ރަސްމީ ދަތުރެއްގައި މިނިސްޓަރު މާރިޔާ ސްރީލަންކާއަށް

މިނިސްޓަރު މާރިޔާ އަހްމަދު ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދައުވަތަކަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް އިން ބުނީ މިނިސްޓަރު ލަންކާއަށް ވަޑައިގަންނަވަނީ މި މަހުގެ 27 ން 28 ގެ ނިޔަލަށް، ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ "އެންއެސްއޭ ލެވަލް މީޓިންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން" ގައި މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރާއްޖޭގެ އިތުރުން، އަވައްޓެރި އިންޑިއާ އާއި ސްރީލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ބައްދަލުވުމުގެ އޮބްޒާވަރުންގެ ތެރޭގައި ބަންގްލަދޭޝް، މޮރިޝަސް، އަދި ސީޝެލްސް ހިމެނެއެވެ.

comment ކޮމެންޓް