ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުންނަށް ފިޔަވަޅު އެޅީ ބޯޑު މީޓިންގެ ކުރިން: އެމްޕީއެލް

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރެއިން ހިންގި ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ މުވައްޒަފުންނަށް ފިޔަވަޅު އަޅަން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ތާއީދު ނުލިބުނުކަމަށް ދެކެވޭ ވާހަކަތައ އެކުންފުނިން ދޮގުކޮށްފިއެވެ.

އެ ކުންފުނީގެ އުޅަނދުތަކަށް ތެޔޮ އެޅުމުގައި ހިންގި އަށް މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފަޅާއަރުވާލީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ކުރެއްވި ޓްވީޓެއްގަ އެވެ.

އޭނާ ކުރެއްވި ޓުވީޓްގައި އެކަމުގައި ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުން އެކަމަށް ކުންފުނީގެ ބޯޑުގެ ތާއީދެއް ނުލިބުނު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑް19ގެ ލޮކްޑައުންގެ ތެރޭގައި އެމްޕީއެލްއިން ހިންގި ބައެއް މުއާމަލާތްތަކުންގެ ތެރޭ ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެއާއެކު ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް ކަމާ ގުޅޭ އިންޓާނަލް އޮޑިޓެއް ހެދުމުގެ މަސައްކަތް މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ފެށި ކަމަށެވެ.

އަދި އިންޓާނަލް އޮޑިޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މުވައްޒަފުން ވަޒީފާގެ މައްސޫލިއްޔަތުން ދުރުކޮށް، ސަސްޕެންޑްކޮށްފައި ވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ މައްސަލައިގެ އިންޓާނަލް އޯޑިޓް ރިޕޯޓުން މިހާތަނަށް ލިބުނު މައުލޫމާތުތައް، އިތުރަށް ތަހުގީގުކުރުމަށް އެ ކުންފުނިން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، މައްސަލައާ ގުޅޭ ތަހުގީގު ވަރަށް ފުޅާ ދާއިރާއެއްގައި އެ ކުންފުނިން ކުރިއަށް ގެންދާ ކަމަށް ވެސް ބުނެފައިވެއެވެ.

އެމްޕީއެލް އިން ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މުވައްޒަފުންނަށް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ 2020 ވަނަ އަހަރުގެ 24 ވަނަ ޖަލްސާގައި ފިޔަވަޅު ނާޅާ ކަމަށް ބުނެ، މީސް މީޑިއާ އާއި ބައެއް ނޫސް މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފައެވެ.

އެމްޕީއެލް އިން ބުނީ އެ މައްސަލައާ ގުޅޭ ކޮރަޕްޝަންގެ އަމަލުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް އެދުވަހުގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި މަޝްވަރާ ކޮށްފައި ނުވާކަމަށެވެ.

"އަދި މިހާރު ސަސްޕެންޝަންގައި ތިބި މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވަނީ މި ދެންނެވުނު ބޯޑު މީޓީން ބޭއްވުމުގެ
ކުރިންކަން ފާހަގަކުރަމެވެ." ބަޔާނުގައިވެއެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނިން ކޮރަޕްޝަނާއި ހިޔާނަތުގެ މައްސަލަތައް، ވަރަށް ސީރިއަސްކޮށް ބަލައި، އެފަދަ ކަންތައްތައް ހުއްޓުވުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

comment ކޮމެންޓް