަރާތާ ހަވާލުކުރެވިފައިވާ ކަމަށް ފާއިޒު ވިދާޅުވި އެވެ. ފޭރުމުގެ މައްސަލަތަކުގައިވެސް 300،000 ރުފިޔާއަށް ވުރެ އަގުހުރި މުދާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޭމް ކޯލް ފަދަ ގޮތްގޮތަށް އޮޅުވާލައިގެން މީހުން އަތުން ހޯދި ފައިސާގެ ތެރެއިން 600،000އަށް ވުރެ ގިނަ ރުފިޔާ ހޯދައި، އޭގެ ތެރެއިންވެސް ގިނަ އަދަދެއްގެ ފައިސާ ވެރިފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށް ފާއިޒު ވިދާޅުވި އެވެ.
"ޖުމްލަ ގާތްގަނޑަކަށް 2.9 މިލިއަން ރުފިޔާގެ ތަކެތި، ހަމައެކަނި ވޮލިއުމް ކްރައިމް މައްސަލަތަކުގެ ތެރެއިން އަޅުގަނޑުމެން ހޯދައި ވެރިފަރާތްތަކާ ހަވާލުކުރެވިފައިވާކަން ފާހަގަކޮށްލަން،" ފާއިޒު ވިދާޅުވި އެވެ.
އެފަދަ މައްސަލަތައް ގިނަވާ ސަބަބުތައް ބަޔާން ކުރަމުން ފާއިޒު ވިދާޅުވީ، މާލެ ތެރޭގައި އެފަދަ ކުށްތައް ކުރާ ގިނަ އަދެއްގެ މީހުން ދޫވެފައި އެބަ ތިބި ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާ ނުލިބި ދޫވެފައި ތިބި މީހުންނާއި ޕެރޯލްގެ ތެރެއިން ދޫކޮށްފައި ތިބޭ މީހުންވެސް އެފަދަ ކުށްތަކަށް އަރައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުށުގެ ވެށީގައި އުޅޭ ގިނަ މީހުންނަކީ އެފަދަ ކުށްތަކަށް އާންމުކޮށް އަރައިގަންނަ މީހުން ކަމަށް ވިދާޅުވި އެވެ.
ފާއިޒު އިތުރަށް ވިދާޅުވީ، މާލެ ލޮކްޑައުން ކުރި ދުވަސްވަރު ވައްކަން މަދުވި ނަަމަވެސް، ލުއި ދެމުން ދިޔަ ވަރަކަށް ވައްކަމުގެ ރިޕޯޓުތައް އިތުރުވަމުންދާ ކަމަށެވެ.
މީހުންނަށް ފަރުވާ ކުޑަކޮށް ކުރެވޭ ކަންތަކުގެ ސަބަބުންވެސް ވައްކަން އިތުރުވާ ކަމަށް ފާއިޒު ވިދާޅުވި އެވެ. އެގޮތުން ސައިކަލުގެ ވަށިގަނޑުގައި އެއްޗެއް ބާއްވާފައި ދިޔުމާއި ފަތަން ފައިބާ މީހުން އަގުބޮޑު ތަކެތި ދޫކޮށްފައި ދިޔުމާއި ރަނގަޅަށް ތަންތަނުގައި ތަޅުނުލައި ހުރުން ފާހަގަކުރެއްވި އެވެ.
އެންމެ ގިނައިން މަގުމަތިން ފޭރެނީ ފޯނު އަތަށް ނަގައިގެން ބޭނުން ކުރަމުން ދާއިރު ކަމަށްވެސް ފާއިޒު ވިދާޅުވި އެވެ. އެހެންވެ އެކަމަށް ސަމާލުވެ ތިބުމަށް އޭނާ އެދިވަޑައިގަތެވެ.
އެގޮތުން، ހިނގާފައިދާއިރު ފޯނު ބޭނުން ކުރަމުން ނުދިޔުމަށް އެދިވަޑައިގަތެވެ. އަދި އަތް ދަބަސް ފަދަ ތަކެތި މަގާ ދުރު ފަރާތުގައި ބަހައްޓައިގެން ހިނގުމަށް އެދިވަޑައިގަތެވެ. އަދި މީހެއްގެ ފަރާތުން ޝައްކު ކުރެވޭ ކަމެއް ފެނިއްޖެ ނަމަ އެކަމަށް ސަމާލުވެގެން ދިޔުމަށްވެސް އެދިވަޑައިގަތެވެ.
ފޭރިގެންފި ނަމަ، އެކަމެއް ކުރި ބަަޔަކު ދުއްވި ސައިކަލުގެ ކުލައާއި، ލައިގެން ހުރި ތަކެތި ފަދަ ކަންކަން ބެލުމަށް ފާއިޒު އެދިވަޑައިގަތެވެ. އަދި ކަމެއް ހިނގައިފިކަން މަގުމަތީގައި އުޅޭ އެހެން މީހުންނަށް އެންގުމާއި އަވަހަށް ފުލުހުންނަށް ރިޕޯޓު ކުރުންވެސް މުހިންމު ކަމަށް ވިދާޅުވި އެވެ.